މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމާ ގުޅިގެން، އަންނަ ބުދަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ގާތްގަނޑަކަށް 40 ޕަސެންޓާ ހަމަޔަށް ބޮޑުކުރަން ނިންމާފައިވާކަން ސްްރީ ލަންކާއިން މިއަދު އިއުލާންކޮށް ފިއެވެ.

ސްްރީ ލަންކާގެ ޕަބްލިކް ޔުޓިލިޓީސް ކޮމިޝަން (ޕީޔޫސީއެސްއެލް) އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ހުރި ގޮތުން، އޭޕްރީލް މަހު އިތުރަށް އަގު ބޮޑުވުން އެކަށީގެންވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި އިއުލާންކުރި އަގުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުމުގެ ކުރިން އަގުތައް ހުރި މިންވަރަށް ބަލައިގެން ލަފާކުރި އަގުތަކެއް،" ކޮލަމްބޯގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީޔޫސީއެސްއެލްގެ ޗެއާމަން ކޭ.ޕީ.އެލް ޗަންދްރަލާލް ވިދާޅުވި އެވެ.

މެދުފަންތީގެ ގިނަ ކަސްޓަމަރުންނަށް ކަރަންޓު ކިލޯވޮޓް އަވާ (ޔުނިޓެއް) ގެ އަގު 61 ރުޕީސް އިން 84 ރުޕީސް (0.28 ޑޮލަރު) އަށް އުފުލޭނެ އެވެ. މިއީ 39.34 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް އެންމެ މަދުން ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ (މަހަކު 30 ޔުނިޓަށް ވުރެ މަދު) ބިލްތަކަށް އަންނާނީ 11.11 ޕަސެންޓުގެ އިތުރުވުމެކެެވެ.

ސްްރީ ލަންކާއިން ވަނީ މި މަސް ތެރޭގައި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ވެސް ބޮޑުކޮށްފަ އެވެ. އެއީ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ހަކަތަ އިގްތިސާދު ކުރުމަށްޓަކައި ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ސަރުކާރުން ވަނީ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކުން ވެސް، ކުރެވެން އޮތް މިންވަރަކުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަށް އެދިފަ އެވެ.

އާންމު ހާލަތުގައި އޮންނައިރު، މުޅި ދުނިޔެއަށް ސަޕްލައިކުރާ ސާފުނުކުރާ ތެލާއި ގޭހުގެ 20 ޕަސެންޓް އުފުލުމަށް ބޭނުންކުރާ ހޮރްމޫޒް ކަނޑުއޮޅި، މިހާރު ވަނީ އީރާނުން ބަންދުކޮށްފަ އެވެ. މިއީ މިދިޔަ މަހު އެމެރިކާ-އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ދިއުމުގެ ނަތީޖާއެކެވެ.

ސްްރީ ލަންކާއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ. އަދި ކަރަންޓު އުފެއްދުމަށް ބޭނުންވާ ކޯލް ވެސް އެ ގައުމުން ގަންނަނީ ބޭރުންނެވެ.

ސްްރީ ލަންކާއަށް ބޭނުންވާ ތެޔޮ ގަންނަނީ އިންޑިއާ، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާއިންނެވެ. ނަމަވެސް އެ ގައުމުގައި ހުންނަ، އީރާނުގެ އެހީގައި ބިނާކޮށްފައިވާ ރިފައިނަރީއަށް ބޭނުންވާ ސާފުނުކުރާ ތެޔޮ ގެންނަނީ މެދުއިރުމަތިންނެވެ.

ސަރުކާރުން ވަނީ މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ، 2022 ވަނަ އަހަރު ދިމާވި އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ކުރާ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ބޭރު ފައިސާ ހުސްވުމުގެ ސަބަބުން 2022 ވަނަ އަހަރު ސްްރީލަންކާ ވަނީ 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވެފަ އެވެ. އޭގެ ފަހުން ލަންކާއިން ވަނީ އައިއެމްއެފް  މެދުވެރިކޮށް 2.9 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ހޯދައިފަ އެވެ. -- އޭއެފްޕީ