ޣައްޒާގައި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާގައި ބޭނުންކޮށްފާނެ ކަމުގެ ފުރުސަތު ބޮޑު އަސްކަރީ ސާމާނު އިންޑިއާއިން އަދިވެސް ގެންދަނީ އިޒްރޭލަށް ވިއްކަމުން ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ އާ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އެމްނެސްޓީން އަލްޖަޒީރާއާ ހިއްސާކުރި މި ރިޕޯޓުގައި ބުނެފައިވަނީ، އިންޑިއާއިން އިޒްރޭލުގެ ދިފާއީ ދާއިރާއާ އެކު ގާތް އަދި "ފައިދާ ބޮޑު" ގުޅުމެއް އުފައްދައި، އިޒްރޭލުގެ އަސްކަރީ ހަރަކާތްތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ސަޕްލައި ޗެއިންގެ މުހިންމު ބައިވެރިއަކަށް ވެފައިވާ ކަމަށެވެ.

"ދަ ސަޕްލައި އޮފް ވެޕަންސް އެންޑް އެމިއުނިޝަން ޓު އިޒްރޭލް" ގެ ނަމުގައި ނެރުނު މި ރިޕޯޓުގައިވާ ގޮތުން، އޮކްޓޫބަރު 7، 2023 އިން ފެށިގެން އިންޑިއާއިން އިޒްރޭލަށް ފޮނުވާފައިވާ ހަތިޔާރާއި، އުންޑަ އާއި އެކި ބައިތައް ހިމެނޭ 2,596 ޝިޕްމަންޓް އެމްނެސްޓީގެ އިންވެސްޓިގޭޓަރުން ދިރާސާކޮށްފައިވެ އެވެ.

އިންޑިއާގެ ކުންފުނިތަކުން އިޒްރޭލުގެ އަސްކަރީ ސަޕްލަޔަރުންނަށް ފޮނުވާފައިވާ ތަކެތީގެ ތެރޭގައި:

  • އަސްކަރީ ފެންވަރުގެ ކުދި ހަތިޔާރުތަކަށް ބޭނުންވާ ބައިތައް (ސްމޯލް އާމްސް ޕާޓްސް) ގެ 390,516 ބައިތައް
  • ގޮވާތަކެތީގެ ބައިތައް (ޑްރޯން ވާހެޑްތަކާއި އާޓިލަރީ ޝެލް ކޭސިންގްސް ފަދަ) 564,970 ބާވަތް.
  • އަސްކަރީ އުޅަނދުފަހަރަށް ބޭނުންވާ 298 ކޮމްޕޯނެންޓް.

އެމްނެސްޓީން ބުނީ މި މައުލޫމާތުތައް ހޯދާފައިވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ ކޯޑުތައް ބޭނުންކޮށްގެން ކަމަށާއި، އާންމުންގެ ބޭނުންތަކަށް ފޮނުވާފައިވާ ތަކެތި މި ދިރާސާއިން އުނިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު އަލްޖަޒީރާއަށް ލިބުނު އިންޑިއާގެ ކަސްޓަމްސް އެކްސްޕޯޓްގެ 91 ލިޔެކިޔުމަކުން އެނގޭ ގޮތުގައި، "ބޮމާއި ގްރެނޭޑް" ގެ ގޮތުގައި މާނަކުރެވޭ ކޯޑު (93069000) ގެ ދަށުން އިންޑިއާގެ ކުންފުނިތަކުން ވަނީ އިޒްރޭލުގެ ރަފޭލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސް، އައިއެމްއައި ސިސްޓަމްސް އަދި އެމްސީޓީ މެޓީރިއަލްސް ފަދަ ހަތިޔާރު އުފައްދާ ކުންފުނިތަކަށް ހަތިޔާރުގެ ބައިތައް އެކްސްޕޯޓްކޮށްފަ އެވެ.

އެމްނެސްޓީގެ ކަންބޮޑުވުން

އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް އާނޭސް ކާލާމާރް ވިދާޅުވީ، ޣައްޒާގައި ހިންގާ ގަތުލްއާންމު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުޅި ދުނިޔެއަށް ފެންނަމުން ދާއިރު ވެސް، އިންޑިއާއިން އިޒްރޭލުގެ އަސްކަރިއްޔާއަށް ފޯރުކޮށްދޭ އެހީތެރިކަން ހުއްޓާނުލާ ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނޫނުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމިއްލަ ކުންފުނިތަކުން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓްކުރުން ކޮންޓްރޯލްކުރުމުގައި އިންޑިއާ ނުކުޅެދިފައިވާއިރު، އިންޑިއާއިން ވަނީ އިޒްރޭލާ އެކު އޮތް ދިފާއީ ގުޅުން އިތުރަށް ބަދަހިކޮށްފައި،" ކާލާމާރް ވިދާޅުވި އެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓްގެ މައުލޫމާތަށް ބަލާއިރު 2020 އާއި 2025 އާ ދެމެދު އިޒްރޭލުން ވިއްކި ހަތިޔާރުގެ 29 ޕަސެންޓް ގަނެފައިވަނީ އިންޑިއާއިންނެވެ. މިއާ އެކު އިންޑިއާއަކީ އިޒްރޭލުގެ ހަތިޔާރު އެންމެ ގިނައިން ގަންނަ ގައުމެވެ. އެ މުއްދަތުގައި އިންޑިއާއިން ހަތިޔާރު އެތެރެކުރި ގައުމުތަކުގެ ތެރެއިން އިޒްރޭލު އުޅެނީ ތިން ވަނައިގަ އެވެ. އެއީ 15 ޕަސެންޓެވެ. އެންމެ ކުރީގައި 40 ޕަސެންޓާ އެކު އޮތީ ރަޝިޔާ އެވެ. އަދި ދެވަނައިގައި، 29 ޕަސެންޓާ އެކު ފްރާންސެވެ.

ނޮވެމްބަރު 4، 2025 ގައި އިންޑިއާ އާއި އިޒްރޭލުން ވަނީ އަސްކަރީ، ސިނާއީ އަދި ޓެކްނޮލޮޖީގެ ގުޅުން ބަދަހިކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ "ގާތް ރަހުމަތްތެރިއެއް" ގެ ގޮތުގައި ސިފަކުރައްވާފައި ވާއިރު، ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން 2024 ގެ ފަހުކޮޅު ވަނީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ. -- އަލްޖަޒީރާ