ވޯލްޑް ޓޭބަލް ޓެނިސް ޖޫނިއާ ޗެމްޕިއަންޝިޕެއްގައި ރާއްޖެ ފުރަތަމަ ފަހަރަށް ތަމްސީލު ކުރުމުގެ ޝަރަފް ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

ޑިސެމްބަރު 2-8 ޕޯޗްގަލްގެ ވިލަ ނޮވާ ޑިގާޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ދީމާ ކޮލިފައިވީ ވޯލްޑް ރޭންކިންގައި އޭނާ އޮތް މަގާމުގެ ސަބަބުންނެވެ. ދީމާ އަކީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 20 ވަނަ އެވެ. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް އޭނާ ޖެހިލި އެވެ. އަދި 17 އަހަރުން ދަށުގެ ކެޓެގެރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ހިމެނުނެވެ.

ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ދީމާ ކޮލިފައިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދީމާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ގައުމީ ޗެމްޕިއަން ވަނީ އިއްޔެ އޮމާންގެ މަސްކަޓްގައި ނިމިގެން ދިޔަ ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓެގެރީގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދީމާ ދަތުރު ކުރީ ގުރޫޕް ސްޓޭޖުގައި ޕާކިސްތާނާއި އުޒްބެކިސްތާންގެ ދެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އެވެ. ޕާކިސްތާނުގެ ހޫރު ފަވާދުގެ މައްޗަށް ދީމާ ކުރި ހޯދީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމް ދީމާ ކާމިޔާބު ކުރީ 11-8 އިންނެވެ. ދެ ވަނަ ގޭމް ކާމިޔާބު ކުރީ 11-4 އިންނެވެ. ތިން ވަނަ ގޭމް ކާމިޔާބު ކުރީ 11-9 އިންނެވެ.

ދެ ވަނަ މެޗުގައި އުޒްބެކިސްތާންގެ ޑިޔޯރާ ޓޮޝްޕުލާޓަވާއާ ދެކޮޅަށް ވެސް ދީމާ މެޗު ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމް ކާމިޔާބު ކުރީ 12-10 އިންނެވެ. ދެ ވަނަ ގޭމް ކާމިޔާބު ކުރީ 11-8 އިންނެވެ. ތިން ވަނަ ގޭމް ކާމިޔާބު ކުރީ 11-5 އިންނެެވެ.

ވޯލްޑް ކޮންޓެންޑާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބެނީ އުމުރު ފުރާގެ ރޭންކިންގައި ދުނިޔޭގެ ގަދަ 30 ގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަށެވެ.

އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށްގެން ހޯދާ ޕޮއިންޓްތަކުން ރޭންކު މަތިކުރަން ފުރުސަތު ލިބެ އެވެ. މިިދޔަ މަހު ޓިއުނީޝިއާގައި ބޭއްވި މުބާރާތުގައި ވެސް ދީމާ ވަނީ ވާދަކޮށްފަ އެވެ. ޕޯޗުގަލްގައި ބާއްވި މުބާރާތުގައި ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެ މުބާރާތަށް ނުދެވުނީ ޕޯޗްގަލްގެ ވިސާ ނުލިބުމުންނެވެ.