ލަންޑަން (އޮގަސްޓް 13) – ދުނިޔޭގެ އެތުލެޓިކްސް ތާރީހު ދުށް އެންމެ ކާމިޔާބު ދުވުންތެރިއާ ޖެމެއިކާގެ އުސެއިން ބޯލްޓުގެ ކެރިއަރުގެ ފަހު ރޭހުގައި ރޭ ވޯލްޑް ޗެމްޕިއަންޝިޕުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި ދުވަނިކޮށް އަނިޔާވެގެން ހުއްޓާލަން ޖެހުނުއިރު އިނގިރޭސި ވިލާތުން މި އިވެންޓުގެ ރަން މެޑަލް ހޯދައިފި އެވެ.
ރިލޭގެ އެންމެ ފަހު 100 މީޓަރުގައި ބޯލްޓަށް ބެޓަން ލިބުނުއިރު ޖެމެއިކާ އޮތީ ތިން ވަނައިގަ އެވެ. އެކަމަކު ފަންސާހަކަށް މީޓަރާ ހަމައަށް ދެވުނުތަނާ ބޯލްޓުގެ ވާތު ފައިގެ ފަލަމަސްފަނޑަށް ތަދެއް އަރައިގެން ޖެހުނީ ހުއްޓާލާށެވެ. ބޯލްޓަށް އަނިޔާނުވި ނަމަ ޖެމެއިކާ ދަށްވެގެން ދެ ވަނަ ހޯދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
އިނގިރޭސި ވިލާތުގެ ރިލޭ ޓީމުން ރަން މެޑަލް ހޯދީ 37:47 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ 37:52 ސިކުންތުން ރޭސް ނިންމި އެމެރިކާގެ ދުވުންތެރިންނެވެ. އަދި ތިން ވަނަ އަކީ ޖަޕާނެވެ. އެ ޓީމުން ރޭސް ނިންމީ 38:04 ސިކުންތުންނެވެ.
ޖެމެއިކާ ޓީމުގެ ދުވުންތެރިއާ ހޫލިއަން ފޯޓޭ ބުނީ ރޭހަށް ފަހު ބޯލްޓް ދިޔައީ ޓީމުގެ ކިބައިން މައާފަށް އެދެމުން ކަމަށެވެ.
"އެކަމަކު އަހަރެމެން ބުނިން މައާފަށް އެދޭނެކަމެއް ނެތޭ. އަނިޔާއަކީ ކުޅިވަރުގެ ބަޔެކޭ،" ފޯޓޭ ބުންޏެވެ.
މިއީ ބޯލްޓަށް ހިތްދަތި މުބާރާތެކެވެ. އޭނާގެ ކެރިއަރުގެ ފަހު 100 މީޓަރު އިވެންޓުން ތިން ވަނަ އަށް ދިޔައިއިރު ރަން މެޑަލް ހޯދީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ އެމެރިކާގެ ޖަސްޓިން ގެޓްލިން އެވެ. އެކަމަކު ބޯލްޓުގެ ފައިނަލް ރޭހުގައި، ރޭ ޖެމެއިކާ އިން ރަން މެޑަލް ހޯދާނެ ކަމަށް ވަރަށް ބޮޑަށް އޮތީ ބެލެވިފަ އެވެ. ބޯލްޓުގެ އިތުރުން 2011 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަން ޔޮހާން ބްލޭކް ވެސް ޖެމެއިކާގެ ރިލޭ ޓީމުގައި ހިމެނުނެވެ.
އުމުރުން 30 ގައި ބޯލްޓް ކެރިއަރު ނިންމާލީ، އޮލިމްޕިކްސްގެ އިންޑިވިޖުއަލް ހަ ރަން މެޑަލާއި ވޯލްޑް ޗެމްޕިއަންޝިޕުން ހަތް ރަން މެޑަލާ އެކު އެވެ.