އީރާނާ އެކު ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް 37.5 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެއްޖެ އެވެ.
ހަނގުރާމައަށް ފަސް މަސްދުވަސް ވާން ކައިރިވެފައިވަނިކޮށް ހެގްސެތު މިކަން ހާމަކުރައްވަމުން ސިފައިންގެ ކަންކަމަށް އިތުރު އެތައް ބިލިއަން ޑޮލަރެއް ބޭނުންވާކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އަނެއްކޮޅުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "އަދި ނުނިމޭ" ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
އެއާ އެކު ބުދަ ދުވަހު ވެސް އީރާނަށް އެމެރިކާއިން ވަނީ އިތުރު ހަމަލާތަކެއް ދީފަ އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެންމެ ފަހުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ އަސްކަރީ ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗާ ފަދަ ތަންތަނަށެވެ. އަދި އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނިއުކްލިއަރ ޕްލާންޓެއް ހުންނަ ބުޝެހްރު ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ވަނީ އަމާޒުވެފަ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިއަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅީގެ މަސްރަހު މި ހަނގުރާމައިގެ ސަބަބުން ގޯސްވެފައި ވާއިރު، ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުން ވެސް މިހާރު ވަނީ ރޫޅިފަ އެވެ. އަދި މިހާރު މި ހަނގުރާމަ ވަނީ ސަރަހައްދީ އެހެން މުހިންމު ސަރަހައްދުތަކަށް ވެސް ފެތުރިގެން ގޮސްފަ އެވެ. އެކަމަކު ކުރިއަށްއޮތް ނޮވެމްބަރު މަހު އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަ މި ހަނގުރާމަ ނިންމާލަން ޓްރަމްޕަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ.
އެމެރިކާއިން އަދިވެސް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެމުންދާއިރު، އީރާނުން ވެސް ވަނީ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، އީރާނަށް ވާގިވެރިވާ ޔަމަންގެ ހޫތީން ސައޫދީ އަރަބިއްޔާގެ ބަނދަރުތައް ބަންދު ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމުން އިތުރު ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ. މީގެ އިތުރުން އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ތަންތަން ހުންނަ ސަރަހައްދީ ގައުމުތައް ދޭ ހަމަލާތައް ވެސް އިތުރުކޮށްފަ އެވެ.
ކުވެއިތާއި، ބަހްރޭން އަދި އުރުދުންއިން ވަނީ އީރާނުގެ ޑްރޯން އަދި މިސައިލް ހަމަލާތައް އައި ކަމަށާއި އެ މިސައިލްތައް ވައްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
މަޝްރަހު މިހާ ބޮޑަށް ގޯސްވެފައިވީ ވިޔަސް މެދުވެރިންގެ ބައިވެރިވުމާ އެކު އެމެރިކާއާ އެކު ސިޔާސީ ވާހަކަތައް ކުރިއަށްދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ސަރަހައްދުގެ ހަމަޖެހުން ގެއްލިދާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރައްވައިފަ އެވެ.