މޮސްކޯ (ޖުލައި 17) - ވޯލްޑް ކަޕް ފައިނަލް މެޗު ކުޅެމުން ދަނިކޮށް ދަނޑަށް އެރި ރަޝިޔާގެ އެކްޓިވިސްޓް ގްރޫޕަށް ނިސްބަތްވާ ހަތަރު މީހުން 15 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.
ރަޝިޔާގެ ގްރޫޕެއް ކަމަށްވާ ޕުސީ ރަޔޮޓްސް އަށް ނިސްބަތްވާ ހަތަރު އެކްޓިވިސްޓުން ކުށްވެރިވެފައި ވަނީ ކުޅިބަލާ މީހުންގެ އުސޫލުތަކާ ޚިލާފުވުމާއި ގަވާއިދާޚިލާފަށް ފުލުހުންގެ ޔުނިފޯމް ބޭނުންކޮށްފައިވާތީ އެވެ. އަދި އެ މީހުން ވަނީ ކުޅިވަރުގެ އެއްވެސް އިވެންޓެއްގައި ބައިވެރިވުން ތިން އަހަރަށް މަނާކޮށްފަ އެވެ.
ރަޝިޔާގައި އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގާ އަމަލުތަކާ ދެކޮޅަށް އަޑު އުފުލާ ޕުސީ ރަޔޮޓްސްގެ ހަތަރު މެންބަރުން ފްރާންސާއި ކްރޮއޭޝިއާ ކުޅުނު ވޯލްޑް ކަޕް ފައިނަލް މެޗުގެ 52 ވަނަ މިނިޓުގައި ދަނޑަށް އެރުމާ އެކު ސެކިއުރިޓީން އެ މީހުންގެ ފަހަތުން ގޮސް ހިފަހައްޓައި ދަނޑުން ބާލައިފަ އެވެ. އެ މީހުން ދަނޑަށް އެރުމުން 25 ސިކުންތަށް ކުޅުން ހުއްޓާލަން ޖެހުނެވެ.
ދަނޑަށް އަރާފައި ވަނީ ތިން އަންހެނުންނާއި ފިރިހެނެކެވެ. އެ މީހުން ތިބީ ފުލުހުންގެ ޔުނިފޯމުގަ އެވެ. ދަނޑަށް އެރި އެއް އަންހެނަކު ވަނީ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ އަށް ހައި-ފައިވް ސެލިއުޓެއް ވެސް ދީފަ އެވެ. އެކަމަކު ދަނޑަށް އެރި ފިރިހެން އެކްޓިވިސްޓާ ދިމާލަށް ކްރޮއޭޝިއާގެ ޑިފެންޑަރު ޑިޖާން ލޮވްރެން ވަނީ ރުޅި އައިސްގެން ހަޅޭއްލައްވައިފަ އެވެ. ލޮވްރެން ފަހުން ބުނީ އެ މީހާ ދަނޑުން ބޭރަށް އެއްލާލަން ވެސް އޭނާ ހިތަށް އެރި ކަމަށެވެ.
ޕުސީ ރަޔޮޓްސް އިން މީގެ ކުރިން ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ދެކޮޅަަށް އިހްތިޖާޖްކޮށްފަ އެވެ. ޕުޓިންއާ ދެކޮޅަށް ހިންގި ހަރަކާތަކާ ގުޅިގެން އެ ގްރޫޕުގެ ތިން މެންބަރަކު 2012 ވަނަ އަހަރު ވަނީ ޖަލަށް ލައިފަ އެވެ. ދަނޑަށް އެރި ފިރިހެނަކީ ޖަލަށްލާފައިވާ އަންހެނެއްގެ ފިރިމީހާ އެވެ.
ޕުސީ ރަޔޮޓްސް އިން ބުނީ އެ ގްރޫޕުގެ އެކްޓިވިސްޓުން ދަނޑަށް އެރީ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި އާއްމު އެއްވުންތަކުން މީހުން ހައްޔަރު ކުރުން ހުއްޓުވުމަށާއި ވާދަވެރި ސިޔާސީ ހަރަކާތަށް ޖާގަ ދިނުމަށް ޑިމާންޑް ކުރުމަށް ކަމަށެވެ.