އިނގިރޭސިވިލާތުގެ މަޝްހޫރު ޓްރިޕް-ހޮޕް ބޭންޑް "މެސިވް އެޓޭކް" އިން ސިންގަޕޫރުގައި ބޭއްވި ކޮންސަޓެއްގެ ތެރެއިން ފަލަސްތީނުގެ ދިދައެއް ދެއްކި މައްސަލައެއް ސިންގަޕޫރުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ސިންގަޕޫރުގެ ގާނޫނުތައް ބުނާގޮތުން، ހާއްސަ ހުއްދައެއް ނެތި އާންމު ތަންތަނުގައި އެހެން ގައުމުތަކުގެ ދިދަ އާއި ގައުމީ ރަމްޒުތައް ނުވަތަ ބެނާތައް ދެއްކުމަކީ މަނާކަމެކެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ބޭންޑުގެ ދެ މެންބަރަކު ވަނީ ސްޓޭޖުމަތީގައި ފަލަސްތީނުގެ ދިދައެއް ނަގައި ދައްކައިފަ އެވެ. އަދި އެ ވަގުތު ކޮންސަޓް ބަލަން ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމަށް ހޫނު ތަރުހީބެއް ދީފަ އެވެ.
ސިންގަޕޫރުގެ "ސީއެންއޭ" އިން ކޮންސަޓަށް ދިޔަ މީހަކާ ހަވާލާދީ ބުނެފައިވަނީ، ބޭންޑުގެ މެންބަރުން ޕާފޯމްކުރަމުން ދިޔައިރު "ފްރީ ފަލަސްތީން" (ފަލަސްތީނު މިނިވަންކުރޭ) އޭ ކިޔައި އަޑުއުފުލި ކަމަށާއި، އޯޑިއަންސްގައި ތިބި ގިނަ ބަޔަކުވެސް އެ ގޮވާލުމުގައި ބައިވެރިވި ކަމަށެވެ.
ސިންގަޕޫރުގެ ފުލުހުން އޭއެފްޕީއަށް ބުނީ "މި މައްސަލައާ ގުޅިގެން ރިޕޯޓްތަކެއް ލިބިފައިވާތީ ތަހުގީގު ކުރިއަށްދާ" ކަމަށެވެ. އަދި އޭގެ އިތުރުން، ލައިސަންސްގެ ޝަރުތުތަކާ ހިލާފުވެފައިވޭތޯ ބެލުމަށް ސަރުކާރުގެ މީޑިއާ ރެގިއުލޭޓަރުން ވެސް އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ހުއްދަ ނެތި، ބޭރު ގައުމެއްގެ ދިދަ ދެއްކުމަކީ 500 ސިންގަޕޫރު ޑޮލަރު (389 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުން، ނުވަތަ ގިނަވެގެން 6 މަސް ދުވަހުގެ ޖަލު ހުކުމެއް އައުން، ނުވަތަ އެ ދެ އަދަބު އެކުގައި ދެވިދާނެ ކުށެކެވެ.
މެސިވް އެޓޭކް ބޭންޑަކީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ފާޅުގައި ފާޑުކިޔައި، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމަށް އެމީހުންގެ މަގުބޫލުކަން ބޭނުންކުރަމުންދާ ބޭންޑެކެވެ.
އިނގިރޭސި ވިލާތުގައި މަނާކޮށްފައިވާ "ޕެލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މި އަހަރުގެ އެޕްރީލް މަހު ލަންޑަންގެ ޓްރަފަލްގާ ސްކުއެއާގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި 200 އަށްވުރެ ގިނަ މީހުންގެ ތެރޭގައި މި ބޭންޑުގެ ރޮބަޓް ދެލް ނާޖާ ވެސް ހިމެނެ އެވެ.