ލަންޑަން (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި އާ އަހަރުގެ ފުރަތަމަ ރޭ ކުޅުނު ހަތަރު މެޗު ވެސް އެއްވަރު ވެގެން ނިމިއްޖެ އެވެ.

ހަތަރު މެޗުގެ ތެރެއިން ތިން މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު، އަނެއް މެޗުން ފެނުނީ ދެ ގޯލެވެ.

ގޯލު ޖެހި ހަމައެކަނި މެޗުން، ކްރިސްޓަލް ޕެލަސް އާއި ފުލަމް އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ އިތުރު ވަގުތުގައި މުޅިން ހުސްކޮށް ހުރެ ފުލަމްގެ ކުޅުންތެރިއަކު ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި އެ ޓީމު، 16 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗާއި ބްރެންތްފޯޑާއި ޓޮޓްނަމް ހޮޓްސްޕާ އަދި މެންޗެސްޓާ ސިޓީ އާއި ސަންޑަލެންޑް ބައްދަލުކުރި މެޗު ވަނީ 0-0 އިން އެއްވަރު ވެފަ އެވެ.

ލިވަޕޫލާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ލިވަޕޫލާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ކުރިން ލީޑްސް ކުޅުނު ހަ މެޗުގައި ވެސް ގޯލު ޖެހި ފޯވާޑް ޑޮމިނިކް ކެލްވާޓް-ލެވީން ފެށީ ބެންޗުންނެވެ. ކޯޗު އޭނާ ކުލެން އެރުވީ ފަހު 20 މިނިޓަށެވެ. މިދިޔަ މަހު ލިވަޕޫލާ ދެކޮޅަށް 3-3 އިން އެއްވަރުވި މެޗުގައި ވެސް އޭނާ ލަނޑު ޖެހި އެވެ.

ލީގު ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ސަންޑަލެންޑް އަތުން މޮޅު ނުވެވުމުން، އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ބޮޑުވެފަ އެވެ. ސިޓީ އަށް 19 މެޗުން 41 ޕޮއިންޓް ލިބިފައި ވާއިރު، 39 ޕޮއިންޓާ އެކު ތިންވަނައިގައި އޮތް އެސްޓަން ވިލާ މި ހަފުތާގައި ބަލިކޮށް އާސެނަލް ވަނީ 45 ޕޮއިންޓް ހޯދައިފަ އެވެ.

ލިވަޕޫލް ހަތަރުވަނައިގައި އޮތީ 33 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތް ޗެލްސީ އާއި ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.

މި ސީޒަންގައި ޕްރޮމޯޓްވި ސަންޑަލެންޑް އޮތީ 29 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ.

ރޭގެ މެޗަކީ ސަންޑަލެންޑް ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗެވެ. މިދިޔަ މަހު ސިޓީގެ ދަނޑުގައި 3-0 އިން ބަލިވި ނަމަވެސް ސަންޑަލެންޑް އަންނަނީ މި ސީޒަންގައި ތަފާތު މޮޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ޗެލްސީއާ ވާދަކޮށް މޮޅުވެފައި ވާއިރު، އާސެނަލް އާއި ލިވަޕޫލާ ވާދަކޮށް ވެސް ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ. ލީގުގައި އެ ޓީމު މިހާތަނަށް ބަލިވެފައި ވަނީ ހަތަރު މެޗުންނެވެ.