ކޮލަމްބޯ (ސެޕްޓެމްބަރު 11) - ވެރިރަށް ކޮލަބޯއާ ކައިރި ހިސާބެއްގައި އަޅާފައިވާ ތެޔޮ ހޮޅިއެއް ފަޅައިގެން ގޮސް ގޮނޑދޮށަށް އެޅުނު ތެޔޮތައް ނަގައި ސާފު ކުރުމުގައި ކޯސްޓް ގާޑުގެ އެތައް ސަތޭކަ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މެރިން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޮތޯރިޓީގެ ތަރުޖަމާން ސައުމިއާ އެކަނަޔަކަ ވިދާޅުވީ ގޮނޑުދޮށަށް ތެޔޮ އެޅުނީ ޓޭންކަރަކުން އެއްގަމަށް ތެޔޮ ގެންދަން އަޅާފައިވާ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި 25 ޓަނުގެ ސާފު ނުކުރާ ތެޔޮ ބޭރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތެޔޮ އެޅިފައި ވަނީ ކޮލަމްބޯގެ އުތުރުން ނުވަ މޭލު ދުރުގައި އޮންނަ އުސްވެޓަކެއިޔަވާ ކިޔާ ސަރަހައްދެއްގެ ގޮނޑުދޮށަކަށެވެ.
ގޮނޑުދޮށުގެ އެއް މޭލު ދިގު ސަރަހައްދަކަށް ތެޔޮގަނޑު ވަނީ ފެތުރިފަ އެވެ. ތެޔޮ ނަގާ ސާފު ކުރުމުގައި ކަނޑުގެ ސިފައިންގެ 300 އަށް ވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ތެޔޮ ނަގާ ސާފު ކުރަން ދެ ތިން ދުވަސް ހޭދަވާނެ ކަމަށް އެކަނަޔަކަ ވިދާޅުވި އެވެ. އަދި ތެޔޮ ލީކުވި ހާދިސާ ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތެޔޮ ހޮޅިއެއް ފަޅައިގެން ގޮސްގެން އެ ސަރަހައްދުގައި 2015 ވަނަ އަހަރު ވެސް ވަނީ ތެޔޮ ލީކުވުމުގެ ހާދިސާއެއް ހިނގައިފަ އެވެ.