ނޭފަތަށް ސްޕްރޭކުރާ ވެކްސިނަކުން ހުރިހާ ބާވަތެއްގެ އަރިދަފުސް ރޯގާ އާއި ކެއްސުމާއި ފްލޫ އަދި ފުއްޕާމޭގެ އިންފެކްޝަންތަކުން ރައްކާތެރިކޮށްދެވިދާނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށް އެމެރިކާގެ ރިސާޗް ޓީމަކުން ބުނެފި އެވެ.
ސްޓެންފޯޑް ޔުނިވަސިޓީގެ މި ޓީމުން ބުނީ ޖަނަވާރުންގެ ބޭނުންކޮށްގެން މި "ޔުނިވާސަލް ވެކްސިން" ޓެސްޓް ކޮށްފައިވާ ކަމަށާއި އިންސާނުންގެ ހަށިގަނޑުގައި އަދި މި ޓެސްޓު ނުކުރާ ކަމަށެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި އެ މީހުން މި ވެކްސިން އުފެއްދުމުގައި ވަނީ ވެކްސިން ޑިޒައިންކުރުމުގައި ވެއަތުވެދިޔަ 200 އަށް ވުރެ ގިނަ އަހަރު ބޭނުންކުރި ގޮތް ދޫކޮށްލައި އާ ގޮތްތަކެއް ހޯދައިފަ އެވެ.
މި ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ދިރާސާ އަދި އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައި ކަމަށް ވިޔަސް މިއީ ވަރަށް ޝައުގުވެރި އަދި ވަރަށް ބޮޑު ކުރިއެރުމަކަށް ވެދާނެ ދިރާސާއަކަށް ވެދާނެ އެވެ.
މިހާރު ބޭނުންކުރާ ވެކްސިންތަކުން ހަށިގަނޑަށް ދަސްކޮށްދެނީ އެއް އިންފެކްޝަނަކާ ދެކޮޅަށް މަސައްކަތް ކުރާށެވެ. ހިމަބިހި ވެކްސިން ހަމައެކަނި ހިމަބިހިން އަދި ފާނަބަސަންދު ވެކްސިނުން ހަމައެކަނި އެ ބަލިންނެވެ.
އެޑްވާޑް ޖެނާ 18 ވަނަ ގަރުނުގެ ފަހުކޮޅުގައި ވެކްސިން ތައާރަފުކުރި ހިސާބުން ފެށިގެން ވެކްސިން ހަދަމުން އަންނަނީ މިގޮތަށެވެ.
ސައިންސް ޖާނަލްގައި ބަޔާންކޮށްފައިވާ އެޕްރޯޗުގައި ދިފާއީ ނިޒާމް ތަމްރީނެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ދިފާއީ ސެލްތައް އެކަތި އަނެކައްޗާ މުއާމަލާތްކުރާ ގޮތް ނަކަލު ކުރެ އެވެ.
ނޭސަލް ސްޕްރޭއެއްގެ ގޮތުގައި ދޭ މި ވެކްސިނުން، ފުއްޕާމޭގައި ހުންނަ ވައިޓް ބްލަޑް ސެލް (މެކްރޯފޭޖްސް) "އެމްބާ އެލާޓް" ގައި ބަހައްޓަ އެވެ. އެހެން ހެދުމުން ކޮންމެ އިންފެކްޝަނަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަބަދު ތިބެނީ ސެލްތައް ތައްޔާރުވެގެންނެވެ.
ޖަނަވާރު ބޭނުންކޮށްގެން ކުރި ތަހުލީލުތަކުގައި މި ވެކްސިން ދިނުމުން، ފުއްޕާމޭގައި މި އަސަރު ތިން މަސް ދުވަސް ވަންދެން ހުރެ އެވެ.
ދިރާސާއިން ދެއްކި ގޮތުގައި ފުއްޕާމޭގެ ތެރެއިން ވައިރަސްތައް ހަށިގަނޑަށް ވަންނަ މިންވަރު 100 އާއި 1000 ގުނައާ ދެމެދުގެ މިންވަރަކަށް މިގޮތަށް ދަށްކޮށްލެވެ އެވެ.
ސްޓެންފޯޑްގެ މައިކްރޯބަޔޮލޮޖީ އެންޑް އިމިއުނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ޕްރޮފެސަރު ބާލީ ޕުލެންދްރަން ވިދާޅުވި ގޮތުގައި، ދިފާއީ ނިޒާމަށް ފިލައިގެން ދެމިގެންނަ އިންފެކްޝަންތަކާ ދެކޮޅަށް ވެސް މި ވެކްސިންގެ ސަބަބުން އަވަސް ސްޕީޑްގައި ދިފާއީ ނިޒާމުން ހަމަލާދޭން ފަށަ އެވެ.
މީގެ އިތުރުން މިއީ ދެ ވައްތަރެއްގެ ބެކްޓީރިއާ ކަމަށްވާ ސްޓެފިލޮކޮކަސް އޯރިއަސް އާއި އެސިނެޓޮބެކްޓާ ބައުމަނީ އިން ވެސް ރައްކާތެރިކޮށްދޭ ވެކްސިނެކެވެ.