އީރާނަށް އަލުން ހަމަލާދޭން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އީރާން ހަނގުރާމަ ނިމުމަކަށް ގެންނަން ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރުވެފައި ވަނިކޮށް އަދި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އީރާނުގެ ޝަރުތުތައް ގަބޫލުކުރުމަށް އީރާނުން އެމެރިކާއަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގަ އެވެ.

އަށް މަސް ދުވަސް ވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް "ހެޔޮ ބަދަލުތަކެއް" ފެންނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއް ފަހުން ރޫބިއޯ ވިދާޅުވީ، އީރާނުގެ އިގްތިސާދަށް އެމެރިކާއިން ކުރިމަތިކުރަމުންދާ ފިއްތުންތައް ކާމިޔާބުވުމުގެ ސަބަބުން އިތުރު ހަމަލާތަކެއް ދިނުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އީރާނާ ދެކޮޅަށް ހިންގާ އިގްތިސާދީ ކެމްޕޭނުގެ ސަބަބުން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، މިވަގުތު ބޮޑެތި އަސްކަރީ އޮޕަރޭޝަންތަކެއް ހިންގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބައިވެރިންނަށް ވެސް އެކަން ހިއްސާކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލްފުގެ ހަކަތަ ބޭރުކުރާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. މިއީ މިދިޔަ ހަފުތާގައި އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިހާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު މައިގަނޑު އެއް ސަބަބެވެ.

އީރާނުގެ ބަނދަރުތައް ބަންދުކޮށް، އެމެރިކާއިން ވަނީ މިދިޔަ އޮގަސްޓް މަހު އެ ގައުމުގެ އިގްތިސާދު އެއްކޮށް ހުއްޓުވާލުމުގެ ހާއްސަ ކެމްޕޭނެއް ފަށައިފަ އެވެ.

ޕެރިހުގައި ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް ވަނީ މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވައި، މިހާރު އޮތް ހާލަތުގެ ސަބަބުން އިގްތިސާދަށް ލިބެމުންދާ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ހަނގުރާމައަކަށް ވެސް ނުވެ އަދި ސުލްހަ ވެސް ނުވެ މި އޮތް ހާލަތުން އަހަރެމެން އަރައިގަންނަން ޖެހޭ. މީގެ ސަބަބުން އަހަރެމެންގެ ގައުމުތަކަށް ދަނީ އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބެމުން،" މިލިބޭންޑް ވިދާޅުވި އެވެ. އަދި މި ހަނގުރާމަ ނިމުމަކަށް ގެނެސް، ނިއުކްލިއާ ހަތިޔާރު އުފައްދާ ގައުމަކަށް އީރާން ވުން ހުއްޓުވައި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި ޑިޕްލޮމެޓިކް ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު ކުޑަ

އީރާނުން ބުނެފައިވަނީ އެމެރިކާއިން އެ ގައުމުގެ ޝަރުތުތަކަށް އެއްބަސްވާ ނަމަ، ދެ ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ހުށަހަޅާފައިވާ ހުށަހެޅުން އަދިވެސް އެބައޮތް ކަމަށެވެ. އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ހުރިހާ ސަރަހައްދެއްގައި ހަނގުރާމަ ހުއްޓާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުން ހިމެނެ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީ އިރްނާއަށް ވިދާޅުވީ، އަސްކަރީ ގޮތުން ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްގެން، އީރާނާ އެކު އޮތް މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި ހަމައެކަނި އޮތް ހައްލަކީ އިހުތިރާމާ އެކު ޑިޕްލޮމެޓިކް މަޝްވަރާތައް ކޮށް، ދެ ދުވަހުގެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ އީރާނުގެ ޝަރުތުތަކަށް އިޖާބަދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނަށް އަލުން ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދިޔަ އިންޒާރުތައް ވަނީ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު މަޑުޖައްސާލައިފަ އެވެ.

ވައިޓް ހައުސްގައި ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށްފަހު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވި އެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާ އޮތީ ތައްޔާރީ ހާލަތުގައި ނަމަވެސް، ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިން މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް ބޭނުންވާތީ އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު މި ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުން ދަނީ ގަތަރާއި ޕާކިސްތާނުންނެވެ.

މިޑްޓާމް އިންތިހާބަށްފަހު އެމެރިކާއިން ދޫދޭން ފަށައިފި

ގަތަރުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ އިބްރާހިމް އަލް-ހާޝިމީ ވަނީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ދެ ފަރާތުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ނައްތާލުމަށް މެދުވެރިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އަދިވެސް އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ އަލީ ބިގްދެލީ ވިދާޅުވި ގޮތުގައި، އެމެރިކާގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން އީރާނުން ދޫދިނުމުގެ ވިސްނުން ކޮންމެވެސް ވަރަކަށް ކުޑަވެ، އެމެރިކާގެ ފަރާތުން ފެންނަނީ ކުރިއަށްވުރެ ބޮޑަށް ދޫދޭ މަންޒަރެވެ. ނަމަވެސް އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަކީ އެމެރިކާއަށް ގަބޫލުކުރަން އުނދަގޫ، ބޮޑެތި ޝަރުތުތަކެއް ކަމަށާއި ސީދާ މަޝްވަރާތަކަކަށް ގޮސްގެން ނަތީޖާ ނެރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ މުހްސިން ރެޒާއީ ވަނީ އީރާނުގެ ޝަރުތުތަކަށް އެއްބަސްވުމަށް އެމެރިކާއަށް ގޮވާލައްވައިފަ އެވެ. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އެމެރިކާ ސަރުކާރު މިހާރު ވެސް ބަލިކަށިވެފައިވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

މި ހަނގުރާމައިގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ޔަމަނުގެ ހޫތީންނާ ދެމެދު އޮތް ހަމަނުޖެހުން ވެސް ވަނީ އަލުން ހޫނުވެފަ އެވެ. އެގޮތުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ސައުދީގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލެއް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ވައްޓާލައިފަ އެވެ. -- އޭއެފްޕީ