ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ލެޕްޓޮސްޕައިރޯސިސް ނުވަތަ އާންމު ނަމުން ނަމަ "ރެޓް ފީވާ" ޖެހިގެން ގާތްގަނޑަކަށް 7،000 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި، މިހާރު ކުރަމުންދާ ވިއްސާރަ އާއި ދަނޑުވެރިކަމުގެ މޫސުން ފެށުމާ ގުޅިގެން އެ ބަލި އިތުރަށް ފެތުރުމުގެ ބިރު އެބައޮތް ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން އިންޒާރު ދީފި އެވެ.
ލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޕިޑެމިއޮލޮޖީ ޔުނިޓްގެ ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒީޝަން ތުޝާރީ ޑަބަރޭރާ ވިދާޅުވީ، ރެޓް ފީވާ ޖެހިގެން އެ ގައުމުގައި އަހަރަކު ގާތްގަނޑަކަށް 300 މީހުން މަރުވާ ކަމަށެވެ. އަދި ބަލި އަވަހަށް ދެނެގަނެ ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ސިއްހީ އިދާރާތަކުން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް އެ ބަލި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ރަތުނަޕޫރަ، ކޭގައްލަ، ގޯލް އަދި މާތަރަ ޑިސްޓްރިކްޓުންނެވެ.
އެޕިޑެމިއޮލޮޖީ ޔުނިޓާއި ހެލްތު ޕްރޮމޯޝަން ބިއުރޯ ގުޅިގެން ނެރުނު ބަޔާނެއްގައި، ހާއްސަކޮށް ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި އުޅޭ މީހުންނާއި ޗަކަ އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުން ބައްޔަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ލަންކާގައި އާންމުކޮށް މި ބަލި އިތުރުވަނީ ވިއްސާރަ އަދި ދަނޑުވެރިކަމުގެ މޫސުމާ ދިމާކޮށް، އޭޕްރީލް މަހުން ޖޫން މަހަށް އަދި ސެޕްޓެމްބަރު މަހުން ޖެނުއަރީ މަހާ ދެމެދުގަ އެވެ.
ރެޓް ފީވާ ފެތުރޭ ގޮތާއި އަލާމާތްތައް
ރެޓް ފީވާއަކީ ބަލި ޖެހިފައިވާ މީދަލާއި އެހެނިހެން ޖަނަވާރުތަކުގެ ކުޑަކަމުދާ އެއްޗެހިން ތަޣައްޔަރުވެފައިވާ ފެނާއި ޗަކައިގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބެކްޓީރިއާގެ ބައްޔެކެވެ. ތަޣައްޔަރުވެފައިވާ ފެނުގައި ނުވަތަ ޗަކައިގައި އުޅޭއިރު، ހަށިގަނޑުގައި ހުންނަ ކުދި ޒަހަމްތަކާއި ކަނޑައިގެން ގޮސްފައިވާ ތަންތަނުން މި ބެކްޓީރިއާ ހަށިގަނޑަށް ވާސިލުވެ އެވެ.
މި ބަލީގެ އަލާމާތްތައް ޑެންގީ ހުމާއި އާންމު ރޯގާއާ އެއްގޮތްވުމުގެ ސަބަބުން ބަލި ދެނެގަތުމަށް ދަތިވެ އެވެ. އެހެންވެ، ތިރީގައިވާ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދެ އެވެ:
- ގަދައަށް ހުން އައުމާއި ގައިގައި ރިއްސުން
- ކަރުގައި ރިއްސުމާއި ބޮލުގައި ގަދައަށް ރިއްސުން
- ހާއްސަކޮށް، ފައިގެ މަސްތަކުގައި ރިއްސުން
- ލޯ ރަތްވުން
ޑޮކްޓަރެއްގެ ލަފާ ނެތި އަމިއްލައަށް ބޭސް ބޭނުން ނުކުރުމަށާއި، ފަރުވާ ލަސްވެއްޖެ ނަމަ ސީރިއަސް މައްސަލަތައް ކުރިމަތިވެ މަރުވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވި އެވެ. އަދި ދަނޑުތަކާއި ޗަކަ ބިންތަކުގައި މަސައްކަތްކުރާ މީހުން ރައްކާތެރި ބޫޓާއި އަންގި ބޭނުންކުރުމަށާއި، ޒަހަމްތަކަށް ފެން ނުވަންނަ ގޮތަށް ބަންދުކުރުމުގެ އިތުރުން، ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބަލިން ރައްކާތެރިވުމަށް ދޭ ބޭސް ބޭނުންކުރުމަށް ވެސް ވަނީ އެދިފަ އެވެ.