އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މަގްސަދުތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ހާސިލުވެފައިވާ ކަމަށާއި، ނަމަވެސް ހަނގުރާމަ ނިމޭނެ ތާރީހެއް ބުނަން ދަތި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނެފި އެވެ.

"މިހާރު މިއޮތީ ހަމަގައިމު ވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ހާސިލްވެފައި. ނަމަވެސް ވަކި ތާވަލެއް ކަނޑައަޅާކަށް ބޭނުމެއް ނޫން،" އެމެރިކާގެ ނިއުސްމެކްސް  ޗެނަލަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުންޏެވެ.

އޭނާ ބުނީ މިއީ ހަނގުރާމައިން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ހާސިލްވި ވާހަކަ ކަމަށާއި ހަނގުރާމައިގެ މުއްދަތުގެ ވާހަކަ ނޫން ކަމަށެވެ. 

ފެބްރުއަރީ 28 ގައި ނަތަންޔާހޫއާ ގުޅިގެން މި ހަނގުރާމަ ފެށި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ ބުނެފައިވަނީ "މި އޮޕަރޭޝަން 4-5 ހަފުތާއަށް" ދެމިގެންދާނެ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިއްޔެ ވިދާޅުވީ މި ހަނގުރާމަ ދެން އިތުރު މަސްތަކަކަށް ދެމިގެން ނުދާނެ ކަމަށާއި ވާނީ ހަފްތާތަކެއް ކަމަށެވެ.

ނަތަންޔާހޫ ވަނީ އީރާނުގެ އިންގިލާބީ ލަޝްކަރުގެ އެތައް ހާސް މެންބަރުން މަރާލުމަކީ ހަނގުރާމައިގެ އަމާޒެއް ކަމަށް ސިފަކޮށް އޭގެ އިތުރުން ވެސް ގިނަ ލަނޑުދަނޑިތަކެއް ހާސިލުވެފައިވާ ކަމަށް ބުނެފަ އެވެ.

އިސްރާއީލާއި އެމެރިކާ މިހާރު ވަނީ އީރާނުގެ ހަތިޔާރު އުފައްދާ ސިނާއަތް "އެއްކޮށް ނައްތާލުމާ ގާތުގައި" ކަމަށް ވެސް އޭނާ ބުންޏެވެ.

"މުޅި ސިނާއަތުގެ ބިންގާ - ހުރިހާ ފެކްޓްރީތަކެއް، މުޅި ޕްލާންޓްތައް އަދި ނިއުކްލިއާ ޕްރޮގްރާމް އެކުގައި ފޮހެލުން،" އޭނާ ބުންޏެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމާ ވަރަށް ގާތްވެފައިވާ ކަމަށް ނަތަންޔާހޫ އާއި ޓްރަމްޕް ތަކުރާރުކޮށް ތުހުމަތުކުރެ އެވެ. ނަމަވެސް މިއީ އދ. ގެ ނިއުކްލިއާ އިދާރާއިން ގަބޫލުކުރާ ވާހަކައެއް ނޫނެވެ. އަދި މިދިޔަ އަހަރު ދިން ހަމަލާތަކެއްގައި މުހިންމު ސައިޓްތައް "ފަނާކޮށްލާފައިވާ" ކަމަށް ޓްރަމްޕް ކުރިން ވެސް ވިދާޅުވެފައިވެ އެވެ.

ނަތަންޔާހޫ ބުނީ އީރާނުގެ ވެރިކަން ވެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް އެއީ މި ހަނގުރާމައިގެ މައިގަނޑު މަގްސަދު ނޫން ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

"އަހަރެމެން ދެކޭ ގޮތުގައި މި ވެރިކަން އެތެރެއިން ރޫޅިގެންދާނެ. ނަމަވެސް މިވަގުތު މިކުރާ ކަމަކީ އެމީހުންގެ އަސްކަރީ ގާބިލުކަމާއި، މިސައިލް ގާބިލުކަމާއި، ނިއުކްލިއާ ގާބިލުކަން ނައްތާލައި، އެތެރެއިން އެ ގައުމު ބަލިކަށިކުރުން،" އޭނާ ބުންޏެވެ.

މި ހަނގުރާމަ ފެށުނީ އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތައް ހުއްޓުވައި، އެތައް ހާސް ބަޔަކު މަރާލިތާ ހަފުތާތަކެއް ފަހުންނެވެ.

ރައީސް ޓްރަމްޕް މިދިޔަ ދުވަސްތަކުގައި ވިދާޅުވެފައިވަނީ، އީރާނުގެ ވެރިކަމުގެ ތެރެއިން އެމެރިކާއަށް ދޫދޭނެ ފަދަ ފަރާތްތަކަކަށް ބާރު ލިބިގެންދާތީ، މި ހަނގުރާމައިގެ ސަބަބުން މިހާރުވެސް "ވެރިކަން ބަދަލުވުމުގެ" މަގްސަދު ހާސިލުވަމުން އަންނަ ކަމަށެވެ. -- އޭއެފްޕީ