އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރުން ދެ ހަފުތާގެ މުއްދަތަކަށް މެދުކަނޑާލަން އެއްބަސްވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ގޮސްފި އެވެ.
ރޮއިޓާސްއިން ބުނީ އެމެރިކާގައި ސާފުނުކުރާ ތެލުގެ އަގު ވަނީ ފީފާއެއް 94.59 ޑޮލަރަށް ތިރިވެފައި ކަމަށެވެ.
މިއީ ކުރީގެ އަގުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް 16 ޕަސަންޓްގެ ދަށްވުމެކެވެ.
ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ "ބްރެންޓް ފިއުޗާސް" ނުވަތަ މުސްތަގުބަލުގައި ތެޔޮ ގަނެވިއްކުމަށް ކަނޑައަޅާ އަގުތަކަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ. އެ މިންގަނޑުން ވެސް ތެލުގެ އަގު ވަނީ 15 ޕަސަންޓް ދަށަށް ގޮސްފަ އެވެ.
ބްރެންޓް މިންގަނޑުން ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 92.35 ޑޮލަރަށް ވެއްޓިފަ އެވެ.
އަގުތައް ކުއްލިއަކަށް ދަށަށް ދިޔައީ އިރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ދެ ހަފުތާ އަށް މެދުކަނޑާލަން އެއްބަސްވުމުން ތެޔޮ ލިބުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް އިންވެސްޓަރުންނަށް ގަބޫލުކުރެވޭތީ ކަމަށް ރޮއިޓަސްއިން ބުންޏެވެ.
އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓްގެ އެލެކްސް ހޯމްސް އަލްޖަޒީރާއަށް ބުނީ، ސުލްހައިގެ ހަބަރާ އެކު މާކެޓްތަކަށް ހެޔޮ ބަދަލެއް އައިސް ތެލުގެ އަގުތައް ދަށަށް ދިޔަ ކަމަށެވެ. ނަމަވެސް ސުލްހަ ދެމިއޮންނާނެ ކަމާމެދު އަދި ޔަގީންކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"ސުލްހަ ދެމިއޮންނާނެތޯ ބެލުމަށްޓަކައި އިޒްރޭލާއި އިރާނާއި އަދި އެހެނިހެން ފަރާތްތަކުން އަންނަ އިޝާރާތްތަކަށް ބެލުން ވަރަށް މުހިންމު" އެވެ. އަދި "މަޝްވަރާތަކުގައި ހުރި ބޮޑެތި ފަރަގުތައް ނައްތާލަން ޖެހޭތީ މާކެޓްތައް އަދިވެސް އޮތީ މަޑުކޮށްލައިގެން ބަލަން ތިބޭ ފަދަ ހާލަތެއްގައި އޭނާ ބުންޏެވެ.
އޭނާ ބުނީ އަގުތަކަށް ބަދަލުތަކެއް އައި ނަމަވެސް، މިހާރު ހުރި އަގުތަކަކީ އަދިވެސް ފެބްރުއަރީ މަހުގެ ފަހުކޮޅާ އަޅާބަލާއިރު މާ ބޮޑެތި އަގުތަކެއް ކަމަށެވެ.
ތެލުގެ އަގަށް އައި މި ބަދަލާ އެކު އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން ޖަޕާނުގެ ހިއްސާގެ ބާޒާރަށް ފަސް ޕަސަންޓްގެ ކުރިއެރުމެއް ލިބިފަ އެވެ. ދެކުނު ކޮރެއާގެ އިންޑެކްސް ވަނީ ހަ ޕަސަންޓް މައްޗަށް ޖެހިލާފަ އެވެ.