އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިއަދުގެ ހަމަލާތަކުގައި އަވަހާރަވެފައިވުން ގާތް ކަމަށް އިޒްރޭލުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ޗެނަލް 12 އިން ބުނެފި އެވެ. 

އިޒްރޭލުގެ އެ ޗެނަލުން ބުނީ ޚާމަނާއީ އުޅުއްވާ ކޮމްޕައުންޑަށް ވަރުގަދަ ހަމަލާއެއް ދިން އިރު އޭނާ އެތަނުގައި ނޫޅުއްވާ ކަމަށް އީރާނުން ބުނެފައި ވިޔަސް އެގޮތަށް މިހާރު ނުބެލެވޭ ސަބަބުތައް އެބަހުރި ކަމަށް އިޒްރޭލުގެ އެސެސްމަންޓުން ދައްކާ ކަމަށެވެ. 

އެންމެ ކުޑަމިނުން ޚާމަނާއީ ޒަހަމްވެފައިވާ ކަމަށާއި މިއީ އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި ޚާމަނާއީގެ ރިޔާސީ ކޮމްޕައުންޑަށް ލިިބިފައިވާ ގެއްލުންތަކަށް ބަލައި ލަފާކުރާ ގޮތެއް ނޫން ކަމަށް ވެސް ބުންޏެވެ. ޗެނަލް 12 އިން ބުނި ގޮތުގައި ޚާމަނާއި އުޅުއްވާ ކަމަށް ބެލެވޭ ކޮމްޕައުންޑަށް އިޒްރޭލާއި އެމެރިކާއިން 30 ބޮން އަޅާފައިވެ އެވެ. 

ޚާމަނާއީގެ ބަޔާނެއް ކުޑަ އިރުކޮޅެއްގެ ތެރޭ އީރާންގެ ޓީވީން ދައްކަން ނިންމާފައިވާ ކަމަށާއި އެކަމަކު އެއީ ކުރިން ރެކޯޑްކޮށްފައިވާ ބަޔާނެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ ޗެނަލުން ބުންޏެވެ. އަދި ބުނީ މިއަދުގެ ހަމަލާތަކުގައި އީރާންގެ ވެރިންނަށާއި އަސްކަރީ ތަންތަނަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. 

އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓާ 'ކަން' އިން ބުނީ ޚާމަނާއީއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ވީގޮތެއް އަދި ސާފު ނުވާ ކަމަށެވެ. 

މިއަދު ހެނދުނު އެންމެ ފުރަތަމަ ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާން ސަރުކާރުގެ ވެރިންގެ އުޅުއްވާ ތަންތަން ހިމެނެ އެވެ. އީރާނުން ވަނީ ރައީސް މަސްއޫދު ޕެޒެޝްކިއަން ގަދަވެ ސަލާމަތުން ހުންނެވި ކަމަށް ބުނެފަ އެވެ. އެކަމަކު ޚާމަނާއީއާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ނުރަސްމީ ބައެއް މީޑިއާތަކުން އޮފިޝަލުންނާ ހަވާލާދީ ބުނެފައި ޚާމަނާއީ ވަނީ ހަމަލާގެ ކުރިން ރައްކާތެރި ތަނަކަށް ގެންގޮސްފައި ކަމަށެވެ. 

ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްކޮށްފައި ވާއިރު އީރާނުން މިހާރު ވެސް ދަނީ އިޒްރޭލާއި ސަރަހައްދުގެ އެކި ގައުމުތަކަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންނެވެ. އަދި އީރާނަށް ވެސް މި ވަގުތު ވެސް ވަރުގަދަ ހަމަލާތައް ދެމުން ގެންދާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.