ސްރީ ލަންކާގައި 2019 ވަނަ އަހަރު އީސްޓާ ސަންޑޭގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާތައް ހުއްޓުވުމުގައި އިހުމާލުވި ކަމަށް ސާބިތުވެ، އެ ގައުމުގެ ކުރީގެ ފުލުހުންގެ ވެރިޔާ، އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް  ޕޫޖިތު ޖަޔަސުންދަރާ އާއި ޑިފެންސް ސެކްރެޓަރީ ހެމަސިރި ފެނާންޑޯ މަރަން މިއަދު ހުކުމްކޮށްފި އެވެ.

ތިން ފަނޑިޔާރުންގެ ބެންޗެއްގެ އަޣުލަބިއްޔަތުން ކުރި މި ހުކުމުގައިވަނީ، އެ ގައުމުގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކުން ދިން މި ހަމަލާތައް ހުއްޓުވުމަށް އަދާކުރަންޖެހޭ ޒިންމާތައް މި ދެ ބޭފުޅުންނަށް އަދާކުރެވިފައިނުވާ ކަމަށެވެ. މިއީ 279 މީހުންގެ މަރުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އިހުމާލެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 ޓޫރިސްޓުން ވެސް ހިމެނެ އެވެ.

އުމުރުން 66 އަހަރުގެ ޖަޔަސުންދަރާ އާއި އުމުރުން 76 އަހަރުގެ ފެނާންޑޯއަށް މި ހުކުމް ސްރީ ލަންކާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ހާއްސަ، އަވަސް ނިޔާ ކޯޓަކުން މިއަދު މި ހުކުމް އިއްވާފައިވަނީ، 2022 ވަނަ އަހަރު ޖަޔަސުންދަރާ އާއި ފެނާންޑޯ ކުށްވެރިނުވާ ކަމަށް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުންނެވެ.

އިންޓެލިޖެންސް މައުލޫމާތު ލިބުމުން ވެސް ފިޔަވަޅެއް ނާޅާ

ޝަރީއަތަށް ސާބިތުވެފައިވާ ގޮތުގައި، އެޕްރީލް 4، 2019 ގައި އިންޑިއާގެ އިންޓެލިޖެންސް އިދާރާއަކުން ވަނީ ހައްދުފަހަނައަޅާފައިވާ ގްރޫޕަކުން، އަމިއްލައަށް މަރުވެގެން ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ލަންކާގެ ކަމާބޭހޭ އިދާރާތަކަށް ދީފަ އެވެ. ނަމަވެސް އެ މައުލޫމާތަށް ބިނާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށް މައްސަލައިގެ ލިޔެކިއުންތަކުން އެނގެ އެވެ.

އެއަށްފަހު، އެޕްރީލް 21، 2019 ގައި ދިން މި ހަމަލާތަކުގައި ލަންކާގެ ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް ބޮމުގެ ހަމަލާދީފައިވާއިރު، 500 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ.

މި މައްސަލައިގައި 2019 ވަނަ އަހަރު ޖަޔަސުންދަރާ އާއި ފެނާންޑޯ ހައްޔަރުކޮށް، ހަތަރު މަސް ދުވަހު ބަންދުގައި ބޭތިއްބުމަށް ފަހު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ޕްރޮސެކިއުޓަރުން ކުރިން ކޯޓުގައި ބުނެފައިވަނީ، ސަރުކާރުގެ އެންމެ މަތީ ދެ އޮފިޝަލުންގެ އިހުމާލަކީ އިންސާނިއްޔަތާ ހިލާފު ބޮޑު ކުށެއް ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ތަހުގީގު ކޮމިޓީގައި ވާހަކަދައްކަވަމުން ޖަޔަސުންދަރާ އާއި ފެނާންޑޯ ވިދާޅުވެފައިވަނީ، އެ ދުވަސްވަރުގެ ރައީސް މައިތުރީޕާލާ ސިރިސޭނާ ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ވަޒަންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް އަމަލުކުރައްވާފައިނުވާ ކަމަށެވެ. އަދި ރައީސްކަމުގެ އިތުރުން ޑިފެންސް މިނިސްޓަރާއި ލޯ އެންޑް އޯޑާ މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ސިރިސޭނާ، ލިބުނު އިންޒާރުތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވާފައިނުވާ ކަމަށް އެ ބޭފުޅުން ތުހުމަތުކުރެއްވި އެވެ.

ސްރީ ލަންކާގައި 1976 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަރުގެ ހުކުމް އައިސްފައިވާ 800 އަށްވުރެ ގިނަ މީހުން ޖަލުތަކުގައި އެބަތިއްބެވެ. މަރަން ކުރާ ހުކުމްތައް އާންމުގޮތެއްގައި ބަދަލުކުރަނީ އުމުރު ދުވަހުގެ ޖަލު އަދަބަށެވެ. -- އޭއެފްޕީ