ފާއިތުވި ދިހަވަރަކަށް އަހަރު ބަންގްލާދޭޝްއަށް ކުރިމަތިވި ހިމަބިހީގެ އެންމެ ނުރައްކާ އައުޓްބްރޭކްގައި މިހާތަނަށް 844 ކުދިން މަރުވެފައިވާ ކަމަށާއި މި ބަލި ޖެހޭ ކުދިންގެ އާއިލާތަކުން ފަރުވާއަށް ކުރަންޖެހޭ ހޭދައިގެ ސަބަބުން ދަރަނިވެރިވަމުންދާ ކަމަށް އެހީގެ ޖަމާއަތްތަކުން ހޯމަ ދުވަހު ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރައްކާތެރިކަން ހޯދޭނެ މި ބަލީގައި، މާޗް 15 އިން ފެށިގެން މަދުވެގެން 844 ކުޑަކުދިން ވަނީ މަރުވެފަ އެވެ. އަދި 112,000 އަށްވުރެ ގިނަ މީހުން ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދައިފަ އެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑްކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އާއި ބަންގްލާދޭޝް ރެޑްކްރެސެންޓް ސޮސައިޓީން ބުނި ގޮތުގައި، ހިމަބިހީގެ އަސަރުކުރި ކޮންމެ 10 އާއިލާއެއްގެ ތެރެއިން 9 އާއިލާއަކަށް ޖެހުނީ ބޭސްފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ދަރަންޏަށް ފައިސާ ނަގާށެވެ.
"މި ސިއްހީ ކުއްލި ނުރައްކަލުގެ އަސަރު ހޮސްޕިޓަލުގެ ދޮރާހަމައިން ނިމެނީއެއް ނޫން. އާއިލާތަކުން ދަނީ މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލަމުން،" ޑާކާގައި ހުންނަވާ އައިއެފްއާރުސީގެ އިސްވެރިޔާ އަލްބާޓޯ ބޮކަނެގްރާ ވިދާޅުވި އެވެ.
"އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިިންސާނީ އެހީތެރިކަމާއި ވަރުގަދަ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަކީ ކޮންމެހެން ބޭނުންތެރި ކަންކަން،" އޭނާ ވިދާޅުވި އެވެ.
މި ޖަމާއަތްތަކުން ވަނީ ސަރުކާރުގެ ސިއްހީ 12 މަރުކަޒަކުން ކުދިންނަށް ފަރުވާ ހޯދި 2,746 އާއިލާއެއްގެ ހާލަތު ދިރާސާކޮށްފަ އެވެ.
ހޮސްޕިޓަލުން ދޭ ފަރުވާ ހިލޭ ލިބުނު ނަމަވެސް، އެކަމާ ގުޅުންހުރި އެހެނިހެން ހަރަދުތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ދިރާސާގައި ހިމެނުނު އާއިލާތަކުގެ ތެރެއިން 35 ޕަސެންޓް އާއިލާއަށް ބޭސް ގަތުމަށް މާލީ އެހީތެރިކަން ބޭނުންވިއިރު، 22 ޕަސެންޓް އާއިލާއަށް ވަނީ ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވެފަ އެވެ.
މި ބަލީގެ އަސަރުކުރި ގިނަ އާއިލާތަކަކީ މަހަކު 48 އާއި 160 ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭ، އާންމުކޮށް ކުދިކުދި މަސައްކަތްތައް ކުރާ ނިކަމެތި އާއިލާތަކެވެ.
ދިރާސާއިން ދައްކާ ގޮތުގައި، މި ބަލީގެ އަސަރުކުރި އާއިލާތަކުން ފަރުވާ އާއި އެކަމާ ގުޅޭ ހަރަދުތަކަށް އެވްރެޖްކޮށް 130 ޑޮލަރަށްވުރެ ގިނައިން ހަރަދުކުރަންޖެހުނެވެ.
"ސަރުކާރު ހޮސްޕިޓަލުން ދޭ ފަރުވާ ހިލޭ، އެކަމަކު އެހެން ހަރަދުތަކެއް ހަމަޖެހިފައެއް ނުވޭ،" ދިރާސާގައި ބައިވެރިވި ހަޒޭރާ ޚާތޫން ނަމަކަށް ކިޔާ އަންހެނަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޑާކާގައި ހުންނަ ހޮސްޕިޓަލަކަށް ދިއުމަށް އެމްބިއުލާންސެއް ކުއްޔަށް ނެގުމަށް އެކަނިވެސް 200 ވަރަކަށް ޑޮލަރު ހަރަދުވި އެވެ.
އަދި ބަލިވެފައިވާ ކުދިންނަށް އެހީތެރިވުމަށް ހޮސްޕިޓަލްތަކުގައި ދިގު މުއްދަތަކަށް ތިބެންޖެހުމުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
"މި ދިރާސާއިން އެނގެނީ ގިނަ އާއިލާތަކަކުން ސިއްހީ ކުއްލި ނުރައްކަލެއްގެ އިތުރުން މާލީ ގޮތުން ވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާކަން،" ބަންގްލާދޭޝް ރެޑްކްރެސެންޓް ސޮސައިޓީގެ ސެކްރެޓަރީ ޖެނެރަލް ކަބީރު އެމް. އަޝްރަފް އާލަމް ވިދާޅުވި އެވެ.
ހިމަބިއްސަކީ ކެއްސައި ކިނބިހި އެޅުމުގެ ސަބަބުން، ވަރަށް އަވަހަށް ފެތުރޭ، އަދި ޖެހުމަށްފަހު ހާއްސަ ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ.
މި ބަލީގެ ސަބަބުން ސިކުނޑި ދުޅަވުމާއި ނޭވާލާ ނިޒާމަށް ބޮޑެތި މައްސަލަތައް ކުރިމަތިވުން ފަދަ ނުރައްކާތެރި ކަންކަން މެދުވެރިވެ އެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ބަލި ޖެހިދާނެ އެވެ. އެންމެ އާންމުކޮށް މި ބަލި ޖެހެނީ ކުޑަކުދިންނަށެވެ.
ސަރުކާރާ ދެކޮޅަށް 2024 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގެ ތެރޭގަ އާއި އޭގެ ފަހުން ވެކްސިން ދިނުމަށް އައި ހުރަސްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ވެކްސިން ނުދެވި ރައްކާތެރިކަމެއް ނެތި އެވެ.
އާބާދީ 170 މިލިއަނަށް އަރާ ބަންގްލާދޭޝްގައި މިހާރު ވަނީ ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ފަށައިފަ އެވެ.
އެ ގައުމުގައި އަދިވެސް ކުޑަކުދިންނަށް މި ބަލިޖެހި، ދަނީ މަރުވަމުންނެވެ. އާދީއްތަ ދުވަހު ވެސް މި ބަލީގެ ހަތަރު ކުދިން ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ