މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓާ ދެކޮޅަށް 3-2 އިން ކުރި ހޯދައި މިސްރު ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ގައުމު، މިސްރު ވަނީ ހަތަރު ވަނަ މިނިޓުގައި، މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އުމަރު މަރުމޫޝްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އަދި 32 ވަނަ މިނިޓުގައި ޑިފެންޑަރު ރަމީ ރާބިއާ ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް، ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް އެ ޓީމު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުން އައިވަރީ ކޯސްޓް ފަރަގު ކުޑަ ކުރި އެވެ.

މަރުމޫޝް މިސްރުގެ ދެވަނަ ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
މަރުމޫޝް މިސްރުގެ ދެވަނަ ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ނަމަވެސް ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ލިވަޕޫލަށް ކުޅޭ ފޯވާޑް މުހައްމަދު ސަލާހު އެ ޓީމަށް އަލުން ދެ ގޯލުގެ ލީޑު ހޯދައިދިނެވެ.

މި ގޯލަށް ފަހު އައިވަރީ ކޯސްޓުން ކުރި މަސައްކަތުން 73 ވަނަ މިނެޓުގައި، ޕީއެސްޖީ އާއި ފްރާންސް އަށް ކުޅޭ ޑިޒިރޭ ޑޫއޭގެ ކޮއްކޮ، ގެލާ ޑޫއޭ ލަނޑެއް ޖަހައިދިން ނަމަވެސް އިތުރު ލަނޑެއް ނުޖެހުނެވެ.

ނައިޖީރިއާގެ އެކޯ އެޑަމްސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ނައިޖީރިއާގެ އެކޯ އެޑަމްސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެންމެ ފަހުގެ ރަނަރަޕް، ނައިޖީރިއާ ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ނައިޖީރިއާ ފައިނަލަށް ދަތުރު ކުރީ 2-0 އިން އަލްޖީރިއާ ބަލި ކޮށްގެންނެވެ.

ދެވަނަ ހާފުގައި، މެޗުގެ 47 ވަނަ މިނިޓުގައި ނައިޖީރިއާގެ ވިކްޓާ އޮސިމްހެން އެ ޓީމަށް ލީޑު ނަގައިދިން އިރު، ދެވަނަ ލަނޑު އޭގެ 10 މިނިޓް ފަހުން ޖެހީ ސެވިއްޔާ އަށް ކުޅޭ ސްޓްރައިކަރު އެކޯ އެޑަމްސް އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ 10 ޖަހާއިރު މިސްރު ނުކުންނާނީ ސެނެގާލާ ދެކޮޅަށެވެ. އަދި އެ ރޭ ދަންވަރު 1 ޖަހާއިރު ނައިޖީރިއާ އާއި މޮރޮކޯ ވެސް ބައްދަލު ކުރާނެ އެވެ.