ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށާއި އެހެންވެ ބައިނަލްއަގްވާމީ ފުޓްބޯޅައިން އަދި ރިޓަޔާނުކުރާ ކަމަށް އާޖެންޓީނާއާ އެކު ރޭ ވޯލްޑް ކަޕް ކާމިޔާބުކުރި ލިއޮނަލް މެސީ ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާގެ ކެރިއަރުގައި ނުލިބި އޮތް ހަމައެކަނި ތަށި ހާސިލްކުރެވުމާ އެކު، ޝަރަފާ އެކު ގައުމީ ޓީމަށް އަލްވަދާއު ކިޔާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަމުދުން މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް މުބާރާތުގެ ކުރިން މެސީ ބުނެފައި އޮތުމުންނެވެ.

"ސުވާލެއް ނެތް، އަހަރެން ބޭނުންވީ މި ކާމިޔާބާ އެކު ކެރިއަރު ނިންމާލަން. މިއަށް ވުރެ އިތުރަށް ދެން ހޯދަން އެދޭނެ އެއްޗެއް ނެތް. ކޮޕާ އެމެރިކާ ލިބިއްޖެ. ދެން މިހާރު ވޯލްޑް ކަޕް މި ލިބުނީ،" މެސީ ބުންޏެވެ.

އެކަމަކު މެސީ ބުނީ، އޭނާ ފުޓްބޯޅަ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި، ގައުމީ ޓީމަށް ކުޅެން ވެސް އަބަދުވެސް ލޯބިކުރާ ކަމަށެވެ. އެހެންވެ ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޖާޒީގައި އިތުރު މެޗުތަކެއް ކުޅެން ބޭނުންވަނީ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ރިޓަޔާއެއް ނުކުރާނަން. އަހަރެން ބޭނުން ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ކުޅުން ކުރިއަށް ގެންދަން،" މެސީ ބުންޏެވެ.

މެސީ ބުނީ ވޯލްޑް ކަޕަކީ އޭނާ އަށް ލިބުނު އެންމެ ހިތްހަމަޖެހުން ބޮޑު ހަދިޔާ ކަމަށާއި، މިއީ އޭނާ އަށް ލިބެން އޮތް ތަށްޓެއް ކަމުގެ އިހުސާސްކުރެވޭ ކަމަށެވެ.

"އަހަރެމެން ކިހާ ބޮޑެތި އުނދަގޫތަކާ ކުރިމަތިލިން؟ އެކަމަކު އެންމެ ފަހުން ކާމިޔާބު ލިބުނީ އަހަރެމެންނަށް،" މެސީ ބުންޏެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވެސް ވަނީ މެސީ ބޭނުން ނަމަ ގައުމީ ޓީމަށް ކުޅުން ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެފަ އެވެ. މެސީއާ އެކު ކުރިން އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު ސްކަލޯނީ ވަނީ އުތުރު އެމެރިކާގައި 2026 ގައި އޮންނަ ވޯލްޑް ކަޕާ ހަމައަށް މެސީ ކުޅެން ވެސް ލަފާ ދީފަ އެވެ.

"އާޖެންޓީނާ އަށް ކުޅުން ކުރިއަށް ގެންދާނީތޯ ނުވަތަ ހުއްޓާލާނީތޯ ނިންމުމުގެ ފުރިހަމަ ބާރު މެސީ އަށް އެބައޮތް. އޭނާގެ ފަރާތުން ކުޅުންތެރިންނަށް އެ ލިބޭ ހިތްވަރު އެއީ އޭގެ ދެ ވަނަ އެއް ނެތް ފަދަ އެއްޗެއް،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ އެހެން ބުނި ނަމަވެސް ދެން އޮންނަ ވޯލްޑް ކަޕަކާ ހަމައަށް މެސީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ބެލެވޭ ގޮތުގައި އޭނާ ދެން ގައުމީ ޓީމަށް ކުޅޭނީ ގިނަ ވެގެން އަހަރެއްހާ ދުވަހު އެވެ.