ޓެރަރިޒަމްގެ ކުށްތައް ސާބިތުވާ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލް ތަންފީޒުކުރުން ވާނީ ހަނގުރާމައިގެ ޖަރީމާއަކަށް ކަމަށް ވިދާޅުވެ އދ. ގެ ހިއުމަން ރައިޓްސް ޗީފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

އާ ގާނޫނުގެ ދަށުން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހަކު، ޓެރަރިޒަމްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް ކުރިކަން އަސްކަރީ ކޯޓަކުން ސާބިތުވެއްޖެ ނަމަ އެ މީހަކު ދަންޖައްސައި މެރުން އެއީ އަސާސީ އަދަބު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު ވޯލްކާ ޓާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ކަނޑައެޅިގެން ހިލާފު ގާނޫނެއް ކަމަށެވެ.

"މީގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމުގެ އުސޫލުތަކާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ. މި ގާނޫނުގައި ވަރަށް ބޮޑަށް ތަފާތުކުރުން އެބަ އޮތް، އަދި ވަގުތުން މި ގާނޫނު އުވާލަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މި ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު މީހުންނާ މެދު ޝަރީއަތް ހިންގަނީ އިޒްރޭލުގެ އަސްކަރީ ކޯޓުތަކުގަ އެވެ. އެހެންކަމުން މި ފިޔަވަޅުގެ ސަބަބުން ފަލަސްތީނު މީހުންނަށް ވަކިން، އަދި މާ ހަރުކަށި ގާނޫނީ ނިޒާމެއް ތަންފީޒުވެ އެވެ.

އިޒްރޭލުގެ ކޯޓުތަކުގައި، "ދައުލަތަށް ގެއްލުން ދިނުމުގެ ނިޔަތުގައި މީހަކު މެރުމުން" ކުށްވެރިވާ މީހުންނަށް ދެނީ މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމުގެ އަދަބެވެ.

އިސްރާއީލުގެ ތާރީހުގައި މިހާތަނަށް މަރުގެ އަދަބު ދީފައިވަނީ އެންމެ ދެ ފަހަރުއެވެ. އެއީ:

  • 1948 ގައި، ގައުމަށް ޣައްދާރުވި ކަމުގެ ތުހުމަތު ކުރެވުނު ސިފައިންގެ ކެޕްޓަނަކަށް އަދި
  • 1962 ގައި، ނާޒީ ހަނގުރާމައިގެ ކުށްވެރިޔާ އެޑޮލްފް އައިކްމަން، ދަންޖައްސައިގެންނެވެ.

ޓާކް ފާހަގަކުރެއްވި ގޮތުގައި ތަފާތުކުރުންތަކެއްގެ ތެރެއިން މަރުގެ އަދަބު ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު، ވަރަށް ބޮޑު ކުށެކެވެ.

"ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ރައްޔިތުންނަށް މި އަދަބު ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައި ބެލެވޭނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅޭ މައްސަލަތައް ބެލުމަށް ހަމައެކަނި ފަލަސްތީނު މީހުންނަށް ހާއްސަ އަސްކަރީ ކޯޓެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލާ މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މި ކޯޓަށް، އިޒްރޭލު ސިފައިން ފަލަސްތީނުގައި ހިންގާ ޖަރީމާތައް ބެލުމުގެ ބާރެއް ނޯވެ އެވެ.

ޓާކް ވަނީ މި ބިލް ބާތިލްކުރަން އިޒްރޭލުގެ ޕާލަމެންޓަށް ގޮވާލައްވައިފަ އެވެ.  އޭނާ އިންޒާރު ދެއްވި ގޮތުގައި ހަމައެކަނި ފަލަސްތީނު މީހުން ކުރާ ކުށްތަކަށް އަމާޒުކޮށްގެން މިފަދަ ގާނޫނުތައް ހެދުމަކީ، އިޒްރޭލުން ހިންގަމުންދާ ނަސްލީ ތަފާތުކުރުމާއި "އެޕާތައިޑް"ގެ އަމަލުތައް އިތުރަށް ވަރުގަދަކޮށް، އެކަމުގައި ގާނޫނީ ސިފަ ޖެއްސުމެވެ. -- އޭއެފްޕީ