ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރެސްޓެއް ބޭނުން ނުވާ ކަމަށް، އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.
ރޮނާލްޑޯ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އަޅާކިޔުން އަބަދުވެސް އޮވެ އެވެ. އެއީ މިދިޔަ 15 އަހަރުގެ ފުޓްބޯޅައިގެ އެންމެ ބޮޑު އަޅާކިޔުމެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި، ރޮނާލްޑޯއާ މަޝްހޫރު ބައެއް އެހެން ކުޅުންތެރިންނާ އަޅައި ކިއުމުގެ ސިލްސިލާއެއް މިހާރު ވަނީ ފެށިފަ އެވެ.
ގުރޫޕް ސްޓޭޖްގައި އާޖެންޓީނާ ކުލުނު ތިން މެޗުގެ ތެރެއިން، މެސީ ފުރިހަމަ ވަގުތު ހަމަ ކުރި ދެ މެޗުގަ އެވެ. މިފަހަރު ވޯލްޑް ކަޕްގައި ރޮނާލްޑޯއާ އަޅާ ކިޔާ އަނެއް ކުޅުންތެރިޔަކީ ނޯވޭގެ އާލިން ހާލަންޑެވެ. ނޯވޭ އެންމެ ފަހުން ކުޅުނު މެޗުގައި، ހާލަންޑް ވެސް ބެންޗުގައި ވަގުތު ހޭދަ ކުރި އެވެ.
މަޝްހޫރު އެހެން ކުޅުންތެރިން، އަރާމުކުރަން ވަގުތު ދޭއިރު ރޮނާްލްޑޯ އަށް އެ ފުރުސަތު ނުދެނީ ކީއްވެގެންތޯ ސުވާލު ކުރުމުން މާޓީނޭޒް ބުނީ ރޮނާލްޑޯގެ ބޭނުންތަކާއި، ލިއޮނަލް މެސީ ނުވަތަ އާލިން ހާލަންޑްގެ ބޭނުންތަކާ އަޅާކިޔުމަކީ، ކުޑަކުދިން ކުރާ ފަދަ ކަމެއް ކަމަށެވެ.
މާޓިނޭޒް ބުނީ އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގެ ކޮންމެ މިނެޓެއްގައި ވެސް ކުޅުމުގެ ޖިސްމާނީ އަދި ނަފްސާނީ ގާބިލުކަން ހުރި ކުޅުންތެރިއެއް ކަމަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ކޭ ގައި ހޮނިހިރު ދުވަހު ކޮލަމްބިއާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގެ ވެސް ރޮނާލްޑޯ ވަނީ ކުޅެފަ އެވެ. މިއާ އެކު ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅުނު ތިން މެޗުގެ ޖުމްލަ 270 މިނެޓު ވެސް އޭނާ ވަނީ ދަނޑުމަތީގައި ހޭދަކޮށްފަ އެވެ.
ކޮލަމްބިއާ މެޗުގައި ރޮނާލްޑޯގެ ފަރާތުން މާބޮޑު ނުރައްކަލެއް ފެނިފައި ނުވެ އެވެ. އެ މެޗު އެއްވަރުވުމުން ޕޯޗުގަލްއަށް ލިބުނީ ގްރޫޕްގެ ދެވަނަ އެވެ.
މުބާރާތުގެ ފަހު ގްރޫޕް މެޗުތަކުގައި ނޯވޭއިން ހާލަންޑް އަދި އާޖެންޓީނާއިން މެސީއަށް އަރާމުކުރަން ފުރުސަތު ދިން ނަމަވެސް، އެހެން ޓީމުތަކުން އެގޮތަށް އަމަލުކުރިލީތީ ރޮނާލްޑޯ ބެންޗުގައި ބައިންދަންޖެހޭ ސަބަބެއް ނެތް ކަމަށް މާޓިނޭޒް ބުންޏެވެ.
"އަހަރެމެން އެހެން ޓީމުތަކުގެ ކުޅުންތެރިންނާ އަޅައެއް ނުކިޔާނަން. "އެގޮތަށް އަޅާކިޔުމަކީ ހަމަ ކުޑަކުދިން ކުރާ ކަހަލަ ކަމެއް،" ރޮނާލްޑޯއަށް އަރާމުނުދިނީ ކީއްވެގެންތޯ ސުވާލުކުރުމުން މާޓިނޭޒް ބުންޏެވެ.
"ކްރިސްޓިއާނޯއަކީ ދަނޑުމަތީގައި ރަނގަޅު ވަގުތުގައި ރަނގަޅު މަގާމެއްގައި ހުންނަން ދަންނަ ކުޅުންތެރިއެއް. މިއީ އޭނާގެ ނަފްސާނީ ވަރުގަދަކަމާ އަބަދުވެސް އެއްގޮތެއްގައި ހިފެހެއްޓުމުގެ ޑިސިޕްލިން ހަމަލާތަކުގައި ޖާގަ ހެދުމާ ގުޅިފައިވާ ކަމެއް،" ކޯޗު އިތުރަށް ބުންޏެވެ.
މާޓިނޭޒް ފާހަގަކުރި ގޮތުގައި، ރޮނާލްޑޯ ފުރިހަމަ 90 މިނެޓު ކުޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ކުރިއަށް އޮތް މެޗުގައި އޭނާއަށް ވެސް ބަދަލެއް އަތުވެދާނެ އެވެ.
ޕޯޗުގަލްއިން މިހާތަނަށް 21 ކުޅުންތެރިން ބޭނުންކޮށްފައިވެ އެވެ. މެޗުތަކާއި ފަރިތަކުރުންތަކުން ލިބޭ ޑޭޓާއަށް ބަލައި ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނަކަން ކޯޗު ފާހަގަކުރި އެވެ. 45 މިނެޓުގެ ކުޅުން ބަހާލާފަ އެވެ.
ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއަށް ނުލިބުމުން، މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިނަމަ، ޔޫރޯ 2024 ގެ ޗެމްޕިއަން ސްޕޭނާ ދެކޮޅަށް ނުކުންނަން ޖެހުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ.