އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ޒުވާނުންގެ ކޮކްރޯޗް ޖަންތިޔާ ޕާޓީ (ސީޖޭޕީ) މޫވްމަންޓުން ކުރި މުޒާހަރާ ރޫޅާލަން އިއްޔެ ބާރުގެ ބޭނުންކުރުމުން ބޮޑެތި ހަމަނުޖެހުން ހިނގާފައި ވިޔަސް މުޒާހަރާ ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް މިއަދު ބުނެފި އެވެ.

"ކުރަފި ޕާޓީ" އިން ނިއު ދިއްލީގައި އިއްޔެ ކުރި މުޒާހަރާތަކުގައި މަދުވެގެން 180 މީހުން ވަނީ ޒަހަމްވެފަ އެވެ.

އިންޑިއާގެ ވެރި ރަށުގެ މެދުތެރެއަށް ހޯމަ ދުވަހު އެތައް ހާސް ބަޔަކު އެއްވެ ސީޖޭޕީ އޮންލައިން މޫވްމަންޓުގެ ބާރު ވަނީ ދައްކާލައިފަ އެވެ. ޒުވާނުން ހިންގާ މި ހަރަކާތުގައި ދަނީ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށާއި އިމްތިހާނުތައް ބޭއްވުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ގޮވާލަމުންނެވެ.

މެއި މަހު ކުއްލި ގޮތަކަށް އުފެދި އަދި ފަހުން ސޯޝަލް މީޑިއާގައި މިލިއަނުން ފޮލޯވަރުން ހޯދާފައިވާ ސީޖޭޕީއަކީ، 2024 ވަނަ އަހަރު ހިންދޫ ވަތަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ފަހުން އޭނާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އިންޑިއާގައި އިއްޔެ ޒުވާނުންގެ މުޒާހަރާ ރޫޅާލުމަށް ކަރުނަގޭސް ޖަހާފައި ވަނިކޮށް ޒުވާނަކު ފުލުހުންނާ ކުރިމަތިލަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގައި އިއްޔެ ޒުވާނުންގެ މުޒާހަރާ ރޫޅާލުމަށް ކަރުނަގޭސް ޖަހާފައި ވަނިކޮށް ޒުވާނަކު ފުލުހުންނާ ކުރިމަތިލަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަރެމެން ހުއްޓައެއް ނުލާނަން. ޕްރަދާން މަގާމުން ވަކިކުރަންޖެހޭ،" ސީޖޭޕީގެ އަޝުތޯޝް ރަންކާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

މިއަދުވެސް އެތައް ސަތޭކަ ބަޔަކު މުޒާހަރާގެ ސަރަހައްދުގައި ކޭމްޕްކޮށްގެން ތިބި އިރު، އޭގެ ތެރެއިން ގިނަ މީހުން ދިޔައީ ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަން ގޮވާލަމުންނެވެ.

ހޯމަ ދުވަހު، މުޒާހަރާގެ ބައިވެރިން، ގާނޫނުހަދާ މަޖިލީހާ ދިމާއަށް ދާން ފެށުމުން އެކަން ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަގޭސް ޖަހައި، މުގުރުން ހަމަލާދީފަ އެވެ. މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދިއްލީގައި ހިންގި އެންމެ ބޮޑު އެއް މަގުމަތީ މުޒާހަރާއެވެ.

މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި މަދުވެގެން 178 މީހުންނަށް އަނިޔާވި ކަމަށް ދިއްލީ ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އޭގެ ތެރޭގައި ސީނިއާ އޮފިސަރުން ހިމެނޭހެން 118 ފުލުހުން ހިމެނެ އެވެ. އަދި މުޒާހަރާކުރި މީހުންގެ "ނުރައްކާތެރި އަދި އަނިޔާވެރި" އަމަލުތަކަށް ފުލުހުން ވަނީ ފާޑުކިޔައިފަ އެވެ.

"ހަމަނުޖެހުމުގެ ތެރޭގައި މުޒާހަރާގެ 60 ވަރަކަށް ބައިވެރިންނަށް ވެސް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައިވޭ،" ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިންޑިއާގެ ޒުވާނުން އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގައި، ފުލުހުންގެ ވެހިކަލެއް ފުރޮޅާލަން އުޅޭއިރު އެކަން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ޒުވާނުން އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގައި، ފުލުހުންގެ ވެހިކަލެއް ފުރޮޅާލަން އުޅޭއިރު އެކަން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ވަނީ "ބާރުގެ ބޭނުންކުރުން" ކުށްވެރިކޮށްފަ އެވެ. އަދި 100 އަށްވުރެ ގިނަ ބައިވެރިންނަށް އަނިޔާވެފައިވާ ކަމަށް ބުންޏެވެ.

"މިއީ އިންޑިއާގެ ޑިމޮކްރަސީގެ ތާރީހުގައި ލަދުވެތި ދުވަހެއް. ތެދުވެރި ދަރިވަރުން، ހައްގު މައްސަލައެއްގައި ނުކުތުމުން ދިއްލީ ފުލުހުން ވަނީ އަނިޔާވެރިކޮށް ތަޅައި އަނިޔާކޮށްފައި،" ރަންކާ އޭއެފްޕީއަށް ބުންޏެވެ.

ހޯމަ ދުވަހު ސީނިއާ މިނިސްޓަރު ޖޭޕީ ނައްޑާއާ ބައްދަލުކުރި ރަންކާ ބުނީ، ސަރުކާރުން އަދިވެސް އެ މީހުންގެ އެދުންތަކަށް ޖަވާބެއް ދީފައިނުވާ ކަމަށެވެ.

އިގްތިސާދީ ގޮތުން ހަލުވިކަމާ އެކު ކުރިއަރަމުން އައިނަމަވެސް، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގައި، ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތައް ހޯދުމަށް ގޮންޖެހުންތައް ބޮޑެވެ. މިއީ އާންމުންގެ ނުރުހުން އިތުރުވަމުންދާ ސަބަބެކެވެ.

މި މުޒާހަރާތައް ފެށީ ގައުމުގެ އިމްތިހާނުތަކުގެ ނިޒާމާމެދު އޮތް އިތުބާރު ކުޑަވި ސިލްސިލާ އެތައް މައްސަލަތަކަކަށް ފަހުގަ އެވެ.

މެޑިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން ހަދާ 'ނީޓް' އިމްތިހާންގެ ޕޭޕަރު ލީކުވެ އެ 2.2 މިލިއަން ދަރިވަރުން ވަނީ އަލުން އިމްތިހާން ހަދަން ވެސް ޖެހިފަ އެވެ. -- އޭއެފްޕީ