ގުދުސް (ސެޕްޓެމްބަރު 30) - ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރި މައްސަލާގައި އެމެރިކާއާ ދެކޮޅަށް އދ.ގެ އެންމެ މަތީ ކޯޓަށް ފަލަސްތީނުން މައްސަލަ ވައްދައިފި އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނީ ފަލަސްތީނުން މައްސަލަ ހުށަހަޅާފައި ވަނީ 1961 ވަނަ އަހަރުގެ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ ދަށުން ކަމަށެވެ. ފަލަސްތީނުން ބުނެފައި ވަނީ ވިއެނާ މުއާހަދާގެ ދަށުން އެމްބަސީތައް ގާއިމް ކުރަން ޖެހޭނީ އެ އެމްބަސީއެއް ގާއިމްކުރާ ގައުމުގެ ސަރަހައްދުގައި ކަމަށެވެ. އެހެންވެ ގުދުސް އަކީ އިޒްރޭލުގެ ބިމެއް ނޫން ކަމަށާއި އެ މުގައްދަސް ބިމުގައި އެމެރިކާ އިމްބަސީ ގާއިމް ނުކުރެވޭނެ ކަމަށް ފަލަސްތީނުން ބުނެފައިވެ އެވެ.

ފަލަސްތީނުން ހުށަހެޅި މައްސަލާގައި ވަނީ ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރުން ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި އެ ނިންމުން ބަދަލު ކުރަން އެމެރިކާ އަށް އެންގުމަށެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ ވިދާޅުވީ އައިސީޖޭ އަށް މައްސަލަ ހުށަހެޅީ ފަލަސްތީނުގެ ދައުލަތުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގުދުސްގެ ދީނީ އަދި ތާރީޚީ ތަންތަން ހިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޓްރަމްޕުގެ ނިންމެވުމާ ގުޅިގެން މުޅި ދުނިޔޭގެ ރުޅިވެރިކަން އިތުރުވި އެވެ. އެމްބަސީ ގުދުސް އަށް ބަދަލު ކުރީ މެއި މަހު އެވެ.

އައިސީޖޭގެ ނިންމުންތަކަށް އަމަލު ކުރަން ޖެހުނު ނަމަވެސް އެ ކޯޓުގެ ހުކުމްތަކަށް އެމެރިކާ ފަދަ ގައުމުތައް ކިޔަމަން ކުރުމުގެ ބާރެއް އެ ކޯޓަށް ލިބިގެނެއް ނުވެ އެވެ. އައިސީޖޭ އިން މީގެ ކުރިން ނެރުނު އަމުރުތަކަށް ވެސް އެމެރިކާ ތަބާވެފައެއް ނުވެ އެވެ.