އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސްވާ ނަމަ، ފައްކާކޮށްފައިވާ ޔުރޭނިއަމްގެ މައްސަލާގައި ދޫ ދޭން ތައްޔާރު ކަމަށް އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި، މާޖިދު ތަޚްތު-ރަވަންޗީ މިހެން ވިދާޅުވެފައި މިވަނީ މި މަހުގެ ހަވަނަ ދުވަހު އީރާނާއި އެމެރިކާއިން ނިއުކްލިއާ މަޝްވަރާތައް އަލުން ފަށާފައި ވަނިކޮށެވެ. އޯމާންގައި ބޭއްވި އެ މަޝްވަރާތަކަށް ފަހު ނިއު ޒީލޭންޑުން ހޮނިހިރު ދުވަހު ވަނީ މަޝްވަރާތަކުގެ އާ ބުރެއް އަންނަ ހަފްތާގައި ޖެނީވާގައި ބާއްވަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
މި މަޝްވަރާތަކާ ބެހޭ ގޮތުން އީރާނުން ރަސްމީކޮށް އަދި ވާހަކަ ދައްކާފައި ނުވި ނަމަވެސް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ އިސްވެ ހުންނަވައިގެން އޯމާންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ވެސް ބައިވެރިވެ ވަޑައިގަތް ތަޚްތު-ރަވަންޗީ ވިދާޅުވީ ޖެނީވާގައި އަންގާރަ ދުވަހު މަޝްވަރާތައް އަލުން ފަށާނެ ކަމަށެވެ.
އެމެރިކާ އާއި ޔޫރަޕްގެ ގައުުމުތަކުންނާއި، މެދުއިރުމަތީގެ ހަމައެކަނި ނިއުކްލިއާ ބާރު ކަމަށް ތަޖުރިބާކާރުން ގަބޫލުކުރާ އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އީރާނުން ނިއުކްލިއާ މަޝްރޫއު ހިންގަނީ ނިއުކްލިއާ ބޮން އުފެއްދުމުގެ ބޭނުމުގަ އެވެ.
މި ތުހުމަތަށް އީރާނުން އަބަދުވެސް އިންކާރުކޮށް ބުނަމުން އަންނަނީ މަދަނީ ބޭނުންތަކަށް ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްގީކުރުމަކީ އެ ގައުމަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.
ތަޚްތު-ރަވަންޗީ ވިދާޅުވީ އީރާން އޮތީ އެ ގައުމުން މަތީ ދަރަޖައަކަށް ފައްކޮށްފައިވާ ޔުރޭނިއަމް ޑައިލޫޓްކުރަން [އެހެން މާއްދާތަކާ އެއްކޮށް ބާރު ދަށްކުރަން] ތައްޔާރަށް ކަމަށެވެ. އެކަމަކު ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ، އީރާންގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ބީބީސީގެ އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.
"އެމެރިކާގެ ފަރާތުން ތެދުވެރިކަމާ އެކު މިގޮތަށް އަމަލުކުރާ ނަމަ، އަޅުގަނޑަށް ޔަގީން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް،" ތަޚްތު-ރަވަންޗީ ވިދާޅުވި އެވެ.
ބީބީސީން ބުނީ އީރާނުން ފައްކާކޮށްފައިވާ 400 ކިލޯއަށް ވުރެ ގިނަ ޔުރޭނިއަމް އެހެން ގައުމަކަށް ބަދަލުކުރަން އެއްބަސްވެދާނަންތޯ އެހުމުން އެއީ ވެސް ވެދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި ކަމަށެވެ. ނަމަވެސް މިއީ މަޝްވަރާތައް ކުރިއަށްދާ ގޮތަކުން ނޫނީ ޔަގީންކަމާ އެކު ޖަވާބު ދެވޭނެ ސުވާލެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރަޝިޔާ އާއި އެހެން އެތައް ގައުމަކުން ވަނީ އީރާންގެ ޔޫރޭޕިއަމް ސްޓޮކްޕައިލް އެ ގައުމުތަކަށް ގެންގޮސް ރައްކާކޮށްދޭން ހުށަހަޅައިފަ އެވެ. އެކަމަކު އީރާނުން މިހާތަނަށް އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ.
އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އިޒްރޭލާއި އެމެރިކާ އިން މިދިޔަ އަހަރުގެ ޖޫން މަހު ދިން ހަމަލާތަކުގެ ކުރިން ނިއުކްލިއާ އިންސްޕެކްޓަރުންނަށް އެންމެ ފަހުން ފެނުނު 60 ޕަސެންޓަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ 400 ކިލޯގްރާމްގެ ސްޓޮކަށް ވީ ގޮތަކާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.
މީގެ ކުރިން އީރާނާ އެކު ހެދި އަދި 2015 ވަނަ އަހަރު އުވާލާފައިވާ ނިއުކްލިއާ އެއްބަސްވުމުގައި އޮތް ގޮތުން ނަމަ ޔޫރޭނިއަމް ފައްކާކުރުން އީރާނަށް ހުއްދަ އޮންނަނީ 3.67 ޕަސެންޓަށެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބުނާ ގޮތުގައި ނިއުކްލިއާ ބޮމެއް ހެދުމަށް ބޭނުންވަނީ 90 ޕަސެންޓަށް ފައްކާކޮށްފައިވާ ޔުރޭނިއަމް އެވެ. އެހެންވެ އީރާނުން ވަނީ ބޮމެއް ހެދުމަށް ބޭނުންކުރެވޭ މިންވަރާ ގާތަށް ޔުރޭނިއަމް ފައްކާކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވަމުން ގެންދަވަނީ އީރާނުން އެއްވެސް ވަރަކަށް ޔުރޭނިއަމް ފައްކާކޮށްގެން ނުވާނެ ކަމަށެވެ.
"ޒީރޯ އެންރިޗްމަންޓް [ޔުރޭނިއަމް އުފެއްދުން ހުއްޓާލުމުގެ] މައްސަލައަކީ މިހާރު އީރާންގެ ނަޒަރުގައި އޮތް މައްސަލައެއް ނޫން. އެ މައްސަލަ މިހާރު މަޝްވަރާއަކު ނެތް،" ތަޚްތު-ރަވަންޗީ ބީބީސީއަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ފާސް ނިއުސް އޭޖެންސީން ބުނި ގޮތުގައި މި މަޝްވަރާތަކުގައި އީރާނުގެ ހަކަތައިގެ ދާއިރާގައި އެމެރިކާއިން އިންވެސްޓް ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ. -- އޭއެފްޕީ