ހަނދުގެ ނާރެހުގައި [ދައުރުވާ] ޖައްވީ ސްޓޭޝަނެއް ހެދުމަށް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ގެންގުޅުނު ޕްލޭން މަޑުޖައްސާލުމަށް ފަހު ހަނދުގައި މަރުކަޒެއް ގާއިމުކުރުމަށް 20 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
މެދުކަނޑާލަން ނިންމި ޕްލޭނަކީ "ގޭޓްވޭ ސްޕޭސް ސްޓޭޝަން"ގެ ނަމުގައި ކުރިއަށް ގެންދަން އުޅުނު މަޝްރޫއުއެކެވެ.
"މިހާރު އޮތް ގޮތަށް ގޭޓްވޭގެ މަސައްކަތް މެދުކަނޑާލުމަށް ފަހު، ހަނދުގެ ސަތަހައިގައި ދާއިމީކޮށް މަސައްކަތް ކުރެވޭނެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ނާސާއިން އިސްކަންދޭނެ،" ވޮޝިންޓަންގައި ހުންނަ ނާސާގެ މައި މަރުކަޒުގައި ބޭއްވި އިވެންޓެއްގައި ނާސާގެ ވެރިޔާ ޖެރެޑް އައިޒަކްމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް އާލާތްތަކާ ގުޅޭގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިހާރު ހުރި ވަސީލަތްތަކުގެ ބޭނުން ހިފައި، ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމާ އެކު މި އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ކުރިން ރާވާފައިވާ ގޭޓްވޭ މަޝްރޫއަކީ ޔޫރަޕިއަން ސްޕޭސް އެޖެންސީ އާއި ބައިނަލްއަގުވާމީ އެހެން ބައެއް ޖަމާއަތްތަކާ ގުޅިގެން ހިންގަން ނިންމާފައިވާ މަޝްރޫއެކެވެ.
މިއީ އެމެރިކާއިން އަލުން ހަނދަށް ދިއުމަށާއި، އެތަނުގައި ދާއިމީކޮށް ތިބެވޭނެ ގޮތެއް ގާއިމުކުރުމަށް ފަހު މާސް އަށް ދިއުމަށް މަގު ފަހިކުރުމަށް ހިންގާ "އާޓެމިސް" ޕްރޮގްރާމަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން މި ފަހުން ގެނައި އެންމެ ބޮޑު ބަދަލެވެ.
ހަނދުގެ ނާރެހުގައި ހަދަން އުޅުނު ގޭޓްވޭ ސްޓޭޝަނަކީ ހަނދަށްދާ އެސްޓްރޮނޯޓުން ބަދަލުވާ މަރުކަޒެއްގެ ގޮތުގަ އާއި ދިރާސާކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވާ ތަނެކެވެ.
މި މަޝްރޫއު މެދުކަނޑާލުމަކީ މާ ބޮޑު ހައިރާންކަމެއް ލިބުނު ކަމެއް ނޫނެވެ. ސަބަބަކީ ބައެއް ފަރާތްތަކުން ވަނީ މިއީ ބޭކާރު ހަރަދެއް ކަމަށާއި ހަނދާ ގުޅޭ އެހެން ޕްރޮގްރާމްތަކަށް މި ހަރަދު ކުރުން މާ ބުއްދިވެރި ކަމަށް ބުނެ ފާޑުކިޔަމުން ދާތީ އެވެ.
އައިޒަކްމަން ވިދާޅުވީ، ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި އެތައް މިޝަންތަކެއް މެދުވެރިކޮށް ހަނދުގެ ބޭސް ބިނާކުރުމަށް 20 ބިލިއަން ޑޮލަރު ހޭދަކުރަން ނާސާއިން މިހާރު ރާވާފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ އަމިއްލަ ކުންފުނިތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ބިމުން ބޭރުގައި އިންސާނުން ބިނާކުރާ ފުރަތަމަ ދާއިމީ މަރުކަޒަށް ވާނެ. އަދި މި މަސައްކަތުގައި މުޅި ދުނިޔެ ބައިވެރިކުރާނަން،" އޭނާ ވިދާޅުވި އެވެ.
އާޓެމިސް 2 ވެސް ތައްޔާރު
ނިމިދިޔަ އަހަރުގެ ފަހުކޮޅު ނާސާގެ ހިންގުމާ ހަވާލުވެވަޑައިގަތް އައިޒަކްމަން، މީގެ މަސް ދުވަސް ކުރިން ވަނީ އާޓެމިސް ޕްރޮގްރާމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން އިއުލާން ކުރައްވައިފަ އެވެ. މި ޕްރޮގްރާމަށް ފާއިތުވި އަހަރުތަކުގައި އެކި ސަބަބުތަކާހުރެ ލަސްތަކެއް ކުރިމަތިވެފައިވާއިރު، އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާ މީހުން ހަނދަށް ފޮނުވުމެވެ.
އެ އަމާޒަށް ބަދަލެއް ނާދެއެވެ. ނަމަވެސް، ހަނދަށް އުޅަނދެއް ޖެއްސުމުގެ ކުރިން، އޮޕަރޭޝަނަލް 'މަސަލް މެމޮރީ' ނުވަތަ ތަޖުރިބާ އިތުރުކުރުމަށްޓަކައި ޓެސްޓް މިޝަނެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އައިޒަކްމަން ވިދާޅުވި އެވެ.
މި ބަދަލު ގެނެސްފައިވަނީ އާޓެމިސް 2 މިޝަން ތަކުރާރުކޮށް ލަސްވަމުންދާތީ އެވެ. މި މިޝަން ފުރަތަމަ ރާވާފައި އޮތީ ފެބްރުއަރީ މަހު ފޮނުވާލުމަށެވެ. ނަމަވެސް މިހާރު އަމާޒަކީ އޭޕްރީލް މަހުގެ ކުރީކޮޅެވެ. މިއީ ބައި ގަރުނަށްވުރެ ވެސް ގިނަ ދުވަސް ފަހުން ހަނދު ކައިރިން ކުރާ ފުރަތަމަ ދަތުރަށް ވާނެ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އޭނާ ވަނީ އެމެރިކާ މީހުން އަލުން ހަނދަށް ދާން ބޭނުންވާކަން އިއުލާން ކުރައްވައިފަ އެވެ.
ޗައިނާއިން ވެސް ދަނީ 2030 ވަނަ އަހަރުގެ ކުރިން ހަނދަށް އިންސާނުން ފޮނުވުމަށް ހަލުވިކަމާ އެކު މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ މި މަސައްކަތް ބިނާވެފައިވަނީ ނާސާއާ އެކު މަސައްކަތްކުރާ އަމިއްލަ ކުންފުނިތަކަށެވެ. އާޓެމިސް ޕްރޮގްރާމްގައި ބޭނުންކުރާ ލޫނާ ލޭންޑާސް (ހަނދަށް ޖައްސާ އުޅަނދު) ތައްޔާރުކުރުމުގެ ކޮންޓްރެކްޓް ދީފައިވަނީ އީލޮން މަސްކްގެ ސްޕޭސް އެކްސް އަދި ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިން ކުންފުންޏަށެވެ. -- އޭއެފްޕީ