އިންޑިއާގެ ޒުވާނުންގެ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ކުރަމުންދިޔަ މުޒާހަރާތައް އިންޑިއާ ސަރުކާރުން ހުރިހާ ޑިމާންޑްތަކަކަށް އެއްބަސްވުމާ ގުޅިގެން ހުއްޓާލައިފި އެވެ.

މި ބޮޑު ކާމިޔާބީ ހޯދާފައިވަނީ ގައުމުގައި ބޮޑު ސިޔާސީ ނުތަނަވަސްކަމެއް އުފެއްދި، އަދި ދުނިޔޭގެ ސަމާލުކަން ހޯދި ޒުވާނުންގެ ވަރުގަދަ މުޒާހަރާތަކަކަށް މަސް ދުވަސްވީ ފަހުންނެވެ.

ސީޖޭޕީގެ ލީޑަޝިޕުން މުޒާހަރާތައް ހުއްޓާލީ މިއަދު ސަރުކާރުގެ ވަޒީރުންނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ. މި މަޝްވަރާތަކުގައި ސަރުކާރުން ވަނީ މުޒާހަރާކުރާ ފަރާތްތަކުގެ މައިގަނޑު ހުރިހާ ޝަރުތުތަކަކަށް ދޫ ދީފަ އެވެ. އޭގެ ތެރޭގައި، އިމްތިހާން ކަރުދާސްތައް ލީކުވި ބޮޑު މައްސަލައާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މީގެ އިތުރުން، އިމްތިހާން ކަރުދާސް ލީކުވުމުގެ ސަބަބުން ކުރިމަތިވި މައްސަލަތަކުގައި އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި 10 މިލިއަން ރުޕީސް ދިނުމަށާއި، މުޒާހަރާގެ ބައިވެރިންނަށް ގާނޫނީ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސަރުކާރުން އެއްބަސްވި އެވެ.

ސީޖޭޕީގެ މުޒާހަރާ މުޅި އިންޑިއާއަށް ފެތުރިފައި ވާއިރު މިއަދު މުމްބާއީގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
ސީޖޭޕީގެ މުޒާހަރާ މުޅި އިންޑިއާއަށް ފެތުރިފައި ވާއިރު މިއަދު މުމްބާއީގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

ވެރިރަށް ނިއު ދިއްލީގައި މުޒާހަރާކުރުމަށް ކަނޑައަޅާފައި އޮންނަ ހާއްސަ ސަރަހައްދު ކަމަށްވާ 'ޖަންތަރު މަންތަރު' އަށް އެއްވެ ތިބި އެތައް ހާސް ބަޔަކު ދެން އެނބުރި ދިއުމަށް ސީޖޭޕީން ވަނީ މިއަދު ހަވީރު ސަރުކާރުގެ މަންދޫބުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ގޮވާލައިފަ އެވެ. 

އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމުގެ އިތުރުން ދަރިވަރުންގެ ބައެއް ޑިމާންޑުތައް؛

  1. އެންޓީއޭ އުވާލުން: ގައުމީ ފެންވަރުގެ އިމްތިހާނުތައް ބާއްވާ ނޭޝަނަލް ޓެސްޓިން އެޖެންސީ އުވާލައި، އިތުބާރު ހުރި އާ މިނިވަން މުއައްސަސާއެއް އުފެއްދުން.
  2. އޮންލައިން އިމްތިހާނަށް ބަދަލުވުން: ޕޭޕަރު ލީކުވުން ހުއްޓުވުމަށްޓަކައި، ކަރުދާހުގައި ލިޔެގެން ބާއްވާ އިމްތިހާނުތަކުގެ ބަދަލުގައި ސެކިއުރިޓީ ވަރުގަދަ ކޮމްޕިއުޓަ ބޭސްޑް (ސީބީޓީ) ނިޒާމަކަށް ބަދަލުވުން.
  3. ކޯޗިން ސެންޓަރުތައް ރެގިއުލޭޓްކުރުން: މާފިއާއެއްގެ ގޮތުގައި ހިނގަމުންދާ އަދި ޕޭޕަރު ލީކުވުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ޕްރައިވެޓް ކޯޗިން ސެންޓަރުތައް ހަރުކަށި ގާނޫނުތަކެއްގެ ދަށުން ކޮންޓްރޯލްކުރުން.
  4. ވަރުގަދަ އަދަބުތަކެއް ކަނޑައެޅުން: އިމްތިހާނުތަކުގައި މަކަރު ހަދާ، ޕޭޕަރު ލީކުކުރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ހަރުކަށި "އެންޓި-ޕޭޕަ ލީކް" ގާނޫނެއް ތަންފީޒުކުރުން.
  5. ދަރިވަރުންގެ ކައުންސިލް ހިމެނުން: އިމްތިހާނު ބޯޑުތަކުގެ ނިންމުންތައް ނިންމާ ކޮމިޓީތަކުގައި ދަރިވަރުންނާއި މުދައްރިސުންގެ މިނިވަން މަންދޫބުން ހިމެނުން

ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫނިއަން މިނިސްޓަރުން ކަމަށްވާ ޖޭޕީ. ނައްޑާ އާއި ޖިތެންދުރަ ސިންގާ އެކު ބައިވެރިވި ސީޖޭޕީގެ ތަރުޖަމާނުން ކަމަށްވާ ސޯރަވް ދާސް އާއި އަޝުތޯޝް ރަންކާ ބުނީ، ސީޖޭޕީ އިން މުޒާހަރާ ނިންމާލީ ސަރުކާރުން އެ މީހުންގެ ޑިމާންޑްތައް ފުރިހަމަކުރާނެ ކަމަށް ދިން ޔަގީންކަން ގަބޫލުކޮށް "ހެޔޮ ނިޔަތުގައި" ކަމަށެވެ.

ސީޖޭޕީގެ ލީޑަރު އަބީޖީތު ދިޕްކޭ ނޫސްވެރިންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
ސީޖޭޕީގެ ލީޑަރު އަބީޖީތު ދިޕްކޭ ނޫސްވެރިންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

"ސަރުކާރުން އަޅުގަނޑުމެންގެ ޑިމާންޑުތައް ގަބޫލުކޮށްފައިވާތީ، މުޒާހަރާގެ ބައިވެރިން އެނބުރި ގެއަށް ދިއުމަށް އިލްތިމާސްކުރަން،"  ޔޫނިއަން މިނިސްޓަރުންގެ ހާޒިރުގައި ސޯރަވް ދާސް ބުންޏެވެ.

މި ހަރަކާތަކީ ވަޒީފާއެއް ނެތް ޒުވާނުންނަކީ  ކުރަފިތަކެއް ފަދަ ބައެއް ކަމަށް އުއްތަމަ  ފަނޑިޔާރު ވިދާޅުވުމުން، އެކަމާ ނުރުހުން ފާޅުކޮށް އަބީޖީތު ދިޕްކޭ ނަމަކަށް ކިޔާ ޒުވާނަކު ސަމާސާ ގޮތަކަށް ފެށި އޮންލައިން ކެމްޕޭނެކެވެ. ނަމަވެސް، މި ހަރަކާތް ފުޅާވެ، ގާނޫނު ހަދާ މަޖިލީހަށް ވަންނަން ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސްއެޅުމާއި، އެކްޓިވިސްޓް ސޯނަމް ވަންގްޗުކް 26 ދުވަސް ވަންދެން ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލާ އެކު މުޅި ގައުމަށް މި މުޒާހަރާތައް ފެތުރިގެންދިޔަ އެވެ.

މުޒާހަރާ ހުއްޓާލުމުގެ އެއްބަސްވުމުގެ ރަސްމީ ލިޔެކިޔުންތައް ސަރުކާރަށް ހުށަހަޅާފައިވާއިރު، އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރުން ފައިނަލް ޖަވާބެއް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.