ބަމަކޯ (އޮގަސްޓް 19) - މާލީގެ ސިފައިން ނުކުމެ ބަޣާވާތް ކުރުމުން އެ ގައުމުގެ ރައީސް އިބްރާހިމް ބައުބަކާ ކެއިޓާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ގައުމީ ޓީވީ މެދުވެރިކޮށް ކެއިޓާ ވަނީ ސަރުކާރާއި ޕާލަމެންޓް އުވާލާކަން އިއުލާން ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ވެރިކަން ދަމަހައްޓަން އެންމެ ލޭތިއްކެއް ވެސް އޮހޮރުވާލަން ބޭނުމެއް ނުވޭ،" ގައުމީ ޓީވީގައި އިސްތިއުފާ އިއުލާން ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ރައީސް ކެއިޓާ އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ އާއި ބޮޑުވަޒީރު ބޫބޯ ސީސީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ.

މާލީގެ ސިފައިންގެ މެދުގައި ރުޅިވެރިކަން އުފެދިފައި ވަނީ މުސާރަ އާއި ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްސަލަ ބޮޑުވުމުންނެވެ.

މާލީ ސިފައިން ކުރި ބަޣާޥާތުގައި އިސްކޮށް ހުރީ ކަޓީ ކޭމްޕުގެ ޑެޕިއުޓީ ކާނަލް މަލިކް ޑިއާވް އެވެ. ކޭމްޕް ހިފުމަށް ފަހު ސިފައިން އިއްޔެ ހަވީރުން ފެށިގެން ވަނީ މުގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ. އެއަަށް ފަހު ރިޔާސީ ގަނޑުވަރަށް ވަދެ ރައީސް އާއި ބޮޑުވަޒީރު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި އިތުރު މީހުންގެ ތެރޭގައި ރައީސްގެ ދަރިކަލަކާއި ނޭޝަނަލް އެސެމްބްލީގެ ރައީސް، ފޮރިން އަދި ފައިނޭންސް މިނިސްޓަރު ހިމެނެ އެވެ.

ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިގެން ކެއިޓާ ވެރިކަމަށް ވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ގައުމުގައި ކޮރަޕްޝަން އިތުރުވުމާއި އިގްތިސާދު މެނޭޖް ނުކުރެވުމުން އެތައް ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވާން ފަށައިފަ އެވެ.