ޓެރަރިޒަމްގެ ކުށް ސާބިތުވާ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބިލެއް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

މިއީ ވަކި ބަޔަކަށް އަމާޒުކޮށް ފާސްކުރި ތަފާތުކުރުން ބޮޑު ގާނޫނަކަށް ވާތީ ފާޑުކިޔުންތައް އަމާޒުވެ، ވަގުތުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން 62 މެންބަރުން މި ބިލަށް ތާއީދުކުރި އެވެ. ދެކޮޅަށް ވޯޓު ދިނީ 48 މެންބަރުންނެވެ. ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު އިސްވެ ހުރެ ހުށަހެޅި މި ބިލަށް ވޯޓަށް އެހިއިރު، އޭނާ ހުރީ މަރުގެ އަދަބު ރަމްޒުކޮށްދޭ ދަންމަޅިއެއް ބައްޓަމަށް ހަދާފައިވާ "ޕިން" އެއް ޖަހައިގެންނެވެ.

ވޯޓަށްފަހު އޭނާ އެކްސްގައި ބުނީ "އަހަރެމެން ތާރީހު ލިޔެފިން! ވީ ވައުދު ފުއްދައިފިން" ކަމަށެވެ.

މި ބިލުގެ ދަށުން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި "ޓެރަރިޒަމްގެ އަމަލެއް" ހިންގައި މީހަކު މަރާލިކަން އިޒްރޭލުގެ އަސްކަރީ ކޯޓަކަށް ސާބިތުވާ ފަލަސްތީނު މީހުންނަށް ދޭނެ އަސާސީ އަދަބަކީ މަރުގެ އަދަބެވެ. ނަމަވެސް "ހާއްސަ ހާލަތްތަކެއްގައި" މި އަދަބު އުމުރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރެވިދާނެ ކަމަށް ބުނެފައި އޮވެ އެވެ.

ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުންގެ މައްސަލަތައް އާންމުކޮށް ބަލަނީ އިޒްރޭލުގެ އަސްކަރީ ކޯޓުތަކުންނެވެ.

ކައުންސިލް އޮފް ޔޫރަޕުން ވަނީ މިއީ "ފަހަތަށް އެޅި ފިޔަވަޅެއް" ކަމަށް ބުނެފަ އެވެ. ނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މިއީ އިޒްރޭލުގެ އަމިއްލަ ސިޔާދަތީ ހައްގެއް ކަމަށް ގަބޫލުކުރާ ކަމަށާއި، މިފަދަ ފިޔަވަޅުތައް އަޅަންވާނީ އިންސާފުވެރި ޝަރީއަތަކަށް ފަހު ކަމަށެވެ.

ބިލްގައިވާ ގޮތުން، އިޒްރޭލުގެ ރައްޔިތެއް ނުވަތަ ރަށްވެއްސެއް މަރާލުމުގެ މަގްސަދުގައި ހަމަލާދޭ މީހުންނަށް ވެސް އިޒްރޭލުގެ ޖިނާއީ ކޯޓުތަކުން މަރުގެ އަދަބު ނުވަތަ އުމުރުދުވަހުގެ ޖަލު ހުކުމް ދެވޭނެ އެވެ. މި ބިލުގައި ބުނާ ގޮތުން މަރުގެ އަދަބު ދޭނީ ދަންޖައްސައިގެންނެވެ. އަދި ހުކުމް ކުރާތާ 90 ދުވަހުގެ ތެރޭގައި އެކަން ތަންފީޒުކުރަން ޖެހޭނެ އެވެ.

މި ބިލަކީ އިޒްރޭލުގެ "އަސާސީ ގާނޫނު" ތަކާ ހިލާފް ބިލެއް ކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ޖަމާއަތްތަކުން ބުނާ ގޮތުގައި މި ގާނޫނު ފަރުމާކޮށްފައިވަނީ ހަމައެކަނި ފަލަސްތީނު މީހުންނަށް އަދަބު ދިނުމަށެވެ. ޔަހޫދީން ހިންގާ މިފަދަ އަމަލުތައް މި ގާނޫނުގެ ދާއިރާއިން ބޭރުވާ ގޮތަށް އޮތުމަކީ ބޮޑު ތަފާތުކުރުމެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޕާލަމެންޓުގެ ބަހުސްގެ ތެރޭގައި އިދިކޮޅު މެންބަރެއް ކަމަށްވާ ރާމް ބެން ބަރަކް ވަނީ، ހުޅަނގު އައްސޭރީގެ އަރަބިންނަށް އެއް ގާނޫނެއް އަދި އާންމު ރައްޔިތުންނަށް އެހެން ގާނޫނެއް އޮތުމަކީ އިޒްރޭލު ގަބޫލުކުރާ ހަމަތައް ގެއްލޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.