ޖަޕާނުގެ މަޝްހޫރު ސޮފްޓްބޭންކް ގްރޫޕުން މެލޭޝިއާގައި 50 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 771 ބިލިއަން ރުފިޔާ) ގެ ބޮޑު ޓެކްނޮލޮޖީ އިންވެސްޓްމަންޓެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބްލޫމްބާގްގެ ރިޕޯޓްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނި ގޮތުގައި، ސޮފްޓްބޭންކްގެ ޗެއާމަން އަދި ސީއީއޯ މަސަޔޯޝީ ސޮން އާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސަކަށް ފަހު، މި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނެ ސަރަހައްދުތައް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން މެލޭޝިއާގެ ސަރަވަކްގެ ކުޗިންގެ އިތުރުން ޕެނިންސިއުލާ މެލޭޝިޔާގެ ބައެއް ސަރަހައްދުތަކުގައި މި މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.

މި ބޮޑު އިންވެސްޓްމަންޓް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، އާ ޓެކްނޮލޮޖީތަކުގެ އިތުރުން ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށެވެ. މިއީ 2030 ވަނަ އަހަރާ ހަމައަށް މެލޭޝިއާ އަކީ "އޭއައި ނޭޝަން" ނުވަތަ އޭއައިގެ ރަން މަރުކަޒަކަށް ހެދުމަށް އެ ގައުމުން ގެންގުޅޭ ގައުމީ ލަނޑުދަނޑިއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މި މަހުގެ ކުރީކޮޅު ސޮފްޓްބޭންކުން ވަނީ ސިންގަޕޫރުގެ ގްރެބް އަދި މެލޭޝިއާގެ ޕެޓްރޯލިއަމް ސަރަވަކް ބަރުހާދު (ޕެޓްރޯސް) އާ އެކު ސަރަވަކްގައި އޭއައި ކޮމްޕިއުޓިން ހިދުމަތްތައް ތަރައްގީކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

މެލޭޝިއާގެ ޓެކްނޮލޮޖީ ދާއިރާ އަށް އޮތް ޝައުގުވެރިކަން ބޮޑުވެފައި ވާއިރު، ދުނިޔޭގެ އެހެން ބޮޑެތި ކުންފުނިތަކުން ވެސް އަންނަނީ އެ ގައުމަށް ބިލިއަނުން އިންވެސްޓް ކުރަމުންނެވެ. އެގޮތުން ގޫގުލް އިން 2 ބިލިއަން ޑޮލަރު، މައިކްރޮސޮފްޓުން 2.2 ބިލިއަން ޑޮލަރު އަދި އެމެޒޯން ވެބް ސާވިސަސް (އޭޑަބްލިޔުއެސް) އިން 6.2 ބިލިއަން ޑޮލަރު މެލޭޝިއާގެ ކްލައުޑް އަދި ޑޭޓާ ސެންޓަރުތަކަށް އިންވެސްޓްކުރަން ވަނީ ނިންމައިފަ އެވެ.