މެދުއިރުމަތީގެ ހަނގުރާމައާ އެކު ގުޅުން ގޯސްވެފައިވާ އީރާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން، ދެ ގައުމުގެ ގުޅުމުގައި އާ ސަފުހާއެއް ފަށަން ބޭނުންވާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިއްޔެ ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ބޭއްވި ބްރިކްސް ސަމިޓުގެ ހަވާސާގައި އަބޫ ދާބީގެ ވަލީއަހުދު ޝައިޚް ޚާލިދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އީރާނުގެ ރައީސް ޕެޒެސްކިއާން ވިދާޅުވީ މިއީ ހަނގުރާމަ އާއި ޕާސިއަން ގަލްފުގައި ހިނގި ހާދިސާތަކަށް ފަހު ޔޫއޭއީއާ އެކު ބޭއްވުނު ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

ޕެޒެސްކިއާން ވިދާޅުވީ މާޒީގައި ހިނގާފައިވާ ކަންކަން އެއްފަރާތްކޮށް، އާ ސަފުހާއަކުން ގުޅުންތައް ފަށައި، މުސްތަގުބަލު އެކުގައި ބިނާކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމަ ފެށުމުން، އީރާނުން ވަނީ އެ ސަރަހައްދުގައިވާ އެމެރިކާގެ ބައިވެރިންނަށް ބަދަލުހިފުމުގެ ހަމަލާތައް ދީފަ އެވެ. މިކަމުގެ ސަބަބުން ޔޫއޭއީ އަށް ބޮޑެތި ގެއްލުންތައް ވެފައި ވާއިރު، މިދިޔަ އޮގަސްޓް މަހު ޔޫއޭއީން ވަނީ އީރާނާ އެކު އޮތް ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.

ޔޫއޭއީގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ދުބާއީ އަކީ ގިނަ އަދަދަކަށް އީރާނު މީހުން ދިރިއުޅޭ ސިޓީއެކެވެ. އެމެރިކާ އާއި ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އީރާނަށް ދުބާއީއަކީ ވިޔަފާރީގެ ގޮތުން ވަރަށް މުހިންމު ސިޓީއެކެވެ. -- އޭއެފްޕީ