އީރާނާ ދެކޮޅަށް އެމެރިކާ އިން ކުރަމުންދާ ހަނގުރާމައަށް، އެ ގައުމުގެ ޓެކްސް ދައްކާ މީހުންގެ އަތުން މިހާތަނަށް މަދުވެގެން 47.1 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ޕެންޓަގަން އިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އަންގައިފި އެވެ.

ޕެންޓަގަން އިން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި މަހުގެ 16 އާ ހަމައަށް ހަނގުރާމައިގެ ހަރަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެމެރިކާ އާއި އިޒްރޭލް ގުޅިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި މި އަސްކަރީ ކެމްޕޭނަށް ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން އެކަނިވެސް 3.5 ބިލިއަން ޑޮލަރު ވަނީ އިތުރަށް ހޭދަވެފަ އެވެ. އަންނަ މަހުގެ 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިހާބާ ދިމާކޮށް މިކަމާ ގުޅިގެން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

ކޮންގްރެސްއަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުން؛

  • ހަނގުރާމައިގައި ބޭނުންކުރި ބޮމާއި، ވަޒަނާއި އަދި މިސައިލް ޑިފެންސް ސިސްޓަމްތައް އާކުރަން 29 ބިލިއަން ޑޮލަރު ހޭދަވި.
  • ހަލާކުވި އަސްކަރީ އާލާތްތައް ބަދަލުކުރަން 6.1 ބިލިއަން ޑޮލަރު ހޭދަވި.
  • ފައިޓާ ޖެޓްތަކާއި ބޮމްބާ ފްލީޓްތަކުގެ އޮޕަރޭޝަންތަކަށް 7.6 ބިލިއަން ޑޮލަރު ހޭދަވި.
  • މެދުއިރުމަތީގައި ތިބި އެއްގަމު ސިފައިންނަށް، އާމީ ސަޕޯޓްގެ ގޮތުގައި 2.1 ބިލިއަން ޑޮލަރު ހޭދަކުރި.
  • ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މަނަވަރުތަކާއި އެއާކްރާފްޓް ކެރިއަރުތަކަށް 1.5 ބިލިއަން ޑޮލަރު ހޭދަވި.

އީރާނުގެ މިސައިލް ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ ހަރަދުތައް މީގެ ތެރޭގައި ހިމަނާފައެއް ނުވެ އެވެ. އެހެންވެ ހަގީގީ ހަރަދު މިއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެ އެވެ.

މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސިޔާސީ މަސްރަހަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. އިދިކޮޅު ޑިމޮކްރެޓިކް ސެނެޓަރުން ދަނީ ޓްރަމްޕްގެ ސަރުކާރުން ހަނގުރާމައިގެ ހަގީގީ ހަރަދުތައް ހާމަނުކޮށް ހިފަހައްޓަމުންދާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، މާޗް މަހު އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާގައި ޑީސަލްގެ އަގު ވަނީ ދެގުނަވެފަ އެވެ.

މި ހަނގުރާމާގައި މިހާތަނަށް އެމެރިކާގެ 21 ސިފައިން މަރުވެ، 865 މީހުން ވަނީ ޒަހަމްވެފަ އެވެ. ހަނގުރާމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، މިހާރުވެސް އެމެރިކާ އިން ދަނީ އިތުރު ސިފައިންނާއި ތިންވަނަ އެއާކްރާފްޓް ކެރިއަރެއް އެ ސަރަހައްދަށް ފޮނުވަމުންނެވެ.