ބަންގްލަދޭޝްގެ ކޯޓަކުން މަރުގެ ހުކުމް އިއްވާފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ، "މި އަހަރުތެރޭ" ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
އުމުރުން 78 އަހަރުގެ ހަސީނާ، 15 އަހަރުވަންދެން ބަންގްލަދޭޝްގައި ކުރެއްވި ހަރުކަށި ވެރިކަން ނިމުމަކަށް އައީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ދަރިވަރުން އިސްނަގައިގެން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ. އެއާ އެކު ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިފަ އެވެ. އޭގެ ފަހުން އާންމުންގެ ތެރެއިން ހަސީނާ ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހު ނިއު ދިއްލީގެ ޕްރެސް ކްލަބެއްގައި ބަޔާނެއް ދެއްވި އިރު އެކަންޏެވެ.
އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަސީނާ ވިދާޅުވީ، މަރަށް ބިރުނުގަންނަ ކަމަށާއި، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަކީ "ގާނޫނާ ހިލާފު، ގާނޫނުއަސާސީއާ ހިލާފު އަދި ސިޔާސީ މަގުސަދެއްގައި" ކޮށްފައިވާ ކަމެއް ކަމަށެވެ.
"އަހަންނާ ދެކޮޅަށް އެތައް ރޭވުންތަކެއް ރޭވުނު. ނަމަވެސް އެ ހުރިހާ ރޭވުންތަކެއް ފޫއަޅުވާލުމަށް ފަހު... ރައްޔިތުންގެ ވޯޓުން ފަސް ފަހަރު އަހަންނަކީ ބޮޑުވަޒީރު ކަމަށް ހޮވައި، ގައުމަށް މުހިންމު ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނިން،" ހަސީނާ ވިދާޅުވި އެވެ.
"އަހަންނަށް ސާފުކޮށް ބުނަން އެނގޭ، ހުރިހާ ހުރަސްތަކާއި ހުރިހާ ރޭވުންތަކުން އަރައިގަނެ، އަހަރެމެން މި އަހަރު އަހަރެންގެ ގައުމަށް އެނބުރި ދާނަން،" މަރުގެ ހުކުމް އިއްވާފައިވަނިކޮށް ގައުމަށް އެނބުރި ވަޑައިގަންނަވާނެތޯ ސުވާލުކުރުމުން ހަސީނާ ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރު މަހު ޑާކާގެ ކޯޓަކުން ވަނީ، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމާއި، މީހުން މަރަން ހިތްވަރުދިނުމާއި، ލޭއޮހޮރުވުންތައް ހުއްޓުވަން ފިޔަވަޅު ނޭޅުމުގެ ކުށުގައި ހަސީނާ ދަންޖައްސަން ހުކުމްކޮށްފަ އެވެ. އަދި އޭނާގެ ކުރީގެ ސިޔާސީ ޕާޓީ، އަވާމީ ލީގުގެ ހަރަކާތްތައް ވެސް މިހާރު ވަނީ ގާނޫނާ ހިލާފު ސިޔާސީ ހަރަކާތެއްގެ ގޮތުގައި މަނާކޮށްފަ އެވެ.
މިދިޔަ ފެބުރުއަރީ މަހު ބޭއްވި އާންމު އިންތިހާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު ކާމިޔާބީއެއް ހޯދައި، ތާރިގު ރަހުމާން ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ވަނީ ރަނގަޅުވާން ފަށައިފަ އެވެ. ނަމަވެސް، ހަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝްއިން ތަކުރާރުކޮށް އެދެމުންދާތީ، ދެ ގައުމުގެ ދެމެދުގައި އަދިވެސް ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. -- އޭއެފްޕީ