އީރާނުން އަވަހަށް ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފި ނަމަ، އެ ގައުމުގެ ތެޔޮ ވަޅުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކާއި، ތެޔޮ އެކްސްޕޯޓްކުރާ މައި ބަނދަރު ހަލާކުކޮށްލާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންޒާރު ދެއްވައިފި އެވެ.

ޓްރަމްޕު މި އިންޒާރު ދެއްވާފައި މި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިއުމަށް ބެއްލެވުމެއް ނެތި ކަމަށް ވާއިރު މި އިންޒާރާ އެކު އަގުތައް އިތުރަށް ވަނީ ބޮޑުވާން ފަށައިފަ އެވެ.  

އީރާނުގެ ޚަރްޖު ޖަޒީރާގައި ހުރި ތެލުގެ ފެސިލިޓީތައް ހިފުމަށް އެމެރިކާގެ އެއްގަމު ސިފައިން އަރާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ކުރިން ދެއްވި ބަޔާނާ ގުޅިގެން މިހާރު ވެސް ތެލުގެ އަގު ވަނީ އިތުރަށް އުފުލިފަ އެވެ. 

މި ހާސްކަން ބޮޑުވެފައި އޮއްވައި ޓްރަމްޕު ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، މަޝްވަރާގެ މަގުން ހައްލެއް ލިބޭނެ ކަމުގެ އުންމީދު އެބަ އޮތެވެ. ނަމަވެސް އެކަން އެގޮތަށް ނުވެއްޖެ ނަމަ ނުވަތަ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާ ނަމަ، އެމެރިކާގެ ސިފައިން ޚަރްޖު ޖަޒީރާ އާއި އީރާނުގެ ހުރިހާ ތެޔޮ ވަޅުތަކާއި ކަރަންޓު އުފައްދާ ތަންތަން "ގޮއްވާލާނެ" ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

މީގެ ކުރިން އީރާނުން ވަނީ، އެ ގައުމުގެ އިގްތިސާދީ މަރުކަޒުތަކަށް އެމެރިކާ އާއި އިޒްރޭލުން އިތުރު ހަމަލާތަކެއް ދީފި ނަމަ، ގަލްފުގެ އަރަބި ގައުމުތަކުގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ. މަސް ދުވަސް ވެފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ.

މާހިރުން އިންޒާރު ދޭ ގޮތުގައި، އެމެރިކާ ސިފައިން އެއްގަމު މަގުން އަރައި ހަނގުރާމަ އިތުރަށް ފުޅާކޮށްފި ނަމަ ނުވަތަ އީރާނުން ބަދަލުހިފުމުގެ ހަމަލާތައް ވަރުގަދަކޮށްފި ނަމަ، ތެލުގެ އަގު 2008 ވަނަ އަހަރު ހުރި 150 ޑޮލަރަށް ވުރެ ވެސް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މި މަހު އެކަނިވެސް ބްރެންޓް ކުރޫޑްގެ އަގު ވަނީ 60 ޕަސެންޓާ ގާތަށް އުފުލިފަ އެވެ.