ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި ކަމަށްވާ އެންވީޑިއާގެ ރައީސްކަމާއި ސީއީއޯގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ޖެންސެން ހުއާންގް އިސްތިއުފާ ދެއްވައިފި އެވެ.

އުމުރުން 63 އަހަރުގެ ހުއާންގް މަގާމުން އިސްތިއުފާ މި ދެއްވީ، ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ އަންހެނަކާއި އެންވީޑިއާގެ އިސް މަގާމެއްގައި ހުރި އެހެން މުވައްޒަފަކާ އެކު ލޯބީގެ ސިއްރު ގުޅުންތަކެއް ބޭއްވި ކަމުގެ މައްސަލަތަކެއް ފެންމަތިވެ، ބޮޑު ފާޑުކިޔުމަކާ ކުރިމަތިވެފައި ވަނިކޮށެވެ.

ހުއާންގް އިސްތިއުފާ ދެއްވުމާ ގުޅިގެން އެންވީޑިއާގެ ވަގުތީ ސީއީއޯއަކަށް އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކޮލެޓް ކްރެސް ވަނީ އައްޔަންކޮށްފަ އެވެ. އަދި ދާއިމީ ސީއީއޯއަކު ހޯދުމުގެ މަސައްކަތް ބޯޑުން މިހާރު ފަށާފައިވާއިރު، ކުންފުނީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޯޑު ޗެއާމަނެއްގެ ގޮތުގައި ހާވޭ ޖޯންސް ވަނީ އައްޔަންކޮށްފަ އެވެ.

އެންވީޑިއާ އުފެއްދުމުގައި 1993 ވަނަ އަހަރު އިސްކޮށް އުޅުއްވި ހުއާންގް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން އެ ކުންފުނީގެ ބޯޑުން ނެރުނު ބަޔާނެއްގައި، ކުންފުންޏަށް އޭނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ. ނަމަވެސް އެ ބަޔާނުގައި އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުއާންގް އޭނާގެ އަނބިކަނބަލުންނަށް ބޭވަފާތެރިވެ، ނޭދެވޭ ގުޅުމެއް ބާއްވާފައި ވަނީ ސިންގަޕޫރުގެ ޑޭޓާ ސެންޓަރު ކުންފުންޏެއް ކަމަށްވާ "މެގަސްޕީޑް" ގެ އިސްވެރިއެއް ކަމަށްވާ އެލިސް ހުއާންގްއާ އެކުގަ އެވެ. އެލިސްއަކީ ޗައިނާގެ ޖާސޫސީ އިދާރާއަކުން ރެކްރޫޓްކޮށްފައިވާ މީހެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކުރެ އެވެ.

މީގެ އިތުރުން، އެންވީޑިއާގެ ހެލްތުކެއާ ޑިޕާޓްމަންޓްގެ ވައިސް ޕްރެޒިޑެންޓް ކިމްބަލީ ޕަވެލްއާ އެކު ވެސް ހުއާންގް ނަހަމަ ގުޅުމެއް ބޭއްވި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މި މައްސަލަތައް މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް އެންވީޑިއާގެ ބޯޑުން މީގެ ކުރިން ވަނީ ވަކީލުންގެ ޓީމެއް ވެސް އައްޔަންކޮށްފަ އެވެ.

ފާއިތުވި 30 އަހަރަށް ވުރެ ގިނަ ދުވަހު އެންވީޑިއާގެ ސީއީއޯގެ މަގާމު ފުރުއްވި ހުއާންގް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 8 ޕަސެންޓާއި 11 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވެއްޓިފަ އެވެ.