އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަގާމުން އަޒުލުކުރުމަށް (އިމްޕީޗްކުރުމަށް) ހުށަހެޅި ގަރާރު، ގާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ތިއްބެވި ރިޕަބްލިކަން ޕާޓީގެ މެންބަރުން އިއްޔެ ހުއްޓުވައިފި އެވެ.
މިއީ މިދިޔަ ހަފްތާގައި ބޭއްވި މިޑްޓާމް އިލެކްޝަންގައި ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވިތާ ދުވަސްކޮޅެއް ފަހުން، ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވި ސިޔާސީ ކާމިޔާބީއެކެވެ.
ހައުސްގައި އިއްޔެ ނެގި ވޯޓުގައި 211 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ، ހެގްސެތު އަޒުލުކުރުމަށް ހުށަހެޅި ގަރާރު ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ. އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ 204 މެންބަރުންނެވެ. މި ނިންމުމާ އެކު، ހެގްސެތުގެ މައްސަލަ ރަސްމީކޮށް ބަލަން ފެށުމާ ގުޅޭ ގޮތުން މިއަދު ނަގަން ހަމަޖެހިފައި އޮތް ވޯޓު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ހެގްސެތު އަޒުލުކުރުމުގެ ގަރާރު ހުށަހެޅުއްވީ ޓްރަމްޕަށް ފާޑުވިދާޅުވާ ރިޕަބްލިކަން މެންބަރެއް ކަމަށްވާ ތޯމަސް މެސީ އެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގަރާރު ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި ރިޕަބްލިކަން މެންބަރަކީ ވެސް އޭނާ އެވެ.
އީރާން ހަނގުރާމަ ދިގުލައިގެން ދިއުމާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން އާންމުންގެ ނުރުހުން އަމާޒުވެފައި އޮތުމުން، މިދިޔަ ހަފްތާގެ އިންތިހާބުގައި ޑިމޮކްރެޓުންނަށް ވަނީ ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު ލިބިފަ އެވެ. ނަމަވެސް އާ ކޮންގްރެސް ހުވާކުރާ އަންނަ ޖެނުއަރީ މަހާ ހަމައަށް ހައުސްގެ ހަނި އަޣުލަބިއްޔަތު އޮންނާނީ ރިޕަބްލިކަންގެ އަތުގަ އެވެ. އިއްޔެ ނެގި ވޯޓުގައި ޑިމޮކްރެޓިކް ޕާޓީގެ 11 މެންބަރަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ.
މި ވޯޓަށް ފަހު، ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތު ސޯޝަލް' ގައި ވިދާޅުވީ މިއީ ގައުމަށް ވަފާތެރި ބަތަލަކު ކުށުން ބަރީއަވުން ކަމަށެވެ. އަދި ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ނިންމުން ސިފަކުރެއްވީ "ފުރިހަމަ ކާމިޔާބީއެއް" ގެ ގޮތުގަ އެވެ.
"ކޮމިޓީ މަރުހަލާގައި ހަގީގަތް ހާމަވެ، އެއްވެސް އަސާސެއް ނެތް މި އިމްޕީޗްމަންޓްގެ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" ޕާނެލް ވިދާޅުވި އެވެ.
ވޯޓުގެ ކުރިން އިއްޔެ ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެގްސެތު ވަނީ އޭނާ އަޒުލުކުރަން ކުރާ މަސައްކަތަކީ "ޖޯކެއް" އަދި "ސިޔާސީ ސްޓަންޓެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ދޮގު އިލްޒާމްތަކެއް ކަމަށް ވިދާޅުވެ، އީރާން ހަނގުރާމައިގައި އޭނާ އަމަލުކުރެއްވި ގޮތް ދިފާއުކުރެއްވި އެވެ.
ހެގްސެތުގެ އެ ވާހަކަތަކަށް ފަހު، އުމުރުން 80 އަހަރުގެ ޓްރަމްޕް ވިދާޅުވީ ހެގްސެތުގެ މަސައްކަތަށް "އޭ ޕްލަސް، ޕްލަސް، ޕްލަސް" ދެއްވާ ކަމަށެވެ. ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ ހެގްސެތު ދިފާއުކުރައްވައި، އޭނާ މަގާމުން އަޒުލުކުރެވޭ ފަދަ އެއްވެސް ކުށެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
މެސީ ހުށަހެޅުއްވި އަށް މާއްދާގެ މައްޗަށް އެކުލެވޭ ގަރާރުގައި، ކޮންގްރެސްގެ ހުއްދަ ނެތި ގާނޫނާ ހިލާފަށް ހަނގުރާމަކުރުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ހެގްސެތުގެ މައްޗަށް ކޮށްފައިވެ އެވެ.އެ ގަރާރުގައިވާ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ؛
- ކޮންގްރެސްގެ ހުއްދަ ނެތި އަސްކަރީ ފިޔަވަޅުތައް އެޅުން ހުއްޓުވާ 'ވޯ ޕަވާސް ރިޒޮލިއުޝަން' އާ ހިލާފަށް، އަށް މަސް ދުވަސްވީ އީރާން ހަނގުރާމަ ކުރިއަށް ގެންދިއުން.
- މިދިޔަ އަހަރު ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކާއި، ކެރީބިއަން އަދި އިރުމަތީ ޕެސިފިކް ކަނޑުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ ބޯޓުތަކަށް ދިން ހަމަލާތަކުގައި ޝަރީއަތަކާ ނުލައި މީހުން މެރުން.
- ގާނޫނާ ހިލާފު އަމުރުތަކަށް ނުކިޔަމަންތެރިވުމަށް އަސްކަރިއްޔާ އާއި ޖާސޫސީ އިދާރާތަކުގެ މުވައްޒަފުންނަށް ގޮވާލި ވީޑިއޯއަކާ ގުޅިގެން، ޑިމޮކްރެޓިކް ސެނެޓަރު މާކް ކެލީއަށް އަދަބު ދޭން އުޅެ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން.
ނަމަވެސް ޔަމަނާއި، އީރާން އަދި ވެނެޒުއޭލާގެ އިތުރުން މަސްތުވާތަކެތި އުފުލާ ފަރާތްތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަންތައް ހެގްސެތު ވަނީ ދިފާއުކުރައްވައިފަ އެވެ. އަދި އޭނާ އަޒުލުކުރަން އުޅުމަކީ އެމެރިކާ ސިފައިންނަށް ދޭ ހަމަލާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"އެއިން ކޮންމެ އޮޕަރޭޝަނެއްގެ ފަހަތުގައި އަޅުގަނޑު މިހުރީ. އެ ކަންކަން ތަންފީޒުކުރެވުނީތީ އަޅުގަނޑު ފަހުރުވެރިވަން. އަދި މާދަމާ ވެސް އެ ކަންކަން އަލުން ކުރާނަން،" ހެގްސެތު ވިދާޅުވި އެވެ.
މި ގަރާރު ކޮމިޓީއަށް ފޮނުވުމުން ވަގުތީ ގޮތުން އެ މަސައްކަތް ހުއްޓުނު ނަމަވެސް، އަންނަ ޖެނުއަރީ މަހު ޑިމޮކްރެޓުން ކޮންގްރެސްގެ ބާރު ހޯދުމަށް ފަހު އެ މައްސަލަ އަލުން ފެށުމުގެ ފުރުސަތު އެބައޮތެވެ.
ގަރާރު ހުށަހެޅުއްވި މެސީ ވަނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ޓްރަމްޕް ތާއީދުކުރެއްވި ކެންޑިޑޭޓާ ވާދަކޮށް ނާކާމިޔާބުވެވަޑައިގެންފަ އެވެ. އެހެންކަމުން މި ދައުރު ހަމަވުމުން އޭނާ ކޮންގްރެސްއާ ވަކިވެވަޑައިގަންނަވާނެ އެވެ. -- އޭއެފްޕީ