ރޭގަނޑު އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރާތީ ކަރަންޓުގެ ޑިމާންޑް އިތުރުވެ ޑީސަލާއި ކޯލް އަންދަންޖެހޭ ވަރު އިތުރުވަމުން ދާތީ އޭގެ ވެހިކަލް ހަމައެކަނި ދުވާލު ވަގުތު ޗާޖުކުރުމަށް ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަށް އެދިވަޑައިގެންފި އެވެ.  

ގައުމާ މުޚާތަބު ކުރައްވައި ރައީސް ޑިސެނަޔަކަ ވިދާޅުވީ، އިލެކްޓްރިކް ވެހިކަލްތަކުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ކަރަންޓުގެ ޑިމާންޑަށް އިތުރު 300 މެގަވޮޓް އިތުރުވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ގްރިޑަށް ބާރުބޮޑުވަމުންދާ ކަމަށެވެ.

"އިލެކްޓްރިކް ކާރު ގެންގުޅޭ ފަރާތްތަކުން އުޅަނދުތައް ޗާޖުކުރަނީ މަސައްކަތް ނިންމާފައި ގެއަށް އަންނަ ވަގުތު. އެހެންވެ ގްރިޑަށް އިތުރަށް ބާރު ބޮޑުވެ، މި ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދުމަށް ހުރިހާ ޖަނަރޭޓަރުތަކެއް ހިންގަން މިވަނީ މަޖުބޫރުވެފައި،" އަންގާރަ ދުވަހުގެ ރޭ ރައީސް ވިދާޅުވި އެވެ.

ރޭގަނޑު ބޭނުންކުރާ ކަރަންޓުގެ ބޮޑުބައެއް އުފައްދަނީ 900 މެގަވޮޓްގެ ކޯލް ޕަވަ ސްޓޭޝަނަކުންނާއި 1،000 މެގަވޮޓްގެ ޑީސަލް އިންޖީނުގެތަކުންނެވެ. މިއީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއްގެ ގޮތުގައި އިލެކްޓްރިކް ކާރުތަކުން ބޭނުންވާ ނަތީޖާއެއް ނޫނެވެ.  

އެކަށީގެންވާ ބެޓެރި ސްޓޯރޭޖް ނިޒާމުތަކެއް އަދި ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން، ދުވާލު ގަޑީގައި ލިބޭ އިރުގެ ހަކަތަ ރައްކާކޮށް ބޭނުންކުރެވޭނެ ގޮތެއް މިވަގުތު ސްރީލަންކާ އަކު ނެތެވެ.

"އިރުގެ ހަކަތައިން އިތުރަށް ކަރަންޓު ލިބޭ ދުވާލުގެ ވަގުތުތަކުގައި ކާރުތައް ޗާޖުކުރައްވާ،" ރައީސް ވިދާޅުވި އެވެ. އަދި ރޭގަނޑު ޗާޖުކުރުން މަދުކުރުމަށްޓަކައި ހާއްސަ ޓެރިފްތަކެއް ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަސް އަހަރުވީ ވެހިކަލް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ އުވާލި ފަހުން، އެ ގައުމަށް އެތެރެކުރާ އިލެކްޓްރިކް ކާރުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެތެރެކުރި އުޅަނދުތަކުގެ 10 ޕަސެންޓަށް ވުރެ ގިނައީ ފުލް އިލެކްޓްރިކް އުޅަނދުތަކެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމާ ހެދި، ސްރީ ލަންކާއިން މިހާރު ވަނީ ތެޔޮ ވިއްކުން ކޮންޓްރޯލްކުރަން ފަށައިފަ އެވެ. އަދި ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން ބުދަ ދުވަހުން ފެށިގެން، ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ސަރުކާރުގެ ރަސްމީ ވަގުތު ވަނީ ހަމަޖައްސައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ސަބަބުން، ސާފު ނުކުރާ 90،000 ޓަނުގެ ތެލުގެ ދެ ޝިޕްމަންޓް ހޯދުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް، ރަޝިޔާ އާއި އަވަށްޓެރި އިންޑިއާ ފަދަ ރަހުމަތްތެރި ގައުމުތަކާ ވާހަކަދައްކައިގެން ތެޔޮ ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ މި ނިންމުމާ އެކު ސްކޫލްތަކާއި، ސަރުކާރު އޮފީސްތަކާއި ބޭންކުތައް ބަންދުކުރުމުން، މިއަދު މަގުތަކުން ޓްރެފިކް މަދުވެ ފެންނަނީ ހިމޭންކޮށެވެ. -- އޭއެފްޕީ