އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުން ވަކިވުމުގެ އިޝާރާތެއް ލިއޮނަލް ކޯޗު ލިއޮނަލް ސްކަލޯނީ ދީފި އެވެ.

ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން އަތުން، އާދިއްތަ ދުވަހުގެ ރޭ ބަލިވި މެޗަށް ފަހު ސްކަލޯނީ ބުނީ އޭނާއާ އެކު، އާޖެންޓީނާގެ އެފްއޭއިން ހަދާަފައިވާ އެއްބަސްވުން ހަމަވަންދެން މަގާމުގައި ދެމިހުންނާނެ ކަމަށެވެ. އެ އެއްބަސްވުން ހަމަވާނީ ޑިސެމްބަރުގެ ނިޔަލަށެވެ. 

"އަހަރެން ފެޑެރޭޝަނުގެ ރައީސްއާ ވާހަކަދައްކާނަން. އަހަރެން ކުރަން ބޭނުންވާ ކަންތައްތަކުގެ ހިޔާލެއް އަހަރެންގެ އެބައޮތް. އަހަރެންގެ އެއްބަސްވުން ހަމަވަންދެން މަގާމުގައި ހުންނާނަން،" މެޗަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ބުންޏެވެ. 

އުމުރުން 48 އަހަރުގެ ސްކަލޯނީއާ، އާޖެންޓީނާގެ ކޯޗުކަން ހަވާލު ކުރީ ވޯލްޑް ކަޕް 2018 ގެ މުބާރާތުގެ ގަދަ 16 އިން އެ ޓީމު ކެޓުމުން، އޭރު ހުރި ކޯޗު ހޯޖޭ ސަމްޕައޮލީގެ ބަދަލުގަ އެވެ. ސަމްޕައޮލީގެ ކޯޗިން ޓީމުގައި އެސިސްޓެންޓް ހުރީ ސްކަލޯނީ އެވެ. 

ހެޑް ކޯޗެއްގެ ގޮތުގައި، އޭރު ބޮޑު ތަޖުރިބާއެއް ކޮށްފައި ނެތް، ސްކަލޯނީއާ އާޖެންޓީނާގެ ޓީމު ހަވާލު ކުރުމުން ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެކަމަކު އޭގެ ހަތަރު އަހަރު ފަހުން އޭނާ ވަނީ އެ ގައުމަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި ދީފަ އެވެ. 

ސްކަލޯނީ ޕްރެސް ކޮންފަރެންސްގައި ރޮނީ (ފޮޓޯ: ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް
ސްކަލޯނީ ޕްރެސް ކޮންފަރެންސްގައި ރޮނީ (ފޮޓޯ: ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް

އާޖެންޓީނާގެ ކުރީގެ ކޯޗު ކާލޯސް ބިލާޑޯ 1986 ގެ ވޯލްޑް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީ، ޖެހިގެން އައި 1990 ގެ މުބާރާތުގެ ފައިނަލަށް ވެސް ގެންގޮސްދިނެވެ.

ބިލާޑޯގެ ކާމިޔާބަށް ވުރެ ސްކަލޯނީގެ ކާމިޔާބު ބޮޑެވެ. އޭނާ ވަނީ ކޮޕާ އެމެރިކާގެ ދެ މުބާރާތް ވެސް އާޖެންޓީނާ އަށް ކާމިޔާބު ކޮށްދީފަ އެވެ.

"އެކަމަކު މިހާ ބޮޑު ކާމިޔާބީއެއް ދެން ދެވަނަ ފަހަރަށް ހޯދިދާނެ ކަމެއް ނޭނގެ. މިކަމާ މެދު ވިސްނާލަން ވަގުތު ބޭނުންވޭ. އަދި އަހަރެމެންގެ މެދުގައި މި މަޝްވަރާތައްކޮށްގެން ކަންކަން ހަމަޖައްސަން ޖެހޭ ކަމަށް ދެކެން،" އޭނާ ބުންޏެވެ. 

އޭނާ ބުނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗަކަށް ވުމަކީ ކޮންމެ މީހެއްގެ ވެސް އުއްމީދެއް ކަމަށެވެ.

"އަހަރެން މިހާރު މިހުރި މަގާމަށް އައުމުގެ ފުރުސަތު ދެއްވީތީ ރައީސްއަށް ޝުކުރު އަދާކުރަން. މިއީ ހަމަ ކޮންމެ މީހެއްގެ ވެސް ހުވަފެނީ މަގާމެއް،" ސްކަލޯނީ ބުންޏެވެ. 
އޭނާ ބުނީ އާޖެންޓީނާ އަށް ވޯލްޑް ކަޕްގައި ވިދިވިދިގެން ދެވަނަ ފައިނަލަކަށް ދެވިދާނެ ކަމަށް އޭނާ އާއި އޭނާގެ ކޯޗުން ޓީމުން ވެސް އުއްމީދު ނުކުރާ ކަމަށެވެ. 

"އަހަރެން ވެސް އަދި އަހަރެންގެ ކޯޗިން ވެސް މިފަދަ މަގާމަކަށް އާދެވޭނެ ކަމަކަށް ދުވަހަކު ވެސް ހީއެއް ނުކުރޭ،" ސްކަލޯނީ ބުންޏެވެ.

ތަށި ދިފާއު ކުރުމަށް ފަހު ސިކުންތާ ޖެހެންދެން ވެސް މުޅި ކޯޗިން ޓީމާއި ކުޅުންތެރިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިކަމަށް އޭނާ ބުންޏެވެ. 

އެކަމަކު ނާކާމިޔާބުވުމުން، ސްކަލޯނީގެ ރާގު ހުރީ އޭނާގެ މަގާމަށް ވެސް ބަދަލު ގެންނަންޖެހޭކަން ދޭހަވާ ފަދަ ގޮތަކަށެވެ.

"އެހެންވީމާ އަމިއްލަ ނަފްސަށް ވަގުތުދީ. މިކަމާ މެދު ފުންކޮށް ވިސްނާލަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރަން،" ލޮލުން ކަރުނަ ފޮހެމުން ސްކަލޯނީ ވާހަކަ ދެއްކި އެވެ. 

"އެހެންވީމާ ކުރިއަށްދާން ބޭނުން ނަމަ ވިސްނުން ބަދަލުކޮށް މުޅިން އާ ހިތްވަރަކާ އެކު ފަށަން އެބަޖެހޭ. މިކަހަލަ ވަރުގަދަ (ކުޅުންތެރިންގެ) ގްރޫޕެއް އަލުން އުފެއްދުމަކީ ވަރަށް އުނދަގޫ ކަމެއް."

މިފަހަރުގެ ވޯލްޑް ކަޕަށް ސްކަލޯނީ ގެންދިޔަ ސްކޮޑްގެ ހިމެނުނު ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިންނަކީ ގަތަރުގައި 2022 ގެ މުބާރާތް ކާމިޔާބު ކުރި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިންނެވެ.

އޭނާ ބުނީ އެ ކުޅުންތެރިންގެ ގުރޫޕަށް ދެވަނަ ފަހަރަށް އެ ކާމިޔާބު ހޯދައި ނުދެވުމުން ވަރަށް ހިތްދަތިވި ކަމަށެވެ.

"އަހަރެން ވަރަށް ދެރަވޭ،" އޭނާ ބުންޏެވެ.

ސްކަލޯނީ ޕްރެސް ކޮންފަރެންސްގައި ރޮނީ (ފޮޓޯ: ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް
ސްކަލޯނީ ޕްރެސް ކޮންފަރެންސްގައި ރޮނީ (ފޮޓޯ: ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް

"އަހަރެމެންނަށް މަދުވި ހިތްވަރާއި ހަކަތަ ގެނެސްދިން ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން."

އިތުރު ވަގުތުގެ ދެ ހާފަށް ދިޔަ މެޗުގައި، އެ ދެ ހާފް އާޖެންޓީނާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ދެވަނަ ހާފުގެ ފަހު ވަގުތުގައި އެ ޓީމުގެ މިޑްފީލްޑަރު އެންޒޯ ފެންާންޑޭޒަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑް ދެއްކުމުންނެވެ.

އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ސްކަލޯނީ ބުނީ މުޅި މެޗު އޮތީ ދެ ޓީމަށް ވެސް ހަމަހަމަކޮށް ކަމަށެވެ. 

"އެކަމަކު ފަހު ވަގުތު ކަންކަން ދިޔައީ އަހަރެމެން ބޭނުންވި ގޮތަކަށް ނޫން. ސްޕެއިންއިން މެޗު ކާމިޔާބު ކުރީ ހައްގުވެގެން. އެއީ ހަގީގަތަކީ. އަހަރެމެން އެކަން ގަބޫލުކުރަން ޖެހޭނެ،" އޭނާ ބުންޏެވެ. 

"އެކަމަކު ހަގީގަތަށް ބުނާ ނަމަ އަހަރެމެން ތިބީ ކާމިޔާބީއާ ވަރަށް ގާތްކޮށް. ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް އެހީތެރިވި ހުރިހާ ކުޅުންތެރިންނަށާއި އެހީތެރިވި އެންމެންނަށް ޝުކުރު އަދާކުރަން."

މި މުބާރާތަކީ އާޖެންޓީނާގެ ކެޕްޓަން އުމުރުން 39 އަހަރުގެ ލިއޮނަލް މެސީގެ ފަހު މުބާރަތަށް ވުން އެކަށީގެންވެ އެވެ. ދެން ވޯލްޑް ކަޕް އޮންނާނީ 2030 ގަ އެވެ. އެ މުބާރާތުގެ ހާއްސަ މެޗެއް އާޖެންޓީނާގައި ވެސް ކުޅޭނެ އެވެ. އެ މުބާރަތާ ހަމައަށްދާއިރު، މެސީ އަށް 43 އަހަރު ފުރޭނެ އެވެ.