އީރާނަށް މިއަދު ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އަސްކަރީ ދިފާއީ ނިޒާމަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިޒްރޭލުން ބުނާ ގޮތުގައި، އީރާނުގެ ހުޅަނގުގައި ވައިގެ ހަމަލާތަކުން ދިފާއުވުމުގެ ނިޒާމަށް ވެސް އަމާޒުކޮށް ހަމަލާދީފައިވެ އެވެ.
ރޭވިގެން ހަމަލާތައް އަމާޒުކޮށްފައިވަނީ، އީރާނުގެ އަސްކަރީ ގާބިލުކަން ނައްތައިލަން ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.
އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިން ކަމަށް އިޒްރޭލުން ބުންޏަސް، އެމެރިކާއާ ގުޅިގެން އިޒްރޭލުގެ އުދުވާނުތައް އަމާޒުކޮށްފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލް ޚާމަނާއީ އާއި ރައީސް މަސްއޫދު ޕިޒީޝްކިޔާން އަވަހާރަކޮށްލަން ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އާރާގްޗީ އެންބީސީ ނޫހަށް ވިދާޅުވީ، އިޒްރޭލުގެ ހަމަލާތައް ކާމިޔާބުވެފައިނުވާ ކަމަށާއި ޚާމަނާއީ ސަލާމަތުން އެބަހުންނެވި ކަމަށެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން މައި ސިޓީތަކަށް ވައިގެ ހަމަލާތައް އަމާޒުކޮށްފައިވާއިރު، އޭގެ ތެރެއިން ހަމަލާއެއް ސްކޫލަކަށް އަމާޒުވެ، 85 މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.
އެ ހަމަލާތަކުގެ ރައްދުގައި، އީރާނުން ވަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.
އޭގެ ތެރޭގައި ގަތަރާއި ބަހްރެއިން، އުރުދުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާ ވެސް ހިމެނެ އެވެ.
ވައިގެ ހަމަލާތަކާ އެކު، މެދުއިރުމަތީގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
އޭގެ ސަބަބުން ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން އެ ސަރަހައްދުގައި ފްލައިޓުތައް ކެންސަލްކޮށް، ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރައިފަ އެވެ.