މުމްބާއީ (ނޮވެމްބަރު 29) – އިންގްލިޝް ޕްރިމިއާ ލީގުގެ ގަދަބާރު މެންޗެސްޓާ ސިޓީ ހިންގާ ސިޓީ ފުޓްބޯލް ގްރޫޕް (ސީއެފްޖީ) އިން އިންޑިއަން ސުޕަ ލީގުގެ މުމްބާއީ ސިޓީ އެފްސީގެ މެޖޯރިޓީ ހިއްސާ ގަނެފި އެވެ.

ސީއެފްޖީން އެ ކްލަބުގެ 65 ޕަސެންޓް ކޮންޓްރޯލް ކޮށްފައިވާއިރު ބާކީ 35 ޕަސެންޓް ހިއްސާ އޮތީ އިންޑިއާގެ މަޝްހޫރު ފިލްމް އެކްޓަރު ރަންބީރް ކަޕޫރް އަދި ބިމަލް ޕަރޭޚް އަތުގަ އެވެ.

"އަހަރެމެން ގަބޫލުކުރަން މި އިންވެސްޓްމަންޓުގެ ސަބަބުން މުމްބާއި ސިޓީ އެފްސީ އާއި ސިޓީ ފުޓްބޯލް ގްރޫޕާއި އަދި ޖުމްލަކޮށް އިންޑިއާ ފުޓްބޯޅަ އަށް ބޮޑެތި ފައިދާތަކެއްކުރާނެ ކަމަށް،" ކުންފުނީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ވިދާޅުވި އެވެ.

ސީއެފްޖީގެ މައި ހިއްސާދާރަކީ އަބޫ ދާބީ ޔުނައިޓެޑް ގްރޫޕެވެ. މީގެ އިތުރުން ޗައިނާ މީޑިއާ ކެޕިޓަލް އާއި އެމެރިކާގެ ސިލްވާ ލޭކްގެ މައިނޯރިޓީ ހިއްސާ އޮވެ އެވެ.

މުމްބާއީ ސިޓީ އެފްސީ އަކީ ސީއެފްޖީން ހިއްސާ ހޯދި އަށް ވަނަ ކްލަބެވެ. މުމްބާއީގެ އިތުރުން އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަނީ މެންޗެސްޓާ ސިޓީ އާއި އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީ އާއި އޮސްޓްރޭލިއަން އޭ ލީގުގެ މެލްބަން ސިޓީގަ އެވެ. މައިނޯރިޓީ ހިއްސާ އޮންނަނީ ޖަޕާނުގެ ޔޮކަހާމާ އެފް. މެރިނޯސް އާއި އުރުގުއޭގެ ކްލަބް އެތުލެޓިކޯ ޓޯކުއޭ އާއި ސްޕެއިނުގެ ޖިރޯނާ އަދި ޗައިނާގެ ސީޗުއާން ޖިއުނިއު އެފްސީގަ އެވެ.

ސިޓީ ފުޓްބޯލް ގްރޫޕުން ގަންނަ ކްލަބްތައް އޮންނަނީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅާލެވިފަ އެވެ. އަދި އެކެޑެމީ ލެވެލްގެ ޕްރޮގްރާމުން ފެށިގެން ހުރިހާ ކަންތައްތަކެއް އެއް މޮޑިއުލުގެ ތެރެއިން ކުރިއަށްދާއިރު، އެކި ޓީމުތަކުގެ މެދުގައި ކުޅުންތެރިން ބަދަލުކުރުމުގެ ކަންތައްތައް ވެސް ކުރިއަށްދެ އެވެ. މީގެ ކުރިން މެންޗެސްޓާ ސިޓީ އަށް ފްރޭންކް ލަމްޕާޑް ކުޅުނީ ވެސް ނިއުޔޯކް ސިޓީ އަށް ބަދަލުވުމަށް ފަހު ހަމަޖެހިގެންދިޔަ އެގްރީމެންޓެއްގެ ތެރެއިންނެވެ.

އެ ކުންފުނިން އެންމެ ފަހުން ހިއްސާ ގަތް މުމްބާއީ އެފްސީ އަކީ އިންޑިއަން ސުޕަ ލީގުގައި ވާދަކުރަން 2014 ވަނަ އަހަރު އުފެއްދި ފްރެންޗެއިސް ކްލަބެކެވެ. އިންޑިއާގެ އެއް ވަނަ ކުޅިވަރު ކަމަށްވާ ކްރިކެޓުގެ ފޯރި އެންމެ ގަދަ ސިޓީ ކަމަށްވާ މުމްބާއީ އަށް ނިސްބަތްވާ މި ކްލަބުން ވަނީ މިދިޔަ ސީޒަނުގައި ސުޕަ ލީގުގެ ތިން ވަނަ ހޯދައިފަ އެވެ. ފުރަތަމަ ފަސް މެޗަށް ފަހު އެ ޓީމު އޮތީ ހަތް ވަނައިގަ އެވެ. އިންގްލެންޑުގެ ކުރީގެ ކުޅުންތެރިޔާ ޕީޓާ ރީޑާއި ފްރާންސްގެ ކުރީގެ މަޝްހޫރު ތަރި ނިކްލަސް އަނެލްކާ ކުރިން ކޯޗުކޮށްދިން މުމްބާއީ އަށް ކުޅުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އުރުގުއޭގެ ކުރީގެ ފޯވާޑް ޑިއެގޯ ފޯލާން ހިމެނެ އެވެ.

އިންޑިއާގައި ފުޓްބޯޅައިގެ މަގުބޫލުކަން ކުޑަ ނަމަވެސް، 2014 ވަނަ އަހަރު ތައާރަފްކުރި ސުޕަ ލީގާ އެކު ފުޓްބޯޅައިގެ ފޯރި އަންނަނީ މަޑުމަޑުން ގަދަވަމުންނެވެ.