އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ހަލުވިކަމާ އެކު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އެ ގައުމުގެ ވެރިރަށް ނިއު ދިއްލީގައި ބައިނަލްއަގުވާމީ ދެވަނަ އެއާޕޯޓް މިއަދު ހުޅުވައިފި އެވެ.

އަލަށް ހުޅުވީ "ނޮއިޑާ އިންޓަނޭޝަނަލް އެއާޕޯޓް" އޮންނަޏީ ސިޓީއާ 75 ކިލޯމީޓަރު (45 މޭލު) ދުރުގަ އެވެ. ފުރަތަމަ ފިޔަވަހީގައި އަހަރަކު 12 މިލިއަން ފަސިންޖަރުންނަށް މި އެއާޕޯޓުން ހިދުމަތް ދޭނެ އެވެ. އަދި ކުރިމަގުގައި މިއަދަދު 70 މިލިއަނަށް އިތުރުކުރުމުގެ ގާބިލުކަން އެތަނުގައި ހުންނާނެ އެވެ.

މިއީ ކާގޯގެ ހިދުމަތް ވެސް ދޭ ގޮތަށް އަދި މި މަސައްކަތް އިތުރަށް ފުޅާކުރަމުން ގެންދާ ގޮތަށް ހަދާފައިވާ އެއާޕޯޓެކެވެ. 

އިންޑިއާގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އައުމާއި، 1.4 ބިލިއަނުގެ އާބާދީއެއް އޮތުމުގެ ސަބަބުން، އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުފަތުރާ އެކު، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ވައިގެ ދަތުރުފަތުރުގެ މާކެޓަށް އެ ގައުމު ވުމުގެ ދޮރު ވަނީ ހުޅުވިފަ އެވެ.

އިންޑިއާގައި އާބާދީ އެންމެ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގެ ޖެވާރުގައި އަލަށް ތަރައްގީކުރި މި އެއާޕޯޓް އިފްތިތާހުކޮށްދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އުއްތަރު ޕްރަދޭޝްގައި ގާތްގަނޑަކަށް 243 މިލިއަން މީހުން ދިރިއުޅެ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުޅުވި އިންޓަނޭޝަނަލް ދެ ވަނަ އެއާޕޯޓް ކަމަށްވާ ނޮއިޑާ އިންޓަނޭޝަނަލް އެއާޕޯޓް. -- ފޮޓޯ: ޕީޓީއައި
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުޅުވި އިންޓަނޭޝަނަލް ދެ ވަނަ އެއާޕޯޓް ކަމަށްވާ ނޮއިޑާ އިންޓަނޭޝަނަލް އެއާޕޯޓް. -- ފޮޓޯ: ޕީޓީއައި

މި އެއާޕޯޓަކީ މުޅި ދިއްލީ ސަރަހައްދަށް ވަދެވޭ މައި ދޮރާއްޓަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޯދީ ވިދާޅުވި އެވެ. އަދި އެއާޕޯޓުގެ މަސައްކަތްތައް ފުރިހަމައަށް ހިނގައިގަތުމުން، ކޮންމެ ދެ މިނެޓަކުން ފްލައިޓެއް ފުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި އެއާޕޯޓުގެ ސަބަބުން ހުޅަނގު އުއްތަރު ޕްރަދޭޝްގެ އިގްތިސާދީ ހަރަކާތްތަކަށް ކުރިއެރުން ލިބި، ދަނޑުވެރިންނަށާއި، ކުދި ވިޔަފާރިތަކަށާއި، ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ،" މޯދީ ވިދާޅުވި އެވެ.

މި އެއާޕޯޓަކީ ސިޓީގެ މަރުކަޒާ 15 ކިލޯމީޓަރު (9 މޭލު) ދުރުގައި މިހާރުވެސް ހިދުމަތް ދެމުން އަންނަ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބޭ ފުރިހަމަކަމެކެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުޅުވި އިންޓަނޭޝަނަލް ދެ ވަނަ އެއާޕޯޓް ކަމަށްވާ ނޮއިޑާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެތެރެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުޅުވި އިންޓަނޭޝަނަލް ދެ ވަނަ އެއާޕޯޓް ކަމަށްވާ ނޮއިޑާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެތެރެ.

"މި ދެ އެއާޕޯޓް ގުޅިގެން މަސައްކަތްކުރާނީ ވައިގެ ދަތުރުފަތުރުގެ އެއް ނިޒާމެއްގެ ގޮތުގައި. މިކަމުގެ  ސަބަބުން، ބާރުބޮޑުވުން ކުޑަވެ، ފަސިންޖަރުން އުފުލުމުގެ ގާބިލުކަން އިތުރުވެ، ދިއްލީ އެންސީއާރް [ނެޝަނަލް ކެޕިޓަލް ރީޖަން] އަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަކަށް ވެގެންދާނެ،" މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.

މޯދީ 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ކުދި އަދި ބޮޑެތި ސިޓީތައް ވައިގެ މަގުން ގުޅާލުމަށް އިސްކަން ދެއްވި އެވެ. 

އޭވިއޭޝަން މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި ދިހަ އަހަރު ތެރޭގައި އެއާޕޯޓްތަކުގެ އަދަދު ވަނީ ދެގުނައަށްވުރެ އިތުރުވެފަ އެވެ. އިންޑިއާގައި 2014 ވަނަ އަހަރުގެ ނިޔަލަށް އޮތީ 74 އެއާޕޯޓު ނަމަވެސް 2024 ވަނަ އަހަރު މި އަދަދު ވަނީ 157 އަށް އިތުރުވެފަ އެވެ. -- އޭއެފްޕީ