ތައުލީމީ ނިޒާމަށް އިސްލާހު ގެނައުމަށް ގޮވާލައި މުޒާހަރާކުރި ދަރިވަރުންނާ ދެކޮޅަށް ފުލުހުން ހިންގި ހަރުކަށި އަމަލުތަކާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްތިއުފާ ދެއްވުމަށް އިންޑިއާގެ މައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ މިއަދު ގޮވާލައްވައިފި އެވެ.
ކޮންގްރެސް ޕާޓީގެ ލީޑަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ "އިންޑިއާގެ ޒުވާނުންގެ މުސްތަގުބަލު ހަލާކުކޮށްލީތީ" މޯދީ އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. އޭނާ ސޯޝަލް މީޑިއާގައި އެހެން ލިޔުއްވީ ގާނޫނު ހަދާ މަޖިލީހުގެ އެހެން ބައެއް މެންބަރުންނާ އެކު، ނިއު ދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅާ ދިމާއަށް ބޭއްވި ހިނގާލުމެއްގައި ހުންނަވައިގެންނެވެ.
"ސަރުކާރުން އެއްވެސް ޒިންމާއެއް ނަގާކަށް ބޭނުމެއް ނުވޭ، އަދި މަޖިލީހުގައި މިކަމާ މެދު ބަހުސްކުރާކަށް ވެސް ބޭނުމެއް ނުވޭ،" ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިދިކޮޅު ލީޑަރު ރާހުލް ވިދާޅުވި އެވެ.
ރާހުލް ފަހުން ވަނީ މޯދީގެ ގެކޮޅު ބޭރުގައި އިށީނދެވަޑައިގެން އިހުތިޖާޖު ކުރައްވައިފަ އެވެ. އެ ސަރަހައްދުގައި އިންނަވައިގެން ރާހުލް ވަނީ "ބޭނުންވަނީ އިންސާފު" ކަމަށް ވިދާޅުވެ އަޑުއުފުލުމުގެ އިތުރުން "މޯދީގެ ވެރިކަން ވައްޓާލާ" އޭ ގޮވައިފަ އެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން، އޭއެފްޕީގެ ނޫސްވެރިންނަށް ފެނުނު ގޮތުގައި ރާހުލް އާއި އޭނާއާ އެކު ތިއްބެވި އަދި އެހެން މެންބަރުން ގަދަކަމުން ދުރަށް ގެންގޮސް، ފުލުހުން ވަނީ ބަހަކަށް އަރުވައިގެން އެ ސަރަހައްދުން ގެންގޮސްފަ އެވެ.
މި ހާދިސާތައް ހިނގާފައިވަނީ، ހޯމަ ދުވަހު ނިއު ދިއްލީގެ މެދުތެރޭގައި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ 60 ބައިވެރިންނަށް އަނިޔާވި ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވެރިރަށުގައި ބޭއްވި އެންމެ ބޮޑު މަގުމަތީ ރެލީ އެވެ.
އޮންލައިން ހަރަކާތެއް ކަމަށްވާ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ކުރި އިލްތިމާސަކާ ގުޅިގެން، ހާހުން މުޒާހަރާއަށް މީހުން އެއްވީ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދަންގެ އިސްތިއުފާއަށް ގޮވާލުމަށެވެ.
ފުލުހުން ވަނީ ކަރުނަގޭސް ޖަހައި، މުޒާހަރާގެ ބައިވެރިންނަށް ކޮންޓްރޯލްކުރުމަށް މުގުރުން ހަމަލާ ދީފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ އޭގެ ރައްދުގައި ފުލުހުންނާ ދިމާލަށް ގާ އުކާފައިވެ އެވެ. މި ކުރިމަތިލުންތަކުގައި ފުލުހުންގެ ތެރެއިން ވެސް މަދުވެގެން 118 މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ.
"އިއްޔެ ހިނގި ހާދިސާއަކީ އަހަރެމެންގެ ގާނޫނުއަސާސީއަށް ފައިން އެރުން،" ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ސަންދީޕް ދިކްޝިޓް އޭއެފްޕީއަށް ވިދާޅުވި އެވެ.
"މިވަރު ވީމާ، ލަދެއް ހުރި ސިޔާސީ ބޭފުޅަކަށް ނުވަތަ ރައްޔިތަކަށް މަޑުންނެއް ނުހުރެވޭނެ."
ދިއްލީގައި މުޒާހަރާކުރާ މައިދާން ކަމަށްވާ 'ޖަންތަރު މަންތަރު' އަށް މިއަދު ވެސް ހާހުން މީހުން ޖަމާވެ ފުރިފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ މުޅި ތައުލީމީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ގޮވާލައިފަ އެވެ. އަދި ސީޖޭޕީން ވަނީ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަންދެން ނުވަތަ ވަކިކުރަންދެން މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.
މޭ މަހު އުފެދުނު ސީޖޭޕީއަށް ސޯޝަލް މީޑިއާގައި މިލިއަނުން ފޮލޯވަރުން ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރު ހިންދޫ ވަތަނީ ލީޑަރު މޯދީ ވެރިކަމުގެ ތިންވަނަ ދައުރެއް ކާމިޔާބު ކުރެއްވި ފަހުން އޭނާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ އަންގާރަ ދުވަހު މުޒާހަރާގެ ބައިވެރިންނަށް ވަނީ އުންމީދު ކަނޑާނުލުމަށް އިލްތިމާސް ކޮށްފަ އެވެ.
"އެމީހުން ބޭނުންވަނީ އަހަރެމެންގެ ހިތްވަރު އެލުވާލަން،" ލޮރީއެއްގެ މަތީގައި ހުރެ އޭނާ ބުންޏެވެ. "އެމީހުން ބޭނުންވަނީ އަހަރެމެންގެ ރޫހު މަރާލަން. އަހަރެމެންގެ އަޑު ކަނޑުވާލިޔަދީގެން ނުވާނެ."
މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެ މީހުން ތިބީ ބިރުން ފަސްޖެހޭ ގޮތަކަށް ނޫން ކަމަށެވެ.
"އަހަރެމެން މިހާރު ކުރިއަށްވުރެ ބިރު ކުޑަވެއްޖެ،" ގާނޫނީ ދާއިރާއިން ކިޔަވާ 25 އަހަރުގެ ދަރިވަރު ޗަންދުރަ ޕްރަތާބް ސިޝްވީ ބުންޏެވެ.
"ފުލުހުން އެގޮތަށް މީހުންނަށް އަނިޔާކުރާތަން ފެނުމުން އަހަރެންގެ ލޭ ކެކިގެން ދިޔަ."
ދަރިވަރުންނަށް "އަނިޔާވެރިކަން އިސްކުރި" ކަމަށް ބުނެ އިދިކޮޅު މެންބަރުން މަޖިލީހުގައި ބަހުސްކުރަން އެދުމުން އުފެދުނު ދެބަސްވުމުގައި މިއަދު ވަނީ މަޖިލިސް ވެސް މެދުކަނޑާލައިފަ އެވެ.