އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާއަށް ދެން އިތުރު އެހީތެރިކަމެއް "ބޭނުންނުވާ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ތެޔޮ އުފުލާ ބޯޓުފަހަރަށް ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެކުވެރި ގައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން، ގިނަ ގައުމުތަކުން އެކަމަށް އިންކާރުކޮށްފައި ވަނިކޮށެވެ.

ހަމަލާތަކުގެ ބަދަލުހިފުމަށް އީރާނުން ބަންދުކޮށްފައިވާ ކަނޑޯޅި ހުޅުވަން ދުނިޔޭގެ ބޮޑެތި ބާރުތަކުން ގަލްފު ސަރަހައްދަށް މަނަވަރުތައް ފޮނުވަން ދެކޮޅު ހަދާތީ ޓްރަމްޕް ގެންދަވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.

ހަނގުރާމައަށް ތިން ހަފްތާ ވެފައިވާއިރު، އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކުގައި އީރާނުގެ ލީޑަޝިޕާއި، އަސްކަރީ މަރުކަޒުތަކާއި، ހަތިޔާރު އުފައްދާ ތަންތަން ސުންނާފަތިކޮށްލާފައިވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އީރާނުގެ 'ޓެރަރިސްޓް ސަރުކާރާ' ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިވާން ބޭނުންނުވާ ކަމަށް ނޭޓޯގެ ގިނަ ގައުމުތަކުން ވަނީ އަންގާފައި،" ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑުމެންނަށް ލިބެމުންދާ އަސްކަރީ ކާމިޔާބީތަކުގެ ސަބަބުން، ނޭޓޯގެ ގައުމުތަކުގެ އެހީތެރިކަމަކަށް ދެން ބޭނުމެއް ނުވޭ. އަދި އެކަމަށް ޝައުގުވެރިކަމެއް ވެސް ނެތް. ދުވަހަކުވެސް ބޭނުމެއް ނުވޭ! ހަމައެގޮތަށް، ޖަޕާން، އޮސްޓްރޭލިއާ، ނުވަތަ ދެކުނު ކޮރެއާގެ އެހީ ވެސް ބޭނުމެއް ނޫން. އަޅުގަނޑުމެން އެއްވެސް މީހެއްގެ އެހީއަކަށް ބޭނުމެއް ނުވޭ!" ޓްރަމްޕް ވިދާޅުވި އެވެ.

އެހީތެރިކަން ދޭން ދެކޮޅުހެދި ގައުމުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން 79 އަހަރުގެ ޓްރަމްޕު ވިދާޅުވީ، އެ ގައުމުތަކުގެ އަމަލުތަކާ މެދު ހައިރާންވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ނޭޓޯ އަކީ ކޮންމެ އަހަރަކު އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްގެން އެ ގައުމުތައް ހިމާޔަތްކޮށްދޭ "އެއްކޮޅަށް ދުއްވާ މަގެއް" ގެ ގޮތުގައި އަބަދުވެސް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް ކުރާ މި ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިފައިވާއިރު، އީރާނުން ދަނީ އަވަށްޓެރި ގައުމުތަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދެމުންނެވެ. މީގެ އިތުރުން ހޮރްމުޒް ކަނޑޯޅިން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާދީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ އެ މުހިންމު މަގު ވަނީ ގާތްގަނޑަކަށް ބަންދުކޮށްފަ އެވެ.

ފްރާންސްގެ ރައީސް އިމަނުއަލް މެކްރޯން ވިދާޅުވީ މިހާރު އޮތް ނުރައްކާތެރި ހާލަތުގައި ކަނޑޯޅި ހުޅުވުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް މަސްރަހު ހަމަޔަކަށް އެޅުމުން އެހެން ގައުމުތަކާ ގުޅިގެން ބޯޓުފަހަރަށް ހިމާޔަތް ދިނުމުގައި ބައިވެރިވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިނގިރޭސިވިލާތުން ވެސް ވަނީ އެމެރިކާގެ އެދުމަށް ފުރަގަސްދީފަ އެވެ. -- އޭއެފްޕީ