ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާއަށް ޕޮޒިޓިވް ކަވަރޭޖެއް ނުދޭތީ، ޔުނައިޓެޑް ކިންގްޑަމް އަކީ "އިސްލާމިކް ރިޕަބްލިކް އޮފް ބްރިޓަން" ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިޖން ނަތަންޔާހޫ ސިފަކޮށްފި އެވެ.

ފަލަސްތީނުގެ ބިންތައް ޔަހޫދީންނަށް ދީ އިޒްރޭލުގެ ނަމުގައި ދައުލަތެއް އުފައްދައިދިނުމުގެ މޭސްތިރިއާ ކަމަށް ވާ ޔޫކޭއާ އިޒްރޭލާ ދެމެދު ނުތަނަވަސްކަން އުފެދިފައި އޮންނަތާ ދުވަސްކޮޅެއް ވެފައި ވަނިކޮށް، ނަތަންޔާހޫ މިމޭރުމުން ވާހަަކަދެއްކީ އިޒްރޭލުގައި އިއްޔެ ބްރޯޑްކާސްޓްކުރި "މެލެޗް ބްލިޒާ" ޕޮޑްކާސްޓްގަ އެވެ. 

ޔޫކޭގެ މީޑިއާގައި އިޒްރޭލަށް މިހާރު ކަަވަރޭޖް ދޭ ގޮތާ މެދު ނުރުހުން ފާޅުކުރަމުން އޭނާ  ބުނީ ހަ ދުވަހުގެ ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި މީޑިއާއިން އިޒްރޭލަށް ދިނީ ވަރަށް ޕޮޒިޓިވް ކަވަރޭޖެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ އެ ދުވަސްވަރު އިޒްރޭލާ އެއްކޮޅަށް ލިޔެ އުޅުނު ރެންޑޮލްފް ޗާޗިލް ނަމަކަށް ކިޔާ ނޫސްވެރިއެކެވެ. 

"މިހާުރު ބަލާ ބަލަ އެ ބްރިޓަން ފެނޭތޯ، މިހާރު އެތަނަށް ކިއިދާނެ އިސްލާމިކް ރިޕަބްލިކް އޮފް ބްރިޓަން،" ޕޮޑްކާސްޓްގައި ނަތަންޔާހޫ ބުނި ކަމަށް އިޒްރޭލުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާގެ މިހާރުގެ ނައިބު ރައީސް ޖޭޑީ ވެންސް 2022 ވަނަ އަހަރު ޔޫކޭއާ ބެހޭ ގޮތުން ކުރި އެކަހަލަ ކޮމެންޓަކަށް ވެސް ހަމަ އެ ޕޮޑްކާސްޓްގައި ނަތަންޔާހޫ އިޝާރާތްކުރި އެވެ. ވެންސް އޭރު ބުނީ "ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ފުރަތަމަ އިސްލާމީ ގައުމަށް ޔޫކޭ ވެދާނެ" ކަމަށެވެ.

"ކޮންމެވެސް މީހަކު ބުނި ނިއުކްލިއާ ހަތިޔާރު ހުރި ފުރަތަމަ އިސްލާމީ ދައުލަތަކަށް ވާނީ އިސްލާމިކް ރިޕަބްލިކް އޮފް ބްރިޓަން ކަމަށް، އަހަރެމެން މިތާ އީރާނުގައި މިކުރާ ކަމަކަކީ އެއީ [ޔޫކޭ ނޫން] އެހެން ގައުމެއް ކަމަށް ވިޔަ ނުދިނުން،" އޭނާ ބުނި ކަމަށް ނޫސްތަކުގައިވެ އެވެ.

ނަތަންޔާހޫގެ މި ވާހަކަތައް ޔޫކޭ އާއި އަޔަލޭންޑްގެ ޔަހޫދީން ތަމްސީލުކުރާ ޖަމާއަތަކުން ވަގުތުން ކުށްވެރިކުރި އެވެ. އެ ޖަމާއަތުން ސިފަކުރި ގޮތުގައި ނަތަންޔާހޫ ދެއްކީ ބައިބައިކުރަނިވި އަދި ރުޅިވެރިކަން އުފެއްދުމުގެ ވާހަކަތަކެކެވެ.

ޣައްޒާގައި ހަމަލާތައް ހުއްޓާލަން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެއްބަސްވެފައި އޮތް ނަމަވެސް އިޒްރޭލުން އަދިވެސް ޣައްޒާގައި ހަމަލާދެ އެވެ. އެއްބަސްވުމުގެ ފަހުން ވެސް ޣައްޒާގައި އިޒްރޭލުން ޝަހީދުކުރި ފަލަސްތީނު މީހުންގެ އަދަދު ހާހުން މައްޗަށް އަރަ އެވެ. 

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން މިހާތަނަށް 72,800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިަ އެވެ.

އދ. ގެ އިންކުއަރީން ބުނި ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް މަދުވެގެން 20,179 ކުޑަކުދިން ޝަހީދުވެ، 44,143 ކުދިން ޒަހަމްވި އެވެ.

އިޒްރޭލުގެ މި އަނިޔާވެރި އަމަލުތަކާ ހެދި އިނގިރޭސި ވިލާތުގެ ސަރުކާރުން ވަނީ އިޒްރޭލާ އެކު އަސްކަރީ ގުޅުންތައް ކުޑަކޮށްފަ އެވެ. އަދި އިނގިރޭސި މީޑިއާގައި ވެސް މީގެ ކުރިން އިޒްރޭލާ އެއްކޮޅަށް ޖެހިގެން ޚަބަރު ފެތުރި އެތައް މީޑިއާއަކުން ވެސް މި އަނިޔާވެރިކަމާ ދެކޮޅަށް ދައްކާ ވާހަކަ ގިނަކޮށްފައި ވުމުން މީގެ ކުރިން ވެސް އިޒްރޭލުން އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކާފައިވެ އެވެ.