ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ސައިބަ ސްކޭމް ސެންޓަރެއް ހިންގަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޗައިނާގެ 37 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މިއީ ބޭރު މީހުން ހިންގާ މިފަދަ އޮންލައިން މަކަރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށް ލަންކާގައި ހިންގަމުންދާ އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ބައެކެވެ.
އުމުރުން 23 އަހަރާއި 44 އަހަރާ ދެމެދުގެ މި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭއިރު، އެމީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
"އެމީހުން ގައުމަށް އެތެރެވީ ޓޫރިސްޓް ވިސާގައި އަދި ގާނޫނާ ހިލާފަށް މަސައްކަތްކުރަމުން ދިޔައިރު، އޭގެ ތެރެއިން ދެ މީހުންގެ ވިސާގެ މުއްދަތު ވަނީ ހަމަވެފައި،" އޭނާ ވިދާޅުވި އެވެ.
ކޮލަމްބޯގެ ސަރަހައްދެއް ކަމަށްވާ ތަލަންގަމާގައި ހުރި މި މަރުކަޒުން 35 ޓެބްލެޓް ކޮމްޕިއުޓަރާއި، 147 މޯބައިލް ފޯނުގެ އިތުރުން 100 ސިމް ކާޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ، އެ ގައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދުގެ ހޮޓަލެއްގައި ސައިބަ ސްކޭމް އޮޕަރޭޝަނެއް ހިންގި ކަމަށް ތުހުމަތުކުރެވޭ ބޭރުގެ 152 މީހަކު މީގެ މަހެއްހާ ދުވަސް ކުރިން ހައްޔަރުކޮށްފައި ވަނިކޮށެވެ، އޭގެ ތެރޭގައި ވެސް ގިނައީ ޗައިނާ މީހުންނެވެ.
މިފަދަ ސްކޭމް އޮޕަރޭޝަނެއް ހިންގި ކަމަށް ތުހުމަތުކޮށް، އިމިގްރޭޝަން އޮތޯރިޓީން ވަނީ މާޗު މަހު ޗައިނާގެ 135 މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. އެމީހުން މިހާރު ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.
ކޮލަމްބޯގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައިވަނީ، ސްރީލަންކާގައި ޗައިނާގެ ރައްޔިތުން ސްކޭމް އޮޕަރޭޝަންތައް ހިންގުން ހުއްޓުވުމަށް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެމްބަސީން ބުނީ، ސްރީ ލަންކާގެ ކުރިއަރާފައިވާ މުއާސަލާތީ ނިޒާމާއި، ގިއޮގްރަފީގެ ގޮތުން ރަނގަޅު ލޮކޭޝަނާއި، އަދި ވިސާ ލިބުމުގައި ލުއިގޮތްތަކެއް ހުރުމުން މިފަދަ ކުށްކުރާ ގުރޫޕްތަކަށް ލަންކާ އަކީ ޝައުގުވެރިވާ ގައުމަކަށް އޮންނަނީ ވެފަ އެވެ.
ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން 2024 ވަނަ އަހަރު ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ސައިބަ ކްރައިމްގެ މަރުކަޒުތައް ހިންގި ކަމަށް ތުހުމަތުކުރެވޭ ޗައިނާގެ 230 މީހަކާއި އިންޑިއާގެ 200 މީހަކު ހައްޔަރުކޮށްފަ އެވެ. -- އޭއެފްޕީ