ލަންޑަން (ޖެނުއަރީ 6) - ހަ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން އިންގްލެންޑްގެ ޗެލްސީ، ފްރާންސްގެ ސްޓްރާސްބޯގްގެ ކޯޗުކަމުގައި ހުރި 41 އަހަރުގެ އިނގިރޭސި ކޯޗު ލިއަމް ރޮސޭނިއާ އެކު، އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެންޒޯ މަރެސްކާ މަގާމުން ދުރުކުރުމާ އެކު، ޗެލްސީ ދާއިމީ ކޯޗެއް ހޯދަން ކުރި މަސައްކަތުގައި އެ ކްލަބުން އައީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކްލަބްގެ ވެރިން ކަމަށްވާ ބްލޫސް އެންޑް ކޯ އިން ފްރާންސްގައި ހިންގާ ސްޓްރާސްބޯގްގެ ކޯޗު ގެންނަން މަސައްކަތް ކުރަމުންނެވެ. މިއާ ގުޅިގެން ސްޓްރާސްބޯގްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ކްލަބްގެ ރައީސްގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ.
ޗެލްސީގެ ކޯޗުކަން ލިބުމާ އެކު، ވަރަށް ބޮޑަށް އުފާވެފައި ހުރި ރޮސޭނިއާ ބުނީ އޭނާގެ މުޅި ހަޔާތުގައި މަސައްކަތް ކުރީ މި ފެންވަރުގެ ކޯޗުކަން ކޮށްދޭނެ ފުރުސަތެއް ހޯދަން ކަމަށާއި އޭނާ މި ހަވާލުވީ ޝަރަފުވެރި މަގާމަކާ ކަމަށެވެ.
ފުލަމްއާ އެކު، 2000ގެ މެދުތެރޭގައި ޕްރިމިއާ ލީގު ވެސް ކުޅުނު ރޮސޭނިއާ ވަނީ ފަހުން ރެޑިން އާއި ހަލް ސިޓީ އަދި ބްރައިޓަލް އަށް ވެސް ޕްރިމިއާ ލީގުގައި ކުޅެފަ އެވެ.
އެންމެ ފަހުން 2018 ގައި ބްރައިޓަން އަށް ކުޅުމަށް ފަހު، އޭނާ ފުރަތަމަ ކޯޗިން ފެށީ 2022 ގައި ޑާބީ ކައުންޓީގެ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އެ އަހަރުގެ ފަހުކޮޅު ހަލް ސިޓީއާ ހަވާލުވެ، ދެ ސީޒަނަށް ފަހު ސްޓްރާސްބޯގާ އޭނާ ހަވާލުވީ ޖުލައި 2024 ގަ އެވެ.
ރޮސޭނިއާ ޗެލްސީއަށް ބަދަލުވުމާ ގުޅިގެން ސްޓްރާސްބޯގްގެ ސަޕޯޓާސް ފެޑެރޭޝަނުން ވަނީ ކްލަބްގެ ކުރިމަގު އޮތީ ބަނަކޮށް ކަމަށް ބުނެ، ބަޔާނެއް ވެސް ނެރެފަ އެވެ. އަދި ބްލޫސް އެންޑް ކޯ އިން ސްޓްރާސްބޯގް ދެކެނީ ޗެލްސީގެ ރިޒާވް ޓީމެއްގެ ގޮތުގައި ކަމަށާއި ކްލަބްގެ ކޯޗު ޗެލްސީ އަށް ގެންދިޔުމަކީ ބްލޫސް އެންޑް ކޯއިން އެޅި "ލަދުވެތި ފިޔަވަޅެއް" ކަމަށް ވެސް ސަޕޯޓާސް ފެޑެރޭޝަނުން ބުންޏެވެ.
މަރެސްކާ ނެތި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި މި ހަފުތާގައި ވަނީ، ކްލަބްގެ 21 އަހަރާއި 19 އަހަރުން ދަށުގެ ކޯޗު މެކް ފެލާންގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީއާ އެއްވަރު ކޮށްފަ އެވެ.
ރޮސޭނިއާގެ އިރުޝާދުގެ ދަށުން ފްރާންސް ލީގު ހަތްވަނައިގައި ނިންމި ސްޓްރާސްބޯގް އަންނަނީ މި ސީޒަންގައި ޔޫއެފާ ކޮންފަރެންސް ލީގު ކުޅެމުންނެވެ. އަދި ސްޓްރާސްބޯގް ވަނީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ގަދަ 16 އިން ވެސް ޖާގަ ހޯދައިފަ އެވެ.
ރޮސޭނިއޯގެ ބަދަލުގައި ސްޓްރާސްބޯގުން މިއަދު ވަނީ، ކުރިން ބޯންމަތާއި ވުލްވްސް އަށް ކޯޗު ކޮށްދިން ގެރީ އޯ ނީލް ހެޑް ކޯޗުގެ މަގާމަށް ގެނެސްފަ އެވެ. ޗެލްސީ މާދަމާ ރޭ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭނީ މެކް ފެލާން އެވެ. ރޮސޭނިއާ ޗެލްސީގައި އެންމެ ފުރަތަމަ ކޯޗު ކޮށްދޭ މެޗަކަށް ވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެފްއޭ ކަޕް ތިންވަނަ ބުރުގައި ޗާލްޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.