ދުބާއީ (އޮކްޓޯބަރު 19) - ޔަމަނުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ޝަބްވާ ޕްރޮވިންސްގައި ހުންނަ އަސްކަރީ ކޭމްޕަކަށް ހޫތީން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މިއީ ސަރުކާރުގެ ސެކިއުރިޓީ ފޯސްއާ ގުޅެން ތަމްރީނުވަމުންދިޔަ އާ ރެކްރޫޓުންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. ޝަބްވާގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި 'އަލް-އާލަމް' ކޭމްޕަށް ތިން ބެލިސްޓިކް މިސައިލް އަމާޒުވެފައިވެ އެވެ.
ޝަބްވާގެ ޑެޕިއުޓީ ގަވަރުނަރު ފަހަދު އަލް-ޚަލީފީ ވިދާޅުވި ގޮތުގައި، ސީރިއަސް ބޮޑެތި އަނިޔާތައް ލިބުނު މީހުން ވަނީ، އެ ސަރަހައްދުގެ ހޮސްޕިޓަލްތައް ފުރިގެން ކައިރީގައިވާ ހަޟްރަމައުތު އަދި އަދަންގެ ހޮސްޕިޓަލްތަކަށް ބަދަލުކުރަން ޖެހިފަ އެވެ.
އަސްކަރީ މަސްދަރުތަކުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި، މި ހަމަލާއަކީ މިދިޔަ މަހު ރެޑް ސީގެ މުހިންމު ބަނދަރެއް ކަމަށްވާ މޮޚާ ހިފި ގޮތަށް، ޝަބްވާއަށް އެއްގަމު މަގުން އެރުމަށް ހޫތީން ކުރާ މަސައްކަތުގެ ފެށުމެކެވެ. ޝަބްވާއަކީ ޔަމަނުގެ އެންމެ ބޮޑު ގޭސް ޓާމިނަލް ކަމަށްވާ ބަލްހާފް އެލްއެންޖީ ޓާމިނަލް ހުންނަ ސަރަހައްދެވެ.
ހަމަލާތައް ހުއްޓާލަން 2022 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ސުލްހައިގެ އެއްބަސްވުން މި އަހަރުގެ ޖުލައި މަހު ރޫޅިގެން ދިޔުމަށްފަހު، ހޫތީންނާއި ސައޫދީގެ މަދަދުލިބޭ ޔަމަނު ސަރުކާރާ ދެމެދު ހަނގުރާމަ ވަނީ އަލުން ވަރުގަދަވެފަ އެވެ. އަދި ހޫތީން ސައޫދީއަށް ދޭ ހަމަލާތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. -- އޭއެފްޕީ