މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާ އަށް އުފުލުމާ ގުޅިގެން، އޭޝިއާގައި އޮޕަރޭޓުކުރާ އެއާލައިންތަކުން ޓިކެޓުގެ އަގުތައް ބޮޑުކޮށްފި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިފައިވާއިރު، ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ޓިކެޓުގެ އަގުތައް ބޮޑުކޮށްފައިވާ އެއާލައިންތަކުގެ ތެރޭގައި އެއާ އިންޑިއާ، ކެތޭ ޕެސިފިކް އަދި ކުއަންޓަސް އެއާލައިންސް ހިމެނެ އެވެ.

މިދިޔަ ހޯމަ ދުވަހު ޖެޓް ފިއުލް ފީފާއެއްގެ އަގު ވަނީ 173 އެމެރިކާ ޑޮލަރަށް ވުރެ މަތިވެފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ފީފާއެއް ލިބެން ހުރި އަގުގެ ދެގުނަ ބޮޑު އަދަދެކެވެ.

މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނުގެ ރައްދުގައި، އީރާނުން ވެސް ދަނީ އިޒްރޭލުގެ އިތުރުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. 

މީގެ އިތުރުން، މެދުއިރުމަތިން ތެލާއި ގޭސް ބޭރުކުރާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމުގެ ސަބަބުން، ސަޕްލައި ވަނީ އެކީގައި ތާށިވެފަ އެވެ. މިގޮތުން، ދުނިޔޭގެ ތެޔޮ ސަޕްލައިގެ 20 ޕަސެންޓު ދަތުރުކުރަނީ އެ ކަނޑުއޮޅި މެދުވެރިކޮށެވެ. 

އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ، މި މަސް ފެށުނު ފަހުން، ހިންގުމުގެ ހަރަދުގެ 40 ޕަސެންޓު ހިއްސާކުރާ އޭވިއޭޝަން ތެލަށް ކުރަންޖެހޭ ހޭދަ އެތައް ގުނައެއް އިތުރު ވެފައިވާ ކަމަށެވެ.

ވިޔަފާރި ދެމެހެއްޓުމަށްޓަކައި، ޓިކެޓުގެ އަގުތައް ބޮޑުކުރަން ނިންމީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެއާ އިންޑިއާއިން ބުންޏެވެ.

އިންޑިއާގެ އެތެރޭގެ އުދުހުންތަކަށް އިތުރު 4.30 ޑޮލަރު އަދި އިރުދެކުނު އޭޝިޔާގެ ޓިކެޓަށް 20 ޑޮލަރު އިތުރުކުރަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ. ނަމަވެސް، ތިންވަނަ ފިޔަވަހީގެ ތަފްސީލެއް ދީފައެއް ނުވެ އެވެ.

ހޮންކޮންގަށް ނިސްބަތްވާ ކެތޭ ޕެސިފިކް އެއާލައިންސް އިން ވެސް ވަނީ ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ޓިކެޓުގެ އަގުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ބަޖެޓު އެއާލައިން ސްޕައިސް ޖެޓުން ވެސް ވަނީ ތެލުގެ އަގު ދަށް ނުވާ ނަމަ ބައެއް ފްލައިޓުތައް ގްރައުންޑު ކުރަންޖެހޭނެ ކަމުގެ އިންޒާރު ދީފަ އެވެ. 

ތައި އެއާވޭސްއިން ވެސް ވަނީ 10 ޕަސެންޓާއި 15 ޕަސެންޓުގެ ދެމެދު ޓިކެޓުގެ އަގުތައް ބޮޑުކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.