ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ހަމަލާދޭތީ އެކަން ހުއްޓުވުމުގެ ނަމުގައި ލުބްނާންގެ ދެކުނު ސަރަހައްދަށް ވަރުގަދަ ހަމަލާތައް ދިނުމަށް ފަހު އެއްގަމު މަގުން އަރައިގެން އުޅޭ އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެއް ފައުޖަކަށް ނިސްބަތްވާ ސިފައިންގެ ތިން މީހަކު "ހަނގުރާމައިގެ ތެރޭގައި" މަރުވެފައިވާ ކަމަށާއި އަދި ވަކި ހާދިސާއެއްގައި ހަމަ އެ ފައުޖުން އިތުރު މީހަކު ވެސް މަރުވެފައިވާ ކަމަށެވެ. 

ދެވަނަ ބަޔާނުގައިވާ ގޮތުން، މި ހާދިސާގައި ސިފައިންގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، ރިޒާވް ސިފައިންގެ މީހަކަށް ވެސް ބައެއް އަނިޔާތައް ވެފައިވެ އެވެ.

މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފަށައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހަރާކޮށްލުމާ އެކު ހިޒްބުﷲ އިން ވަނީ އިޒްރޭލަށް ހަމަލާދޭން ފަށައިފަ އެވެ. ރޮކެޓް ހަމަލާތައް ހިޒްބުﷲ އިން އިޒްރޭލަށް ދޭން ފެށުމާ އެކު ވައިގެ މަގުން ވަރުގަދަ ހަމަލާތައް ގެންދަނީ ދެމުންނެވެ. 

ލުބުނާނުގެ ހެލްތު މިނިސްޓްރީން އާދީއްތަ ދުވަހު ބުނި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 1,238 މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި 124 ކުޑަކުދިން ހިމެނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 52 މީހަކާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ހިމެނެ އެވެ. އަދި މިހާތަނަށް 3,543 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައިވެ އެވެ.

މަރުވި މީހުންގެ ތެރޭގައި ތިން ނޫސްވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ހިޒްބުاللهގެ އަލް-މަނާރު ޓީވީގެ މަޝްހޫރު ކޮރެސްޕޮންޑެންޓެއް ހިމެނެ އެވެ. އޭނާ މަރުވީ މި މަހުގެ 28 ވަނަ ދުވަހު ގައުމުގެ ދެކުނުގައި ދިން ހަމަލާއެއްގަ އެވެ.

ލުބުނާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެ ގައުމުގެ ސިފައިންގެ ހަތް މީހަކު ވެސް ވަނީ  މަރުވެފަ އެވެ. ނަމަވެސް ހިޒްބުالله އިން، އެ ޖަމާއަތަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.