ބަމަކޯ (ޖޫން 19) - ފްރާންސްގެ ޕެރިހުގެ އިމާރާތެއްގެ ބެލްކަނީގައި އެލިގެން އޮތް ކުޑަ ކުއްޖަކު ސަލާމަތް ކުރުމުން މަޝްހޫރުކަން ލިބުނު މަމޫދޯ ގައްސާމާ އޭނާގެ އަމިއްލަ ގައުމު މާލީ އަށް ދިއުމުން ބޮޑު އުފަލެއް ލިބިއްޖެ އެވެ.

"އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ. އަހަންނާ ބައްދަލު ކުރަން ވަރަށް ގިނަ ބަޔަކު އެއާޕޯޓަށް ދިޔަ. އަހަރެންގެ ބައްޕަ އާއި އާއިލާގެ ވަރަށް ގިނަ މެންބަރުން އަހަންނާ ބައްދަލުކުރި. ބައްޕަ ނުފެންނަތާ ވެސް ނުވަ އަހަރު ވެއްޖެ،" ބީބީސީއާ ވާހަކަ ދައްކަމުން ގައްސާމާ ބުންޏެވެ.

އުމުރުން 22 އަހަރުގެ ގައްސާމާ ވަނީ މިދިޔަ މެއި މަހު 26 ވަނަ ދުވަހު، ޕެރިހުގެ އިމާރާތުގެ ބެލްކަނީގައި ކުޑަ ކުއްޖާ އެލިގެން އޮތް މަންޒަރު ފެނުމާ އެކު އެ އިމާރާތުގެ ބޭރުން އެއް ބެލްކަނީން އަނެއް ބެލްކަންޏަށް މައްޗަށް އަރައި އެ ކުއްޖާ ސަލާމަތްކޮށްފަ އެވެ. އޭނާގެ ހިތްވަރުގަދަ އަމަލުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފް ގައްސާމާ އަށް ލިބުނެވެ. އަދި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ގައްސާމާއާ ބައްދަލުކޮށް ފްރާންސްގެ ރައްވެހިކަން އޭނާ އަށް ދީފަ އެވެ. އަދި ޕެރިހުގެ ފަޔާ ގްރިގޭޑުން އޭނާ އަށް ވަނީ ވަޒީފާ ދީފަ އެވެ.

"އަހަރެންގެ މެޑިކަލް ޗެކަޕް މިހާރު ވަނީ ނިމިފައި. އަންނަ ހަފުތާ އިން ފެށިގެން 10 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ފަށާނަން،" ގައްސާމާ ބުންޏެވެ.

ހަތަރު އަހަރުގެ ކުޑަ ކުއްޖާ ސަލާމަތް ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު ގައްސާމާ އަށް ގިނަ ބަޔަކު ވަނީ "ސްޕައިޑަމެން"ގެ ނަން ދީފަ އެވެ.

"އަހަރެން އެ އިމާރާތަށް އަރަމުން ދިޔަ ވަގުތު ބިރެއް ނުގަނޭ. އެކަމުގެ ހުރިހާ ހިތްވަރެއް ދެއްވީ މާތްﷲ،" ގައްސާމާ ބުންޏެވެ.

ރެފިއުޖީ ބޯޓެއްގައި ގައްސާމާ މެޑިޓެރޭނިއަން ހުރަސްކުރީ ސެޕްޓެމްބަރު 2014 ގަ އެވެ. އޭނާ ފްރާންސްގައި އުޅުނީ ގަވާއިދާޚިލާފަށެވެ. ގައްސާމާ ފްރާންސްގައި އުޅުނީ ބޭބެއަކާ އެކު އިމާރާތް ކުރުމުގެ މަސައްކަތުގަ އެވެ.

ގައްސާމާ މާލީގައި ހުންނަ މުއްދަތުގައި އެ ގައުމުގެ ރައީސް އިބްރާހިމް ބައުބަކާރު ކެއިޓާއާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.