މުޅި ދުނިޔޭގެ ޑެންގީ ބަލީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ އިންޑިއާއިން، އެ ގައުމުގައި ޑެންގީން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިނަކަށް ފުރަތަމަ ފަހަރަށް ރަސްމީކޮށް ހުއްދަ ދީފި އެވެ.

ޑްރަގް ކޮންޓްރޯލަ ޖެނެރަލް އޮފް އިންޑިއާ (ޑީސީޖީއައި) އިން ހުއްދަ ދީފައިވަނީ ޖަޕާނުގެ މަޝްހޫރު ޓަކެޑާ ފާމަސޫޓިކަލްސް އިން އުފައްދާފައިވާ "ކިއުޑެންގާ" ވެކްސިނަށެވެ.

އިންޑިއާގެ 'ނިއު ޑްރަގްސް އެންޑް ކްލިނިކަލް ޓްރަޔަލްސް ރޫލްސް'ގެ ދަށުން ބާޒާރަށް ނެރުމުގެ ހުއްދަ ދީފައިވާ މި ވެކްސިން ޖެހުމަށް ކަނޑައަޅާފައިވަނީ އުމުރުން 4 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. މި ވެކްސިންގެ އެންމެ ހާއްސަ އެއް ސިފައަކީ، ވެކްސިން ޖެހުމުގެ ކުރިން ލޭގެ އެއްވެސް ޓެސްޓެއް ހަދަން ނުޖެހުމެވެ. އެހެންވެ، ކުރިން ޑެންގީ ޖެހިފައިވާ މީހުންނަށާއި، ބަލި ނުޖެހޭ މީހުންނަށް ވެސް އެއްވެސް ހުރަހެއްނެތި މި ވެކްސިން ޖެހޭނެ އެވެ.

"ކިއުޑެންގާ" އަކީ ތިން މަސްދުވަހުގެ ތެރޭ، ހަށިގަނޑުގެ ހަމުގެ ދަށަށް ޖަހައިގެން ދޭ ދެ ޑޯޒްގެ ވެކްސިނެކެވެ. މިއީ ޑެންގީ ވައިރަހުގެ ހަތަރު ސިރޯޓައިޕް (DENV-1, DENV-2, DENV-3, DENV-4) އާ ދެކޮޅަށް ވެސް ފުރިހަމައަށް މަސައްކަތްކުރާ ލައިވް-އެޓެނުއޭޓަޑް ވެކްސިނެކެވެ.

އެކި ގައުމުތަކުގައި 20,000 އަށްވުރެ ގިނަ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ބައިވެރިކޮށްގެން ހެދި ކްލިނިކަލް ޓްރަޔަލްތަކުން ދައްކާގޮތުގައި، މި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރާތާ ފުރަތަމަ އަހަރުގެ ތެރޭގައި، އަލާމާތްތައް ފެންނަ ވަރަށް ޑެންގީ ބަލީގެ އަސަރު ކުރުން 80.2 ޕަސެންޓަށް ރައްކާތެރިކޮށްދެ އެވެ. އަދި ޑެންގީ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ނިސްބަތް 90.4 ޕަސެންޓް ދަށްކޮށްދެ އެވެ.

މީގެ އިތުރުން، 4.5 އަހަރުގެ ދިގު މުއްދަތަކަށް ބެލިއިރުވެސް،  ހޮސްޕިޓަލުގައި އެޑްމިޓްވާންޖެހޭ ވަރަށް ޑެންގީގެ ސަބަބުން ބަލިވުމާ ދުރުކޮށްދޭކަން ސާބިތުވެފައިވެ އެވެ.

މި ވެކްސިންގެ ސައިޑްއިފެކްޓްތަކަކީ އާންމުކޮށް އެހެން ވެކްސިންތަކުން ވެސް ފެންނަ، ވެކްސިން ޖެހި ތަނަށް ތަދުވުމާއި، ކުޑަކޮށް ހުން އައުމާއި، ބޮލުގައި ރިއްސުން ފަދަ ވަގުތީ އަސަރުތަކެކެވެ.

މި ވެކްސިން އިންޑިއާގެ ބާޒާރަށް ފުޅާދާއިރާއެއްގައި ނެރުމަށާއި، ގިނައިން އުފެއްދުމަށް ޓަކެޑާ ކުންފުނިން ވަނީ ހައިދަރުއާބާދުގެ 'ބަޔޮލޮޖިކަލް އީ' ކުންފުންޏާ އެކު ޕާޓްނަޝިޕް ހަދައިފަ އެވެ.

މިހާރު ރަސްމީ ހުއްދަ ލިބިފައި ވިޔަސް، އިންޑިއާގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާންމުންނަށް މި ވެކްސިން ލިބެން ފަށާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ވެކްސިންގެ އިތުރުން، އިންޑިއާއިން އަމިއްލައަށް ތަރައްގީކުރަމުން އަންނަ އެއް ޑޯޒްގެ ޑެންގީ ވެކްސިން ކަމަށްވާ "ޑެންގީއޯލް" ގެ ފޭސް 3 ގެ ކްލިނިކަލް ޓްރަޔަލްތައް ވެސް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އާއި ޕެނަސިއާ ބަޔޯޓެކް ގުޅިގެން މިހާރު ދަނީ ކުރިއަށެވެ.